(27 ޖޫންގެ އަދަދާ ގުޅޭ)
7. އިސްލާމީ ޖުމްހޫރިއްޔަތުގައި ނުވަތަ ޚިލާފަތުގައި ސަރުކާރުގެ ނިޒާމު ހިނގަމުންދިޔައީ މާތް اللّــه ގެ ފޮތާއި އެކަލާނގެ ރަސޫލާގެ ސުންނަތުގެ ނާރެހުގައެވެ. ނަމަވެސް އެއަށްފަހު އައި ދައުރުގައި އިސްކަންދެވުނީ މާލީ މަންފާތަކަށާއި ސިޔާސީ މަޤްޞަދުތަކަށެވެ. އާ މުސްލިމުންގެ އަތުންވެސް ޖިޒީ ނަގާން ފެށިއްޖެއެވެ. ސަރުކާރުގެ ޚަޒާނާ މުއްސަނދިކުރުމަށްޓަކައެވެ. ބަނޫ އުމައްޔަތުގެ ޒަމާނުގައި އެކަމުގެ މިސާލުތައް ފެންނާން ފަށައިފިއެވެ. الخــلافــة الــرّاشــدة ގެ ޒަމާނުގައި ބައިތުލްމާލަކީ އޭގެ ޙައްޤުވެރީންގެ އެއްޗެކެވެ. ޚަލީފާއަށް އެބޭކަލެއްގެ އުފާފުޅަށްޓަކައި ނުވަތަ ޚާންދާނުގެ ކުޅިސަމާއަށްޓަކައި ބައިލާރިވެސް ޚަރަދެއް ނުކުރެއްވޭނެއެވެ.
8. الخــلافــة الــرّاشــدة ގެ ދައުރުގައި ވެރިކަމަކީ ވެރީންގެ ނަސްލަށް ނަޤުލުވާކަމެއް ނޫނެވެ. ނަމަވެސް އޭގެފަހުންއައި ދައުރުތަކުގައި ބާރުގެ ބޭނުންކޮށްގެން ވެރިކަމަށް އަންނަ މީހުންގެ ޤަބީލާތައް އެތަކެއް ނަސްލުތަކަކަށް ވެރިކަން ކުރެއެވެ. އަނެއްބަޔަކު ތެދުވެ ވެރިކަން ފިރުކައިގަންނާންދެން ވެރިކަން ކުރެއެވެ.
ކުރީންވެސް ތަކުރާރުކޮށް ދަންނަވައިފައިވާ ފަދައިން خــلافــة الــرّاشــدة އާ އެއްވައްތަރުގެ ވެރިކަމުގެ ނިޒާމަށް ވަރަށްގިނަ ޢިލްމުވެރީންވަނީ إســلامـــــى جـمـهـــوريّــــة ގެ އިސްޠިލާޙު ބޭނުންކުރައްވައިފައެވެ. އެކަމަކު އެ އިސްތިލާޙު ބޭނުންކުރައްވައިފައިވަނީ ޒަމާނީ ސިކުނޑިތައް އަމާޒަކަށް ބައްލަވައިގެންނެވެ. އެފަދަ މީހުންނަށް ފަހުމުކޮށްދެއްވުމުގެ ވަސީލަތެއްގެ ގޮތުންނެވެ. އެހެނީ ޚިލާފަތޭ ބުނުމަކުން ޢާންމު ކިޔުންތެރީންނަކަށް އޭގެ މަފްހޫމް ދޭހަކޮށެއް ނުގަނެވެއެވެ.
الخــلافــة الــرّاشــدة އަށްފަހުވެސް ވެރިކަމަށް ވަޑައިގެންނެވި ބޭފުޅުން އެބޭފުޅުންގެ މަޤާމުގެ ނަމެއްކަމުގައި ބޭނުންކުރައްވައިފައިވަނީ ޚަލީފާ ކަމުގައިވާތީއެވެ. ނަމަވެސް خــلافــة عـلــــى مـنـهــاج الـنّـبـــوّة އޭރުވަނީ ނިމުމަކަށް އައިސްފައެވެ. ޚިލާފަތުގެ ބަދަލުގައިވަނީ ގަދަފަދަ އިސްލާމީ ރަސްކަން ޤާއިމުވެފައެވެ. ޚިލާފަތުގެ ނިޒާމަކީ ރަސްކަމެއް ނޫނެވެ. މިޒަމާނުގެ ގޮތަށް ފުރިހަމަ ޖުމްހޫރިއްޔަތެއްވެސް ނޫނެވެ. ޝައްކެއްނެތެވެ. ރަސްކަމުގެ ނިޒާމަށްވުރެ އިސްލާމީ ޚިލާފަތުގެ ނިޒާމާ ކައިރީ ޖުމްހޫރީ ނިޒާމެވެ.
إســلامـــــى جـمـهـــوريّــــة އެއްގައި ޚަލީފާގެ އެންމެ އިސްވާޖިބަކީ އިސްލާމީ ޝަރީޢަތް ތަންފީޒުކުރެއްވުމެވެ. ޙައްދުތައް ޤާއިމުކުރެއްވުމެވެ. ޤައުމުގައި ޢަދުލުއިންޞާފު ޤާއިމުކުރެއްވުމެވެ. އެ ނިޒާމުގައި ވެރިމީހާގެ ދަރިފުޅު ނުވަތަ ވާރުތަވެރިޔާ ވަލީޢަހްދަކަށް ހަދާކަށެއް ޖާގައެއްނެތެވެ. ވިރާސީ ވެރިކަމަކަށް ޖާގައެއްނެތެވެ.
أميـــرالمـؤمـنــيـن عـمــر بـــن الخطّــاب رضـى اللّــه عــنـــه އަށް ދެންނެވުނެވެ. "ކަލޭގެފާނުގެ ދަރިކަލުން عبـداللّــه بـــن عــمــر رضى اللّــه عــنـــه ކަލޭގެފާނު ޤާއިމުމަޤާމަކަށް ހައްދަވާށެވެ."
عــمــر ގެފާނު އެކަމާ އިންކާރުކުރައްވައި ވިދާޅުވިއެވެ. "خطّــاب ގެ ޢާއިލާއިން އެކަކު މި ޒިންމާއާމެދު ޖަވާބުދާރީވުމުން ފުދެއެވެ." أميـــرالمـؤمـنــيـن عـلـــى بـــن أبــى طـالـب رضـى اللّــه عــنـــه އެކަލޭގެފާނަށްފަހު إمــام حسـن رضـى اللّــه عــنـــه ވަލީޢަހްދަކަށް ނުހައްދަވައެވެ. މީސްތަކުން އެކަލޭގެފާނު އިންތިޚާބުކޮށް އެކަލޭގެފާނުގެ އަތްޕުޅުމައްޗަށް ބައިޢަތު ހިފީއެވެ. ޢާއިލާއެއްގެ އެއްނަސްލަކަށްފަހު އަނެއް ނަސްލަކަށް ވެރިކަން ލިބެމުންދިޔުމަކީ އިސްލާމީ ސިޔާސީ ނިޒާމުން އެއްކިބާވުމެވެ. އެއީ ފާޑުކިޔަންޖެހޭ ކަމެކެވެ. އެކަމާދެކޮޅަށް ފިޔަވަޅު އަޅާންޖެހޭ ކަމެކެވެ.
ألإمــام حسيـن بـــن عـلــى رضـى اللّــه عــنـــه އެކަލޭގެފާނުގެ ފުރާނަފުޅު ޤުރްބާންކުރެއްވީ إســلامـــــى جـمـهـــورى ނިޒާމާއި ޝޫރާއީ ނިޒާމު ދިފާޢުކުރެއްވުމަށްޓަކައެވެ. خــلافــة الــرّاشــدة އަށްފަހު އިސްލާމީ ރިޔާސަތުގެ ރޭލުވަނީ ދަގަނޑުން ކައްސައިލައިފައެވެ. ޝޫރާއީ ނިޒާމާއި އިންތިޚާބީ ނިޒާމުވަނީ އުވައިލެވިފައެވެ. ޞަޙާބީންގެ ތެރޭގައިވެސް އޮތީ އެކަމާ ހިތްޕުޅު ހަމަޖެހިވަޑައިނުގެންނެވުމެވެ. މުސްލިމުންގެ އިޙްތިރާމާއި ލޯބި އެންމެބޮޑަށް ލިބިވަޑައިގެން ތިއްބެވި ބޭކަލުންގެ ތެރެއިން އެއްވަނަޔަށް ފާހަގަކުރެވެނީ އަހްލުބައިތުންނެވެ. أميـــرمـعــاويــة އެކަލޭގެފާނުގެ ދަރިކަލުން يـــزيــد އަށް ވަލީޢަހްދުކަން ދެއްވީ އެކަމަށްޓަކައި މުރަނަކަން ބޭނުންކުރައްވައިގެންނެވެ. حسيـن رضـى اللّــه عــنـــه، يـــزيــد އަކަށް ބައިޢަތެއް ނުހިއްޕަވައެވެ. އެކަލޭގެފާނުގެ ފިޔަވަޅުފުޅުން އެތަމްސީލުކޮށްދެއްވީ މުސްލިމު ޢާންމުންގެ ޖަޒުބާތެވެ.
އެކަލޭގެފާނު ޝަހީދުވުމަށްފަހު عـبـد اللّــه بـــن الـزّبـيـــر رضـى اللّــه عــنـــه ގެ މަސައްކަތްޕުޅު ވަރަށް މުހިންމެވެ. އެދެބޭކަލުން މަސައްކަތްޕުޅު ކުރެއްވީ إســلامـــــى خــلافــــة އަށް އަލުން ދިރުން ގެނެސްދެއްވުމަށްޓަކައެވެ. މުސްލިމުންގެ ފަޤީހުންގެ މައުޤިފުވެސް މުލޫކިއްޔަތާ ޚިލާފެވެ. އެދުވަސްވަރު އެންމެބޮޑަށް "ސިއްކަފުޅު ހިނގާ" ފަޤީހުން ރަސްކަމަކަށް ތާއީދެއް ނުކުރައްވައެވެ. އެބޭކަލުންނަކީ މިއަދާހަމަޔަށްވެސް އިސްލާމީ އުންމަތް އެބޭކަލުންނަށް ތަބާވާ ބޭކަލުންނެވެ. އާދެ، އެބޭކަލުންގެ މައުޤިފަކީ މުންކަރާތް ނަހީކުރެއްވުމެވެ. ސަރުކާރު އިޙްތިސާބު ކުރެއްވުމެވެ. ޖަވާބުދާރީ ކުރެއްވުމެވެ. އެބޭކަލުންގެ ތެރެއިން ألإمــام أبـــوحــنيــفـــة ގެ ނަންފުޅާއި މަސައްކަތްޕުޅު ވަކީން ޚާއްޞައެވެ. "ސަރުކާރުގެ ރޭލު" އަލުން އިސްލާމީ ސިޔާސީ ނިޒާމުގެ ދަގަނޑަށް އަރުއްވަން އެކަލޭގެފާނު ނުހަނު ގަދައަޅުއްވައި މަސައްކަތްޕުޅު ކުރެއްވިއެވެ. (إمــام أبـــوحــنيــفـــة ގެ ސިޔާސީ ޙަޔާތްޕުޅު: މައުލާނާ މަނާޒިރު އަޙްސަން ގީލާނީ) ދީނުގެ އަރައިތިއްބެވި ފިޤުހުވެރީން ވިދާޅުވާގޮތުގައި އަންނަނިވި ޙާލަތްތަކުގައި ވެރިމީހާ ވެރިކަމުން ދުރުކުރާން އުޅުން ޞައްޙަވާނެއެވެ. އަދި ކީއްތޯއެވެ؟ މަޝްރޫޢުވާނެއެވެ. إمــام حسيـن އާއި عـبـد اللّــه بـــن الـزّبـيـــر (رضـى اللّــه عـنــهــم) ގެ މަސައްކަތްޕުޅަކީ އޭގެ މިސާލެކެވެ.
ވެރިޔަކު ގަދަބަދަވިކަން ޚިޔާރުކޮށް އަނިޔާވެރިޔަކު ކަމުގައިވެގެންފި ހިނދެއްގައެވެ. އޭނާ ވެރިކަމަށް އެރީ ގަދަބަދަވިކަމުގެ ޒަރީޢާއިން ކަމުގައިވާނަމައެވެ. ނުވަތަ ވިރާސީ ނިޒާމެއްގެ ތެރެއިން ވެރިކަމަށް އައިކަމުގައި ވާނަމައެވެ. އެމީހެއްގެ ކިބައިގައި އަމާރަތާއި ޚިލާފަތުގެ އެކަށީގެންވުމެއް ނެތްކަމުގައި ވާނަމައެވެ. އިސްލާމީ ޝަރީޢަތް ތަންފީޒުކުރުމުގެ އަސާސީ ކަންކަންވެސް އެމީހެއްގެ ފުށުން ޙާޞިލުވަމުން ނުދާނަމައެވެ. އެމީހެއްގެ ކިބައިގައި ޢަދުލުވެރިކަމެއް އިންސާފުވެރިކަމެއް ނެތްކަމުގައި ވާނަމައެވެ. އިސްލާމްދީން މަތިވެރި ކުރުމުގައި އޭނާގެ ފުށުން ފައިދާއެއް ލިބެމުން ނުދާނަމައެވެ. އިސްލާމްކަމާއި މުސްލިމުން އަނިޔާއިން ސަލާމަތްކުރާން އޭނާ މަސައްކަތްކުރަމުން ނުގެންދާނަމައެވެ. ދީނީ އަގުތަކަށް ފަރުވާތެރިވުމެއް ޙުރުމަތްތެރިވުމެއް ނެތްކަމުގައި ވާނަމައެވެ. ޒަމާނަށް ފެތޭގޮތަށް ފުރިހަމަޔަށް ދީނީ ދަޢުވަތުދެމުން ގެންދިޔުމުގެ ރޭވުމެއް، ރޭވުންތެރިކަމެއް ނެތްކަމުގައި ވާނަމައެވެ.
ކުރީންވެސް ދެންނެވި ފަދައިން خــلافــة الــرّاشــدة އަށްފަހު إســلامـــــى جـمـهـــوريّــــة އަށާއި ޝޫރާއިއްޔަތަށާއި އިންތިޚާބީ ނިޒާމަށްވަނީ ވަރަށް ބޮޑެތި ގެއްލުންތަކެއް ލިބިފައެވެ. ތެދުތެދަށް ދަންނަވާނަމަ އުވައިލެވިފައެވެ. يـــزيــد بـــن مـعــاويـــة ގެ ވަލީއަޙްދުކަމަކީ އިސްލާމީ ސިޔާސީ އުސޫލުން އެއްފަރާތްވާން ފެށުމެވެ. އެއީ ވިރާސީ ވެރިކަމުގެ ނިޒާމު އިޚްތިޔާރުކުރުމުގެ މުޤައްދިމާއެވެ. خــلافــة الــرّاشــدة ގެ ޖުމްހޫރީވަންތަކަން ދޫކޮށްލައި ޤައިޞަރާއި ކިސްރާގެ އިސްތިބުދާދީ އަދި ވިރާސީ ނިޒާމު އިޚްތިޔާރުކުރުމުގެ ތަމްހީދެވެ. އެހެންކަމުން ކައުސާހިބާ صـلّــى اللّــه عـلـيــه وسـلّـــم ގެ މާފަދަރިކަލުން يـــزيــد އަކަށް ބައިޢަތެއް ނުހިއްޕެވިއެވެ. އަނެއްކޮޅުން يـــزيــد އަކީ ވެރިކަމަށް އަރައިއަރަފޯދޭ ބޭފުޅެއްވެސް ނޫނެވެ. إمــام حسيـن رضـى اللّــه عــنـــه ޝަހީދުވުމުގެ ތަށިކޮޅު ހިއްޕެވީއެވެ. އެކަލޭގެފާނު ޤުރްބާންވެވަޑައިގެންނެވީ ޢަދުލުވެރިކަން ޤާއިމުކުރެއްވުމަށްޓަކައެވެ. ޤުރްއާނުގެ ޙުކުމްތަކަށް ޢަމަލުކުރުވުމަށްޓަކައެވެ. ސަރުކާރު ހަމަމަގަށް އެޅުއްވުމަށްޓަކައެވެ. حسيـن ގެފާނު يـــزيــد އާ ދެކޮޅަށް ތެދުވެވަޑައިގެންނެވީ ޒާތީ މަންފާއަކަށްޓަކައެއް ނޫނެވެ. އަދި ކީއްތޯއެވެ؟ އެކަލޭގެފާނުގެ މުހިންމަތަކީ އިސްލާމީ ޚިލާފަތު ދިރުއްވައި އާލާކުރެއްވުމެވެ. މަޤްޞަދަކީ ވިރާސީ ވެރިކަމަކުން އިސްލާމީ ވެރިކަމުގެ ނިޒާމުގައި އުފެދިދާނެ ހަލާކާއި ނުރަނގަޅު ގޮތްތައް ދުރުކުރައްވައި خــلافــة الــرّاشــدة އަލުން ދިރުއްވުމެވެ. ކޫފީން އެރުވި ދަޢުވަތަށެވެ. މިއަދު ސޫރިޔާއާއި މިސުރާއި، ޢިރާޤާއި ތޫނިސްގެ އަނިޔާވެރި ވެރިކަމާއި ޝަރީޢަތާ ޚިލާފު ނިޒާމާމެދު މީހަކު ފިކުރުކޮށްލައިފިނަމަ إمــام حسيـن ކަރުބަލާއަށް ފުރައިވަޑައިގެންނެވުމުގެ ކުރީން ކުރެއްވި ތަޤްރީރު ހަނދާންވާނެއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ.
"އޭ މީސްތަކުންނޭވެ! رسـول اللّــه صـلّــى اللّــه عـلـيــه وسـلّـــم ޙަދީޘްކުރެއްވިއެވެ. މީހަކު އަނިޔާވެރިކަމާއެކު ވެރިކަންކޮށް މާތް اللّــه ޙަރާމްކުރެއްވި ކަންތައް ޙަލާލުކޮށް، މާތް اللّــه ގެ އަޅުތަކުންގެ މައްޗަށް ފާފަވެރިކަމާއި އަނިޔާވެރިކަމާއެކު ވެރިކަންކުރާތަން ފެނުމުން އެމީހެއްގެ ކިބައިގައި ބަހާއި ޢަމަލުން ޣީރަތު ނުއުފެދިއްޖެ ކަމުގައިވާނަމަ، އެ ޙާކިމެއްގެ ނުވަތަ ރަސްކަލެއްގެ ޖާގަޔަށް އެމީހަކު ނަރަކަޔަށް ލެއްވުމަކީ އަރަހުށި މާތް اللّــه އަށް ލިބިވޮޑިގެންވާ ޙައްޤެކެވެ. (ސިޔަރުއްޞަޙާބާ، ޝާހް މުޢީނުއްދީން އަޙްމަދު ނަދުވީ)
ބަނޫއުމައްޔަތާއި ބަނޫޢައްބާސިއްޔަތުގެ ދައުރުގެ ޚަލީފާއިންނަކީ ކޮންމެގޮތެއްގައިވެސް އިސްލާމީ އުންމަތުގައި މިޒަމާނުގައި މިތިއްބެވި ވެރީންނަށްވުރެ ހުރިހައިގޮތަކުންވެސް ހެޔޮކަންބޮޑު ވެރީންނެވެ. އެބޭފުޅުން ނަމާދު ޤާއިމުކުރައްވައެވެ. ނަމާދު ޤާއިމުކުރެވޭނެގޮތް ތަނަވަސްކޮށްދެއްވައެވެ. މިސްކިތްތައް މަރާމާތުކުރާނެ ޚަރަދު (ބަޖެޓް) ދެއްވައެވެ. ރިސާލާތުގެ ޙުރުމަތް ޤާއިމުކޮށްދެއްވައެވެ. އެކަމަކުވެސް އެބޭފުޅުންނަކީ ނަމޫނާ އިސްލާމީ ވެރީންނެއް ނޫނެވެ. އެބޭފުޅުން ތަޚުތުގައި އިށީނދެވަޑައިގަންނަވަމުން ގެންދެވީ ވިރާސީ ނިޒާމެއްގެ ދަށުންނެވެ. އެހެންކަމުން ޞަޙާބީން (رضـى اللّــه عـنــهــم) ގެ ތެރެއިން އެހައިތަނަށް ދުނިޔޭގައި ތިއްބެވި ބޭކަލުންނާއި ތާބިޢީންނާއި ދީންވެރީން (رحـمـهم اللّــه) އެބޭފުޅުންނާމެދު ރުހިވަޑައެއް ނުގަންނަވައެވެ. شــاه عــبــدالـــعـــــزيـــــز محـــــدّث دهـــلــــوى ވަނީ އެކަލޭގެފާނުގެ "ތުޙުފަތު އިޘްނާ ޢަޝަރިއްޔާ" ގައި ޞަރީޙުކޮށް އެވާހަކަ ލިޔުއްވައިފައެވެ. إمــام أبـــوحــنيــفـــة ވަނީ زيــد بـــن عـلــى އަށް ތާއީދުކުރައްވައިފައެވެ. 121ހ. ގައި زيــد بـــن عـلــى ، هشـــام بـــن عــبــدالمـلـك އާ ދެކޮޅަށް ބަޣާވަތްކުރެއްވުމުންނެވެ. ސަރުކާރު ވައްޓައިލައްވާން މަސައްކަތް ކުރެއްވުމުންނެވެ. إمــام أبـــوحــنيــفـــة ވަނީ زيــد ނުކުމެވަޑައިގެންނެވި ނުކުމެވަޑައިގެންނެވުމަކީ رسـول اللّــه صـلّــى اللّــه عـلـيــه وسـلّـــم ބަދުރު ހަނގުރާމަޔަށް ނުކުމެވަޑައިގެންނެވި ނުކުމެވަޑައިގެންނެވުމާ އެއްފަދަ ނުކުމެވަޑައިގެންނެވުމެއްކަމުގައި ވިދާޅުވެފައެވެ. (إمــام أبـــوحــنيــفـــة ގެ ސިޔާސީ ޙަޔާތްޕުޅު، މުރައްތަބާ މަނާޒިރު އަޙްސަންގީލާނީ) إمــام أبـــوحــنيــفـــة އަށް ޝަޚްޞީގޮތުން زيــد ގެ އަރިހުގައި ޖިހާދުގައި ބައިވެރިވެވަޑައެއް ނުގެންނެވުނެވެ. އެކަމަކު زيــد ގެ ތަޙްރީކަށް ދިހަހާސް ދީނާރުގެ ފައިސާގެ އެހީފުޅެއް ވެދެއްވިއެވެ. އަމިއްލަފުޅު ހަށިކޮޅާއިގެން ޢަމަލީގޮތުން ބައިވެރިވެވަޑައިނުގެންނެވުނީތީ ހިތާމަފުޅު ކުރެއްވިއެވެ. މައުލާނާ ގީލާނީ ލިޔުއްވާގޮތުގައި ހެޔޮކަންތައްތަކަށް އަމުރުކުރުމާއި މުންކަރާތް ނަހީކުރެއްވުމުގައި ޢަމަލީގޮތުން ބައިވެރިވެވަޑައިނުގެންނެވުނީތީ އެކަމާ ހިތާމަކުރައްވައި އިސްތިޣުފާރު ކުރައްވާކަމުގައި ވިދާޅުވިއެވެ. އެދުވަސްވަރު ބަނޫއުމައްޔަތުގެ ސަރުކާރު ވެއްޓިފައިވާ ޙާލަތަށް ބަލާއިރު އެސަރުކާރު ބަދަލުކުރާން މަސައްކަތްކުރުމަކީ އީމާންކަން ލާޒިމުކުރާ ކަމެއްކަމުގައި إمــام أبـــوحــنيــفـــة ވިދާޅުވެފައިވެއެވެ.
(ނުނިމޭ)