ރ. ކިނޮޅަސް ބަނދަރު ތަރައްގީކުރުމުގެ މަޝްރޫއުގެ ދަށުން ގްރޮއިން ޖެހުމުގެ 46 ޕަސެންޓް މަސައްކަތް ނިމިފައިވާ ކަމަށް އެ މަޝްރޫއުގެ ކޮންޓްރެކްޓަރު އެމްޓީސީސީން ބުނެފިއެވެ.

އެމްޓީސީސީން މިއަދު ބުނީ، އެ މަޝްރޫއުގެ ދަށުން މިހާރު ހުރި ހާބަރު ބޭސިން ފުންކުރުމުގެ 39 ޕަސެންޓް މަސައްކަތާއި އާ ހާބަރު ބޭސިން ފުންކުރުމުގެ 38 ޕަސެންޓް މަސައްކަތް ނިމިފައިވާ ކަމަށެވެ.

ކިނޮޅަސް ނެރުމައްޗަށް ފަސް އަރައި، ބަނދަރުން އޮޑިދޯނިފަހަރު ނުކުތުމަށް ހުރަސްތަކެއް ކުރިމަތިވެފައިވާތީ، ބަނދަރަށް ދިމާވެފައިވާ މައްސަލަ ހައްލުކުރުމަށް ސަރުކާރުން އެމްޓީސީސީއާ ހަވާލުކޮށްފައި ވަނީ މިދިޔަ އަހަރު އޮކްޓޯބަރު މަހުގައެވެ.

ޖުމުލަ 45.1 މިލިއަން ރުފިޔާގެ މި މަޝްރޫއުގެ ދަށުން ބަނދަރު ފުންކުރުމާއި 162 މީޓަރުގެ ސަރަހައްދެއްގައި ގްރޮއިންސް ޖެހުމާއި 285 މީޓަރުގެ ސަރަހައްދެއްގައި ބޭރުތޮށި ލުމާއި 65 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމެންޓް ޖެހުމާއި 186 މީޓަރުގެ ސަރަހައްދެއްގައި އެއްގަމުތޮށި ލުމާއި ރޭމްޕެއް ހެދުމާއި 1663.36 އަކަ މީޓަރުގެ ސަރަހައްދެއްގައި ޕޭވްމަންޓް ހެދުމާއި ނެރު ބައްތި ހަރުކުރުމާއި ބަނދަރު ބައްތި ހަރުކުރުމުގެ މަސައްކަތް ކުރާނެއެވެ..