ކުރިއަށް އޮތް ބޮޑު އީދާ ދިމާކޮށް ގައުމީ އެއާލައިން، މޯލްޑިވިއަނުން މެލޭޝިއާގެ ވެރިރަށް ކުއަލަ ލަމްޕޫރާއި ތައިލެންޑުގެ ވެރިރަށް ބެންކޮކަށް ހާއްސަ ފްލައިޓްތަކެއް ބާއްވަން ނިންމައިފިއެވެ.

މޯލްޑިވިއަނުން މިއަދު ބުނީ، ބޮޑު އީދަށް ގިނަ ބަޔަކު އެންމެ ދާން ބޭނުންވާ މަންޒިލަކީ މެލޭޝިއާ ކަމަށް އެ އެއާލައިނުން ނެގި ޕޯލްއަކުން ދައްކާފައިވާތީ އެކަމާ ގުޅިގެން އެ ގައުމަށް ހާއްސަ ހަތަރު ފްލައިޓެއް ބާއްވަން ނިންމާފައިވާ ކަމަށެވެ. އެ ފްލައިޓުތައް ބާއްވާނީ މި މަހުގެ 8، 15، 22 އަދި 29 ވަނަ ދުވަހުއެވެ.

ބެންކޮކަށް މޯލްޑިވިއަނުން ބާއްވަން ނިންމާފައި ވަނީ ހާއްސަ ދެ ފްލައިޓެކެވެ. އެ ފްލައިޓުތައް އޮންނާނީ މި މަހުގެ 10 އަދި 17 ވަނަ ދުވަހުއެވެ.

މި ފްލައިޓުތަކަށް ބުކިން ހެއްދުމަށް މިހާރު ހުޅުވާލާފައިވާ އިރު، މި ފްލައިޓުތަކުން ކާގޯވެސް ގެނެވޭނެ ކަމަށް މޯލްޑިވިއަނުން މައުލޫމާތު ދެއެވެ.

ކުރިއަށް އޮތް ހައްޖު ދުވަހާއި ބޮޑު އީދާއެކު ޖުލައި މަހުގެ އަށް ވަނަ ދުވަހުން ފެށިގެން 12 ވަނަ ދުވަހާ ހަމައަށް ސަރުކާރު ބަންދުވާނެއެވެ.

އޭގެ އިތުރުން ޖުލައި މަހުގެ 13 އާއި 14 ބަންދުކުރުމަށް ސަރުކާރުން ނިންމާފައިވާ އިރު، ރާއްޖޭގެ މިނިވަން ދުވަހާ ގުޅިގެން ބަންދުވާ ޖުލައި މަހުގެ 26 އާއި 27 އާއެކު ޖުލައި 28 ވަނަ ދުވަސްވެސް ބަންދު ކުރަން ވަނީ ނިންމައިފައެވެ.