Close
ޚަބަރު

ބާ ކައުންސިލްގެ އެކްސްކޯއަށް ތިން ބޭފުޅަކު އިންތިހާބުކޮށްފި

އަލީ ޔާމިން

ބާ ކައުންސިލުގެ އެކްސްކޯއަށް އިތުރު ތިން މެމްބަރުން އިންތިހާބުކޮށްފިއެވެ.

މިދިޔަ މަހުގެ 11 ގައި ކުރިއަށް ގެންދިޔަ ބާ ކައުންސިލްގެ ދެވަނަ އެގްޒެކްޓިވް ކޮމެޓީގެ އިންތިހާބުގެ ފުރަތަމަ ބުރުގައި ވާދަކުރި މެމްބަރުންގެ އަދަދު މަދުވުމުން މިއަދު ވަނީ އެ އެގްޒެކްޓިވް ކޮމެޓީއަށް އިތުރު ތިން މެންބަރުން ހޮވުމަށް ފަހިވޯޓް މެދުވެރިކޮށް ދެވަނަ ބުރެއް ބާއްވައިފައެވެ.

ފަސް ގާނޫނީ ވަކީލަކު އިންތިހާބުގައި ވާދަކޮށްފައިވާއިރު، އެގްޒެކްޓިވް ކޮމެޓީއަށް އިންތިހާބު ވެފައިވަނީ ދީނާ ހުސައިން އާއި އަލީ އަބްދުލްލަތީފް އަދި އައިޝަތު މުނީޒާއެވެ. ނާކާމިޔާބުވެވަޑައިގަތީ، މަރިޔަމް ނިހާޔަތުގެ އިތުރުން ހަސަން ފަލާހަށެވެ.

މި އިންތިހާބުގެ ނަތީޖާއާއެކު ބާ ކައުންސިލްގެ ދެވަނަ އެގްޒެކްޓިވް ކޮމެޓީގެ މެމްބަރުންގެ ގޮތުގައި ހިމެނެނީ، ބާ ކައުންސިލްގެ ރައީސް އިސްމާއީލް ވިޝާމާއި ނައިބު ރައީސް މިޒްނާ އަހުމަދާއި އަހުމަދު މުއިއްޒު އާއި އިބްރާހިމް ޝަމީލާއި ސާދިހު ނަސީރާއި ދީނާ ހުސައިން އާއި އަލީ އަބްދުލްލަތީފް އަދި އައިޝަތު މުނީޒާއެވެ.

މަގާމުގެ ހައިސިއްޔަތުން ބާ ކައުންސިލްގެ އެކްސޯގައި ހިމެނިވަޑައިގަންނަވާނީ ބަންޑާރަ ނައިބު އިބްރާހިމް ރިފްއަތެވެ.