ކުޅިވަރު

ދުނިޔޭގެ ފުޓްބޯޅަ: އެންމެ ބޮޑު އާމްދަނީއެއް ލިބޭ އެފްރިކާގެ ހަ ކުޅުންތެރިން

އިމާދު ލަތީފު

ލިވަރޕޫލަށް ކުޅެމުންއައި ސެނެގޯލްގެ އުމުރުން 30 އަހަރުވީ ފޯވާޑް ސާޑިއޯ މާނޭ ވަނީ ޖާރމަނީގެ އެންމެ ބޮޑު އަދި ކާމިޔާބު ކުލަބްކަމަށްވާ ބަޔާން މިއުނިކަށް ތިން އަހަރުގެ އެއްބަސްވުމެއްގައި ދާދިފަހުން ސޮއިކޮށްފައެވެ. ޖުލައި އެކަކުން ފެށިގެން މާނޭ ފެންނާނީ ބަޔާން މިއުނިކްގެ ކުޅުންތެރިއެއްގެ ގޮތުގައެވެ. އޭނާގެ ސޮއި ބަޔާން މިއުނިކުން އަތުލީ ލިވަރޕޫލަށް 43 މިލިޔަން ޑޮލަރުގެ ޓްރާންސްފަރ ފީއެއް ދެއްކުމަށްފަހުގައެވެ. ސާޑިއޯ މާނޭގެ ޓްރާންސްފަރ ފީޔަކީ ނިސްބަތުން އެހާބޮޑު އަދަދަކަށް ނުވިޔަސް އޭނާގެ މުސާރަ ނުހަނު ބޮޑެވެ. މާނޭއަށް ބަޔާން މިއުނިކުން ލިބޭ މުސާރަޔަކީ އެނގިފައިވާގޮތުގައި ބަޔާންގެ ތާރީޚުގައިވެސް ކުޅުންތެރިޔަކަށްދޭ އެންމެ ބޮޑު މުސާރައެވެ. ތިރީގައި އެވަނީ މިވަގުތު އެންމެ ބޮޑު އާމްދަނީއެއް ލިބެމުންދާ އެފްރިކާގެ ހަ ކުޅުންތެރިންގެ ވަނަވަރެވެ.

1- ސާޑިއޯ މާނޭ (ސެނެގޯލް)

ސާޑިއޯ މާނޭއަށް ބަޔާން މިއުނިކުން މުސާރައިގެ ގޮތުގައި ހަފުތާއަކު 304 ހާސް ޑޮލަރު ދޭނެއެވެ. އޭގެ މާނަޔަކީ މާނޭގެ ކޮންޓްރެކްޓްގައިވާ ތިން އަހަރުގެ ތެރޭގައި 47 މިލިއަން ޑޮލަރު ލިބުމެވެ. މިއީ އެފްރިކާއަށް ނިސްބަތްވާ ކުޅުންތެރިޔަކަށް ލިބޭ އެންމެ ބޮޑު މުސާރައެވެ. އަދި މިއީ ލިވަރޕޫލުން މާނޭއަށް ލިބުނު މުސާރައިގެ ގާތްގަޑަކަށް ތިންގުނަ ބޮޑު އަދަދެކެވެ. ލިވަރޕޫލުން މުސާރައިގެ ގޮތުގައި މާނޭއަށް ދިނީ ހަފުތާއަކު 121 ހާސް ޑޮލަރެވެ. ސެނެގޯލްގައި ހުރެފައި ޔޫރަޕަށްގޮސް މާނޭ އެންމެ ފުރަތަމަ ކުޅުނީ ފްރާންސްގެ މެޒްއަށެވެ. އެއަށްފަހު އޮސްޓްރިޔާގެ ރެޑްބުލް ސޯލްޒްބާގަށެވެ. ދެން އިންގްލެންޑުގެ ސައުތެމްޓަނަށެވެ. އެއަށްފަހު އިންގްލެންޑްގެ ލިވަރޕޫލަށެވެ. ދުނިޔޭގެ ގިނަބައެއްގެ ލޮލުގައި މާނޭ އަޅައިގަތީ ލިވަރޕޫލަށް ކުޅުނުއިރުއެވެ.

2- މުހައްމަދު ސަލާހު (މިސްރު)

މިސްރުގެ ފޯވާޑް މުހައްމަދު ސަލާހު މިވަގުތު ކުޅެމުންދަނީ އިންގްލެންޑުގެ ލިވަރޕޫލަށެވެ. އޭނާއަށް މުސާރައިގެ ގޮތުގައި ލިވަރޕޫލުން ދެނީ ހަފުތާއަކު 267 ހާސް ޑޮލަރެވެ. ސަލާހު ހިމެނެނީ ލިވަރޕޫލުން އެންމެ ބޮޑު މުސާރައެއް ލިބޭ ކުޅުންތެރިންގެ ތެރޭގައެވެ. މިސްރުގައި ހުރެފައި ޔޫރަޕަށްގޮސް ސަލާހު އެންމެ ފުރަތަމަ ކުޅުނީ ސުވިޒަރލެންޑުގެ ބަސެލްއަށެވެ. އެއަށްފަހު އިންގްލެންޑުގެ ޗެލްސީއަށް ވަރަށް ކުޑަދުވަސްކޮޅަކު ކުޅެފައި ދެން ބަދަލުވީ އިޓަލީގެ ފިއޮރެންޓީނާއަށެވެ. ދެން އިޓަލީގެ ރޯމާއަށެވެ. އެއަށްފަހު އިންގްލެންޑުގެ ލިވަރޕޫލަށެވެ. މިހާތަނަށް އެންމެ ގިނަ ދުވަހު ސަލާހު ކުޅުނު ޓީމަކީވެސް ލިވަރޕޫލެވެ. އަދި އޭނާއަށް ފުޓްބޯޅައިގެ އެންމެ މަތީ ހަރުފަތަށް ވާސިލްވެވުނީވެސް ލިވަރޕޫލްގެ ކުޅުންތެރިއެއްގެ ގޮތުގައެވެ.

3- ރިޔާޒު މަހްރާޒު (އަލްޖީރިޔާ)

ފްރާންސަށް އުފަން ރިޔާޒް ކަރީމް މަހުރާޒަކީ އިންގްލެންޑުގެ މެންޗެސްޓަރ ސިޓީގެ ވިންގަރެކެވެ. އަދި އަލްޖީރިޔާގެ ގައުމީ ޓީމުގެ ކެޕްޓަނެވެ. އަލްޖީރިޔާއަށް ކުޅެނީ މައިންބަފައިން ނިސްބަތްވާ ގައުމުކަމަށްވާތީއެވެ. އޭނާއަށް މުސާރައިގެ ގޮތުގައި މެންޗެސްޓަރ ސިޓީން ދެނީ ހަފުތާއަކު 243 ހާސް ޑޮލަރެވެ. މަހުރާޒުގެ ކެރިއަރުގައި އޭނާގެ ފުރަތަމަ ކުލަބަކީ ފްރާންސްގެ ގުއިމްޕެއާއެވެ. އެއަށްފަހު ފްރާންސްގެ ލިހަވްއަށެވެ. މަހްރާޒަށް ދުނިޔޭގެ ކަޅި ބޮޑަށް އަމާޒުވީ އިންގްލެންޑުގެ ލެސްޓަރ ސިޓީއަށް ކުޅުނު ދުވަސްވަރުގައެވެ. ލެސްޓަރ ސިޓީގައި ފަސް ސީޒަން ހޭދަކުރިއެވެ. އެކުލަބަށް ޖުމްލަ 158 މެޗުން 42 ގޯލް ޖަހާދީފައިވެއެވެ. އޭނާ މެންޗެސްޓަރ ސިޓީއަށް ސޮއިކުރީ 2018 ވަނަ އަހަރުގެ ތެރޭގައެވެ. މިހާތަނަށް އެކުލަބަށް 115 މެޗުން 38 ގޯލް ޖަހާދީފައިވެއެވެ.

4- ތޯމަސް ޕާރޓޭ (ގާނާ)

އުމުރުން މިހާރު 29 އަހަރުވީ ތޯމަސް ޕާރޓޭއަކީ އިންގްލެންޑުގެ އާސެނަލްއަށް ކުޅެމުންދާ މިޑްފީލްޑަރެކެވެ. އާސެނަލްއިން މުސާރައިގެ ގޮތުގައި ޕާރޓޭއަށް ދެނީ ހަފުތާއަކު 243 ހާސް ޑޮލަރެވެ. ތޯމަސް ޕާރޓޭގެ ކެރިއަރު ޔޫރަޕުގައި އޭނާ ފަށާފައިވަނީ ސްޕޭނުގެ ލެގާނެސްގައެވެ. އޭގެފަހުން އެތުލެޓިކޯ މެޑްރިޑުގައެވެ. އެތުލެޓިކޯގައި ހުރެފައި ލޯނު އެއްބަސްވުންތަކެއްގެ ދަށުން ސްޕޭނުގެ މަޔޯކާއާއި އަލްމެރިއާއަށްވެސް ކުޅުނެވެ. އެތުލެޓިކޯ މެޑްރިޑްގެ ސީނިއަރ ޓީމަށް 132 މެޗުން 12 ގޯލް ޖަހާދީފައިވެއެވެ. އޭނާ އާސެނަލްއަށް ސޮއިކުރީ 2020 ގައެވެ. އޭގެފަހުން މިހާތަނަށް 49 މެޗުގައި ދެގޯލް ޖަހާފައިވެއެވެ. މިފަހަރުގެ ވޯލްޑްކަޕުގައި ގާނާގެ އުއްމީދުތަކާ އެންމެ ބޮޑަށް ގުޅިފައިވާ ކުޅުންތެރިއަކީވެސް ތޯމަސް ޕާރޓޭއެވެ. އޭނާ އުފަންވީ ގާނާގެ ކުރޮބޯ އޮޑުމާސޭގައެވެ.

5- އަންދްރޭ އަޔޫ (ގާނާ)

އުމުރުން 32 އަހަރުވީ އަންދްރޭ އަޔޫއަކީ ގާނާގެ ގައުމީ ކެޕްޓަނެވެ. އޭނާ ހުސްވި 2021 ވަނަ އަހަރުން ފެށިގެން ކުޅެމުންދަނީ ގަތަރުގެ ކުލަބެއް ކަމަށްވާ އައްސާދަށެވެ. އަޔޫގެ ޕޮޒިޝަނަކީ ވިންގެވެ. މިހާތަނަށް އައްސާދުގެ ޖާޒީގައި ސޯޅަ މެޗުގައި ބާރަ ގޯލް ޖަހާފައިވެއެވެ. އައްސާދު ކުލަބުން މުސާރައިގެ ގޮތުގައި އަޔޫއަށް ދެނީ ހަފުތާއަކު 219 ހާސް ޑޮލަރެވެ. ގަތަރުގެ ލީގަށް ބަދަލުވުމުގެ ކުރިން ފްރާންސްގެ މާސޭއަށާއި ލޮރިއެންއަށް ކުޅުނެވެ. އިންގްލެންޑުގެ ސުވޯންސީއަށާއި ވެސްޓްހޭމަށް ކުޅުނެވެ. އަދި ތުރުކީގެ ފެނަބާޗޭއަށްވެސް ކުޅުނެވެ. ގާނާގެ ގައުމީ ޓީމަށް މިހާތަނަށް 107 މެޗުން 23 ގޯލް ޖަހާދީފައިވެއެވެ. އަންދްރޭ އަޔޫއަކީ ގާނާގައި އުފެދުނު އެންމެ މޮޅު ކުޅުންތެރިޔާ ކަމަށް ގިނަބަޔަކު ގަބޫލުކުރާ ފޯވާޑް އަބޭދީ ޕެލޭގެ ދަރިއެކެވެ.

6- އަޝްރަފް ހަކީމީ (މޮރޮކޯ)

އުމުރުން 23 އަހަރުވީ އަޝްރަފް ހަކީމީއަކީ މޮރޮކޯގެ ގައުމީ ޓީމާއި ފްރާންސްގެ އެންމެ ބޮޑު ކުލަބް ޕީއެސްޖީގެ ކުޅުންތެރިއެކެވެ. އޭނާގެ ޕޮޒިޝަނަކީ ކަނާތުބެކެވެ. ޕީއެސްޖީން އޭނާއަށް މުސާރައިގެ ގޮތުގައި ދެނީ ހަފުތާއަކު 207 ހާސް ޑޮލަރެވެ. އަޝްރަފް ހަކީމީ އުފަންވެފައިވަނީ ސްޕޭނުގެ މެޑްރިޑްގައެވެ. މޮރޮކޯއަށް އޭނާ ކުޅެނީ މައިންބަފައިން ނިސްބަތްވާ ގައުމުކަމަށް ވުމުންނެވެ. މޮރޮކޯގެ ސީނިއަރ ޓީމަށް ކުޅުމުގެ ކުރިން ވިހި އަހަރުން ދަށުގެ ޓީމަށާއި 23 އަހަރުން ދަށުގެ ޓީމަށްވެސް ކުޅެފައިވެއެވެ. ކްލަބް ފުޓްބޯޅަޔަށް ބަލާއިރު ސްޕޭނުގެ ރެއާލް މެޑްރިޑާއި ޖާރމަނީގެ ބޮރޫޝިއާ ޑޯޓްމުންޑާއި އިޓަލީގެ އިންޓަރ މިލާނަށްވެސް ކުޅެފައިވެއެވެ. ފްރާންސްގެ ޕީއެސްޖީއަށް ސޮއިކުރީ ހުސްވި 2021 ވަނަ އަހަރުގެ ތެރޭގައެވެ.