މިދިޔަ އަހަރުގެ ފެބްރުއަރީ މަހުގެ 8 ވަނަ ދުވަހު، ގއ. މާމެންދޫގައި ހިންގި މާރާމާރީއެއްގައި މަރާލި، އުމުރުން 17 އަހަރުގެ އަހުމަދު އުދައްޔުގެ މަރުގެ މައްސަލައިގައި، އޭނާގެ ބޭބެ ފިރުޝާން ޒާހިރުގެ ހެކިބަސް ނަގައިފިއެވެ.
އުދައްޔު މަރާލި މައްސަލައިގައި ދައުލަތުން ދައުވާކުރަނީ ގއ. މާމެންދޫ/ ރިހިފަރުދާގޭ، އަހުމަދު ޝަމީމާއި އެރަށު ބިލަތްމާގޭ ޝަރަފު ރަޝީދުގެ އިތުރުން އެރަށު ގުލްފާމުގޭ މުހައްމަދު މާޒިންގެ މައްޗަށެވެ. ތޫނު އެއްޗެއް ބޭނުންކޮށްގެން ގަސްދުގައި މީހަކު މެރުމުގެ ދަައުވާގެ އިތުރުން ނުރައްކާތެރި ހަތިޔާރެއް ބޭނުންކޮށްގެން މާރާމާރީ ހިންގުމުގެ ދައުވާވެސް އެ މީހުންގެ މައްޗަށް ދައުލަތުން ކުރެއެވެ.
އުދައްޔުގެ މަރާ ގުޅިގެން ކުޑަކުއްޖެއްގެ މައްޗަށްވެސް ދައުވާ ކޮށްފައިވެއެވެ. އެ ކުއްޖާގެ މައްސަލަ ޖުވެނައިލް ކޯޓުގައި ކުރިއަށްދާ އިރު، އެ ކުއްޖާއަށް މީހަކު މެރުމުގެ ކުށުގެ ދައުވާ އާއި މާރާމާރީ ހިންގުމުގެ ކުށުގެ ދައުވާ ވަނީ އުފުލައިފައެވެ. އެ މީހުންގެ މައްޗަށް ނުރައްކާތެރި ހަތިޔާރެއް ބޭނުންކޮށްގެން މާރާމާރީ ހިންގުމުގެ ދައުވާ އުފުލާފައިވަނީ އުއްދަޔުގެ އެއްބަނޑު ބޭބެ، ފިރުޝާނަށް ވަޅީން ހަމަލާދިން ކަމަށް ތުހުމަތު ކުރެވޭ މައްސަލައިގައެވެ.
އުދައްޔުގެ މަރުގެ މައްސަލައިގައި ކުރިމިނަލް ކޯޓުގައި މިއަދު ކުރިއަށް ގެންދިޔައީ ދައުލަތުގެ ހެކީންގެ ހެކިބަސް ނެގުމުގެ އަޑުއެހުމެކެވެ. އެގޮތުން ދައުލަތުން ވަނީ ހެކީންގެ ގޮތުގައި ފިރުޝާންއާއި އުދައްޔުއަށް ފަރުވާދިން ގއ. މާމެންދޫ ސިއްހީ މަރުކަޒުގެ ސީނިއާ ނަރުހެއް ކަމަށްވާ އަގްލީމާ ފުއާދުގެ ހެކިބަސް ނަގައިފައެވެ.
ހެކިބަސް ދެމުން ފިރުޝާން ބުނީ، އޭނާއަށް ހަމަލާ އަމާޒުވީ، އޭނާގެ ކޮއްކޮ އުދައްޔުއަށް ހަމަލާދިން ސަބަބު އޮޅުންފިލުވުމަށް ދިއުމުން ކަމަށެވެ. އަދި އެއިރު އޭނާ ހުރީ ބަނގުރާ ބޮއިގެން މަސްތުގެ ހާލަތުގައި ކަމަށް ބުންޏެވެ. ފިރުޝާން ބުނި ގޮތުގައި އޭނާއަށް ހަމަލާދިނީ ދައުވާ ލިބޭ، ތިން މީހުން ކަމަށްވާ، ޝަރަފާއި ޝަމީމާއި މާޒިންގެ އިތުރުން ކުޑަކުއްޖާއެވެ.
"އެމީހުން ތިބީ ވަޅިތައް ނަގައިގެން. ބުނީ އަންނާށޭ ކެރެންޏާމު. ދެން އަޅުގަނޑު ދިޔައީ އެތަނަށް. ދިޔައީމާ އެމީހުން އަޅުގަނޑު ގައިގަ މާރާމާރީ ހިންގައި ވަޅި ޖެހީ" ފިރުޝާން ބުންޏެވެ.
ދިފާއީ ވަކީލު ވަނީ ވަޅި ޖެހީ ކާކުތޯ ސުވާލުކޮށްފައެވެ. އެ ސުވާލަށް ޖަވާބު ދެމުން ފިރުޝާން ވަނީ ވަޅި ޖެހީ ސީދާ ކާކުކަން ނޭނގޭ ކަމަށް ބުނެފައެވެ. އަދި ވަޅި ޖެހިކަންވެސް އެނގުނީ ރަށްޓެއްސަކު ބުނުމުން ކަމަށް ބުންޏެވެ.
"ފުރަތަމަ ޖެހިއިރު އިއްޒަތްތެރި ގާޒީ އަޅުގަނޑަކަށް ނޭނގެ ވަޅިއަކުން ކަމެއް ޖެހީއެއް. އެމީހުން އަތުންނާ އެއްޗެހިން އަަޅުގަނޑުގައި ތެޅީ. އެއިރުގައި އަޅުގަނޑުގެ ގަޔަށް ވަޅި ޖެހީ، އަޅުގަނޑުގެ ރަށްޓެއްސެއް އަޅުގަނޑުގެ ގައިން ލޭ ފައިބާތީ މި ބުނީ. ބުނީމަ މި އެނގުނީ ވަޅި ޖަހާފައިކަން. އެހާ ހިސާބުން ނޭވާލާން އުނދަގޫވި، ދެން ގެންދިޔައީ ސިއްހީ މަރުކަޒަށް" ފިރުޝާން ބުންޏެވެ.
ފިރުޝާން ވަނީ އުދައްޔުއާ މެދު މާރާމާރީ ހިންގަނިކޮށް އޭނާގެ ލޮލުން ފެނިފައި ނުވާ ކަމަށް ބުނެފައެވެ. ނަމަވެސް އެކަމުގެ ވީޑިއޯއެއް ފެނުން ކަމަށާއި އުދައްޔުއަށް ހަމަލާ ދިނުމަށް ޝަރަފުއާ މާޒިން ދިޔަތަން ފެނުނު ކަމަށް ބުންޏެވެ. އަދި އެމީހުންނާ އެއްވެސް އަދާވާތްތެރިކަމެއް މިހާރު ނެތްކަމަށްވެސް ބުންޏެވެ.
އުދައްޔު ބެލި ނަރުސް އަގްލީމާ ހެކިބަސް ދެމުން ބުނީ، އުދައްޔު ސިއްހީ މަރުކަޒަށް ގެންދިޔައީ އެރޭ 10:00 ގެ ފަހުން ކަމަށެވެ. އަދި އުދައްޔު ގެންދިޔަ ދެ މީހުން، އޭނާގެ ބުރަކަށީގައި ވަޅިއެއް ހުރި ކަމަށް ބުނި ކަމަށާއި އަވަސް ފަރުވާ ދިނުމުގެ ކުރިން އެ ވަޅިތިލަ ޑޮކްޓަރުގ3 އަތުން ނައްޓުވާލި ކަމަށް ބުންޏެވެ.
އަގްލީމާ ބުނިގޮތުގައި ސިއްހީ މަރުކަޒަށް އުދައްޔު ގެންދިޔައިރު އޭނާ ވަރަށް އުނދަގުލުން ނޭވާލައެވެ. އަދި އޮކްސިޖަންދީ އިންޖެކްޝަންތައް ޖެހުމުން ލޭގައި އޮކްސިޖަން ހުންނަ މިންވަރު ކޮންމެވެސް ވަރަކަށް މަތިވުމަށްފަހު އަނެއްކާވެސް ދަށަށް ދިޔަ ކަމަށް ބުންޏެވެ. އަދި އެހާ ހިސާބުން ދެވޭނެ އިތުރު ފަރުވާއެއް ނެތުމުން ގއ. އަތޮޅު ހޮސްޕިޓަލަށް ގެންދިޔަ ކަމަށާއި އެއިރުވެސް އޮކްސިޖަން ގުޅާފައިވާ ކަމަށް ބުންޏެވެ.
އަގްލީމާ ބުނި ގޮތުގައި އުދައްޔު މަރުވިއިރެއް އޭނާއަކަށް ސާފެއް ނޫނެވެ.
ޚަބަރު
ޚަބަރު
ޚަބަރު