ކޮވިޑްގެ ފަރުވާއަށް ދުބާއީގެ އެގްޒެކިއުޓާސްއާ ހަވާލުކޮށްގެން 75 ވެންޓިލޭޓަރު 34 މިލިއަން ރުފިޔާއަށް އެކުންފުންޏަށް ދިން މައްސަލަ އާބިޓްރޭޝަނަށް ހުށަހަޅަން އެޓާނީ ޖެނެރަލްގެ އޮފީހުން ތައްޔާރުވެއްޖެއެވެ.
ވެންޓިލޭޓަރު ގެންނަން އެގްޒެކިއުޓާސް ކުންފުންޏަށް ދިވެހި ސަރުކާރުން ފައިސާ ދިންތާ ދެ އަހަރު ވެފައިވާއިރު، އަދިވެސް ވެންޓިލޭޓަރުތައް ލިބިފައެއް ނުވެއެވެ. ދިވެހި ސަރުކާރާއި އެގްޒެކިއުޓާސް ކުންފުންޏަށް ދެމެދު ވެވުނު އެއްބަސްވުމުގެ ދަށުން އެ ކުންފުނިން ވަނީ 15 ވެންޓިލޭޓަރެއް ފޮނުވައިފައެވެ. ނަމަވެސް ހެލެތް މިނިސްޓްރީން ބުނެފައިވަނީ އެ ވެންޓިލޭޓަރުތަކަކީ، އެއްބަސްވި ސްޕެސިފިކޭޝަންސްތަކާ އެއްގޮތް ނުވެގެން މިނިސްޓްރީން ރިޖެކްޓު ކޮށްފައިވާ ވެންޓިލޭޓަރުތަކެއް ކަމަށެވެ.
ވެންޓިލޭޓަރު ރިޖެޓްކުރުމަށްފަހު ހެލްތް މިނިސްޓްރީން ވަނީ، އެޑްވާންސްގެ ގޮތުގައި އެގްޒެކިއުޓާސްދިން 34 މިލިއަން ރުފިޔާ އަނބުރާ ދިނުމަށް އެކުންފުނީގައި އެދިފައެވެ. ނަމަވެސް އެ ކުންފުނިން އެފައިސާ އަނބުރާ ދީފައެއް ނުވެއެވެ.
އެ ފައިސާ އަނބުރާ ނުދިނުމުން ހެލްތް މިނިސްޓްރީން ވަނީ އެ މައްސަލަ އާބިޓްރޭޝަނަށް ހުށަހަޅައިދިނުމަށް އެޓާނީ ޖެނެރަލް އޮފީހުގައި އެދިފައެވެ.
އެޓާނީ ޖެނެރަލް އޮފީހުގެ ޑިރެކްޓާ ކޮމިއުނިކޭޝަން ހުސެއިން ހަސަން މިއަދު "ވަން" އަށް ވިދާޅުވީ، ހެލްތް މިނިސްޓްރީން އެގޮތަށް އެދުމުން އެ މައްސަލަ އާބިޓްރޭޝަނަށް ހުށަހެޅުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ. އެކަމާ ގުޅޭ އިތުރު މައުލޫމާތު އޭނާ ހިއްސާކުރައްވައިފައެއް ނުވެއެވެ.
"ވެންޓިލޭޓަރު މައްސަލަ އާބިޓްރޭޝަނަށް ހުށަހެޅުމަށް މިނިސްޓްރީ އޮފް ހެލެތުގެ ރިކުއެސްޓެއް ލިބިފައި އެބައޮތް. މައްސަލަ އާބިޓްރޭޝަންއަށް ހުށަހެޅުމަށް ކުރަންޖެހޭ ކަންކަން މި އޮފީހުން މިހާރު ގެންދަނީ ކުރަމުން،" ހުސެއިން ވިދާޅުވިއެވެ.
ވެންޓިލޭޓަރު ކޮރަޕްޝަންގެ މައްސަލައިގައި ތަހުގީގު ނިންމައި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) ވަނީ އެ މައްސަލަ ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހަށް މިމަހުގެ 15 ވަނަ ދުވަހު ފޮނުވައިފައެވެ.
މިއީ އެ މައްސަލަ އޭސީސީން ޕީޖީއަށް ފޮނުވި ހަތަރު ވަނަ ފަހަރެވެ. އޭގެ ކުރިން ކޮންމެ ފަހަރަކު ޕީޖީން ވަނީ އެ މައްސަލަ އަނބުރާ އޭސީސީއަށް ފޮނުވާލައިފައެވެ. ޕީޖީން ބުނެފައިވަނީ މައްސަލަ އަނބުރާ ފޮނުވާލާފައިވަނީ ތަހުގީގު ފުރިހަމަ ނުކުރެވި ހުރުމުންނާއި ދައުވާކުރަން އެކަށީގެންވާ މިންވަރަށް ހެކި ނެތުމުން ކަމަށެވެ.
ކޮވިޑާ ގުޅިގެން ވެންޓިލޭޓަރުތައް ހޯދުމުގައި ކޮރަޕްޝަނުގެ އަމަލުތައް ހިންގާފައިވާ މައްސަލައިގައި ހެލްތު މިނިސްޓްރީގެ 11 މީހެއްގެ މައްޗަށް ދައުވާކޮށްދިނުމަށް އެދި އޭސީސީން ވަނީ ޕީޖީ އޮފީހަށް ފޮނުވައިފައެވެ.
އެ މައްސަލައިގެ ތަހުގީގު ކުރިއަށް ގެންގޮސްފައިވަނީ، ޖޮއިންޓް އިންވެސްޓިގޭޝަނެއްގެ ގޮތުގައި އޭސީސީ އާއި ފުލުހުން ގުޅިގެންނެވެ
- ކުރީގެ ހެލްތު މިނިސްޓަރު އަބުދުﷲ އަމީން
- ކުރީގެ ޑެޕިޔުޓީ މިނިސްޓަރު ނިޝާމާ މުހައްމަދު
- ޑެޕިއުޓީ މިނިސްޓަރު ޝިޔާމާ މުހައްމަދު،
- ޑިރެކްޓަރު ނައުޝާދު އަލީ
- ޑިރެކްޓަރު (ފައިނޭންސް އެގްޒެކްޓިވް) އަހުމަދު އަސްލަމް
- ޑެޕިއުޓީ ޑިރެކްޓާ ޖެނެރަލް ޢަބްދުﷲ ޝަރީފް
- އެސިސްޓެންޓް ޑިރެކްޓަރު ފާތިމަތު ލިމްޔާ
- އެސިސްޓެންޓް ޑައިރެކްޓަރު އަބްދުﷲ ހަފީޒް
- ލީގަލް އޮފިސަރު އަލީ ޝިހާމް
- އެސިސްޓެންޓް އެޑްމިނިސްޓްރޭޓިވް އޮފިސަރު ހުސައިން ނިޔާޒް
- ބިޑް ކޮމިޓީގެ މެންބަރުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ އާމިނަތު ޝައުފާ
ޚަބަރު
ޚަބަރު
ޚަބަރު