ޚަބަރު

އާރްޓީއެލް ދަތުރުތައް ހއ. އަތޮޅުގައި ރަސްމީކޮށް ފެށުން އަންނަ އާދީއްތަ ދުވަހު

މުހައްމަދު ޖަމްޝަތް ވަހީދު

މުޅި ރާއްޖެ ހައި ސްޕީޑް ފެރީ ނިޒާމަކުން ގުޅައިލުމަށް ސަރުކާރުން ހިންގާ މަޝްރޫއުގެ ދަށުން ތައާރަފުކޮށްފައިވާ ރާއްޖެ ޓްރާންސްޕޯޓް ލިންކް (އާރުޓީއެލް) ގެ ހިދުމަތް އަންނަ އާދީއްތަ ދުވަހު ހއ. އަތޮޅުގައި ރަސްމީކޮށް ފެށުމަށް ހަމަޖެހިއްޖެ އެވެ.

އެމްޓީސީސީން ވަނީ "އިންޓަގްރޭޓެޑް ނޭޝަނަލް ޕަބްލިކް ފެރީ ނެޓްވޯކް" ފުރަތަމަ ފިޔަވަހީގެ ދަށުން "ރާއްޖެ ޓްރާންސްޕޯޓް ލިންކް" ގެ ހިދުމަތް ހއ އަތޮޅުގައި މިިދިޔަ އާދީއްތަ ދުވަހު ފަށައިފައެވެ. މިހާރު މި ހިދުމަތް އެ އަތޮޅުގައި ދެމުން އަންނަނީ ހިލެއެވެ.

އެމްޓީސީސީން މިއަދު ބުނީ މި މަޝްރޫއުގެ ޒޯން އެކެއްގެ ހިމެނޭ ހއ އަތޮޅަށް ކަނޑައަޅާފައިވާ އަގުތަކުގައި 3 ޖުލައި 2022 ވަނަ ދުވަހުން ފެށިގެން ރަސްމީކޮށް ފަށަން ހަމަޖެހިފައިވާ ކަމަށެވެ. އެޔާއެކު ފުރަތަމަ ފިޔަވަހީގެ ދަށުން އާރުޓީއެލްގެ ހިދުމަތް ޒޯން 1 ގެ ށ. އަތޮޅު ފިޔަވައި ދެން ހިމެނޭ ދެ އަތޮޅުކަމުގައިވާ ހދ. އަދި ހއ. އަތޮޅުގެ ރަށްތަކަށް ރަސްމީކޮށް ފެށުނީއެވެ.

އެމްޓީސީސީން ބުނީ 2 ޖުލައި 2022 އާ ހަމަޔަށް އެ އަތޮޅުގައި އާރް.ޓީ.އެލްގެ ދަތުރުތައް މުޅިން ހިލޭ ކުރެވޭނެ ކަމަށެވެ. އަދި ހިލޭ ދަތުރު ކޮށްދިނުމަށް ކަނޑައަޅާފައިވާ މުއްދަތުގެ މައިގަނޑު މަގުސަދަކީ ކަސްޓަމަރުން ޝެޑިއުލަށް އަހުލުވެރިކޮށް މި ހިދުމަތް ރަނގަޅަށް ތަޖުރިބާކުރުމުގެ ފުރުސަތު ދިނުން ކަމަށާއި އާރުޓީއެލްގެ ހިދުމަތް ރަސްމީކޮށް އަގުނ ނަގައިގެން ފެށުނު ނަމަވެސް، ތިން އަހަރުން ދަށުގެ ކުޑަކުދިންނާއި، އެންސްޕާގައި ރެޖިސްޓްރީވެފައިވާ ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށް ހިލޭ ދަތުރުކުރެވޭނެ ކަމަށް އެމްޓީސީސީން ބުންޏެވެ.

ހއ. އަތޮޅުގައި އާރްޓީއެލް ފެރީގެ ޓިކެޓު ހޯދުމަށް، އެމްޓީސީސީގެ އެކަމަށް ހާއްސަކޮށްފައިވާ ވެބްސައިޓް އަދި މޯބައިލް އެޕް މެދުވެރިކޮށްޓިކެޓް 1 ޖުލައި 2022 ވަނަ ދުވަހުން ފެށިގެން ޓިކެޓު ގަނެވޭނެ ކަމަށްވެސް އެކުންފުނިން ބުންޏެވެ.