ޕާޓީ އުވާލާނެކަމުގެ ނޯޓިސް ދީފައިވާ މުއްދަތުގެ ތެރޭގައި ޑީއާރްޕީން 3،000 މެންބަރުން ހަމަ ކުރުމާ ގުޅިގެން އެކަމުގެ ރަސްމީ ލިޔުން އިލެކްޝަން ކޮމިޝަން (އީސީ) އިން މިއަދު އެޕާޓީއާ ހަވާލުކޮށްފިއެވެ.

ސިޔާސީ ޕާޓީތަކުގެ ގާނޫނުގައިވާ ގޮތުން 3،000 މެމްބަރުން ހަމަނުވާތީ އުވާލާނެ ކަމުގެ ނޯޓިސް އީސީން ވަނީ ހަތަރު ޕާޓީއަކަށް މޭމަހުގެ 18 ވަނަ ދުވަހު ފޮނުވައިފައެވެ. އެ ޕާޓީތަކަކީ ޑީއާރްޕީ އާއި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް އެންމެ ފަހުން އުފެއްދެވި މޯލްޑިވްސް ރިފޯމް މޫވްމަންޓް (އެމްއާރުއެމް) އާއި މޯލްޑިވްސް ލޭބަ އެންޑް ސޯޝަލް ޑިމޮކްރަޓިކް ޕާޓީ (އެމްއެލްއެސްޑީ)ގެ އިތުރުން ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުގެ މޯލްޑިވްސް ތާޑްވޭ ޑިމޮކްރެޓިކްސް (އެމްޓީޑީ) އެވެ.

ގާނޫނުގައި ބުނާ އަދަދަށް މެމްބަރުން ހަމަކުރަން އެޕާޓީތަކަށް އީސީން ދިން މުއްދަތު ވަނީ މިމަހުގެ 15 ދުވަހު ހަމަވެފައެވެ. މުއްދަތު ހަމަވިއިރު، ހުރިހާ ޕާޓީއަކުން ވެސް ވަނީ މެމްބަރުންގެ އަދަދު ހަމަކުރަން ފޯމު ހުށަހަޅައިފައެވެ.

އިލެކްޝަންސް ކޮމިޝަނުން ނޯޓިސް ދިންއިރު ޑީއާރްޕީގެ ރަޖިސްޓްރީގައި އޮތީ 2269 މީހުންނެވެ. އެމްއާރްއެމްގެ ރަޖިސްޓްރީގައި އޮތީ 2280 މީހުންނެވެ. އަދި އެމްޓީޑީގެ ރަޖިސްޓްރީގައި 2457 މީހުން ތިބިއިރު އެމްއެލްއެސްގެ ރަޖިސްޓްރީގައި އޮތީ 2691 މެމްބަރުންނެވެ.