ދައުރުވަމުން ދަނީ އޭނާގެ ފޮޓޯތަކެއް ކަމަށާއި ނަމަވެސް އެއް ޖިންސުން ގުޅުން ހިންގުން ފަދަ ކަމެއް ކުރައްވާފައި ނުވާނެ ކަމަށް ޑީއާރްޕީގެ ކުރީގެ ލީޑަރު އަދި ރައްޔިތުން މަޖިލީހުގެ ނޮޅިވަރަމް ދާއިރާގެ ކުރީގެ މެމްބަރު މުހައްމަދު ނަޝީދު (ކާނަލް) ވިދާޅުވެއްޖެއެވެ.

ރައްޔިތުން މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ކޮއްކޯފުޅު ނާޒިމް ސައްތާރު އެއް ޖިންސުން ޖިންސީ ގުޅުން ހިންގި ކަމަށް ތުހުމަތުކުރާ ވީޑިއޯގައި ފެންނަ ކޮޓަރީގައި ކާނަލް ނަޝީދު ހުންނެވި ފޮޓޯއެއް މިއަދު ވަނީ ސޯޝަލް މީޑިއާގައި އާންމުވެފައެވެ.

އެ ފޮޓޯއާ ގުޅިގެން ކާނަލް ނާޝީދު މިއަދު ފޭސްބުކްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އެ ކޮޓަރިއަށް އޭނާ ގެންދިޔައީ ވިޔަފާރި ބައްދަލުވުމެއް ކަމެއް ބުނެ ކަމަށެވެ. އެތަނަށް އޭނާ ގެންދިޔަ މީހުންގެ މަގުސަދަކީ އޭނާ ލައްވައި އެއް ޖިންސުން ޖިންސީ ގުޅުން ހިންގުވުން ކަމަށެވެ.

"އަޅުގަނޑު އެކަމުން ބަރީއަތްވިން. އެ މީހުން މި ފޮޓޯ ލީކުކޮށްލާނެކަމުގެ ބިރު ދެއްކި. ދެ ލައްކަ ޑޮލަރު ހޯދަން އެދުނު. އަޅުގަނޑު ބުނިން ލީކުކޮށްލާށޭ. ލާރިއެއް ނުލިބޭނެޔޭ،" ކާނަލް ނަޝީދު ވިދާޅުވިއެވެ.

މީގެ އިތުރުން ކާނަލް ނާޝިދު ވިދާޅުވީ، އޭނާގެ ބަރަހަނާ ފޮޓޯއެއް ނުހުންނާނެ ކަމަށެވެ. އަދި އޭނާއަކީ އެއްވެސް ސިޔާސީ ޕާޓީއެއްގެ މެމްބަރެއް ނޫން ކަމަށެވެ.

ލީކުވެގެން އުޅޭ ވީޑިއޯތަކުގެ ތެރޭގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ކޮއްކޯފުޅު ނާޒިމް ސައްތާރު ކަމަށް ބެލެވޭ މީހެއް އެއްޖިންސުން ގުޅުން ހިންގާ ވީޑިއޯއަކާއި ހެންވޭރު ދެކުނު ދާއިރާގެ މެންބަރު ހުސެއިން ޝަހީމް (އަނދުން ހުސެއިން) ކަމަށް ބެލެވޭ މީހެއްގެ ބަރަހަނާ ފޮޓޯއެއްގެ އިތުރުން ބައެއް އެހެން ފަރާތްތަކުގެ ފޮޓޯ އާއި ވީޑިއޯ ހިމެނެއެވެ. ފުލުހުން އަންނަނީ މި މައްސަލަތައް ތަހުގީގު ކުރަމުންނެވެ.