ޚަބަރު

ޔޯގާ ހަމަނުޖެހުން: އިތުރު 2 މީހަކު ހައްޔަރުކޮށް، ޖުމުލަ އަދަދު 21 އަށް

ބައިނަލްއަގުވާމީ ޔޯގާ ދުވަސް ފާހަގަކުރުމަށް މިދިޔަ އަންގާރަ ދުވަހު ގަލޮޅު ސްޓޭޑިއަމްގައި ބޭއްވި ހަރަކާތް ކުރިއަށް ދަނިކޮށް އެތަނަށް ވަދެގަނެ, ހަމަނުޖެހުން ހިންގައި ހަމަލާދިން މައްސަލައާ ގުޅިގެން އިތުރު ދެ މީހަކު ހައްޔަރުކޮށްފިއެވެ.

އެ މައްސަލައިގައި މީގެ ކުރި ފުލުހުން ހައްޔަރު ކޮށްފައިވާ މީހުންނާއެކު މިހާރު ޖުމުލަ ހައްޔަރުކުރި މީހުންގެ އަދަދު ވަނީ 21 އަށް އަރައިފައެވެ.

ފުލުހުން މިއަދު ބުނީ، މި މަހުގެ 21 ވަނަ ދުވަހުގެ ހެނދުނު ނެޝަނަލް ސްޓޭޑިއަމްގައި ކުރިއަށްގެންދިޔަ ހަރަކާތަށް ހުރަސް އަޅައި އެ ހަރަކާތުގައި ބައިވެރިވި ބޭރު ގައުމުތަކުގެ ސަފީރުންނާއި ޑިޕްލޮމެޓުން އަދި އާންމުންނާ ދެކޮޅަށް ބިރުވެރިކަން އުފެދޭ ގޮތަށް އެތަނަށް ބަޔަކު ވަދެގަނެ ބައެއް މީހުންނަށް ހަމަލާދީ، ތަކެއްޗަށް ގެއްލުން ދީފައިވާ މައްސަލައާ ގުޅިގެން މިދިޔަ ހޮނިހިރު ދުވަހު ދެ މީހަކު ހައްޔަރުކޮށްފައިވާ ކަމަށެވެ.

އެއީ ނ. މިލަދޫ/ ކާނޭޝަންމާގެ، އަބޫބަކުރު ފާރިއު (25އ) އާއި ފ. ދަރަނބޫދޫ/ އާބާދީގުލްޝަން، ޝަބިމް އާދަމް (31އ) އެވެ. އެމީހުންގެ ތެރެއިން އަބޫބަކުރު ފާރިއު 60 ދުވަހަށް ބަންދުގައި ބެހެއްޓުމަށް އަމުރު ކޮށްފައިވާއިރު ޝަބިމް އާދަމް ބަންދު ކުރުމަށް އަމުރު ކޮށްފައިވަނީ 10 ދުވަހަށެވެ.

މި މައްސަލަ ސީރިއަސް މައްސަލައެއްގެ ގޮތުގައި ދިވެހި ފުލުހުންގެ ހިދުމަތުގެ ސީރިއަސް އެންޑް އޯގަނައިޒްޑް ކްރައިމް ޑިޕާޓްމަންޓުން ތަހުގީގު ކުރަމުންދާއިރު، ހާދިސާއާ ގުޅޭ މައުލޫމާތާއި ފޮޓޯ އަދި ވީޑިއޯ އެއްކުރުމަށް އޮންލައިން ޕޯޓަލްއެއްވެސް ވަނީ ގާއިމުކޮށްފައެވެ.

އެފަދަ މައުލޫމާތުތައް https://www.police.gov.mv/helpus/casetip އަށް ހިއްސާކުރުމަށް ފުލުހުން އެދެއެވެ.