ލައިފް ސްޓައިލް

ހުނަރުން ފުރިފައިވާ ދޮންބެ: ހުރިހާ ދިވެހީންގެ ހަމްދަރުދީއާއި ލޯބި ހޯދި، މިހާރު ކޮބާތަ؟

1

"މަންޖޭ މަންޖޭ ނާޒުކުވި މޫރިތި ގޮމާ" މިލަވައިގެ ކަޑީގައި، ވޮއިސް އޮފް މޯލްޑިވްސް ސީޒަން2ގެ އެއްވަނަ ތޮލާގުގެ އަޑުން ގޮވާލާ "ދޮންބޭ ދޮންބޭ.." އަޑާއެކު ސްޓޭޖުން އެ ފެނިގެން ދިޔައީ އެންމެންގެ 'ދޮންބެ'އެވެ. 2011 ވަނަ އަހަރު، ޓެލެވިޝަން މޯލްޑިވްސްގެ ފަރާތުން ބޭއްވި، 'ވޮއިސް އޮފް މޯލްޑިވްސް' ސީޒަން-2 އިން، ދިވެހިންގެ ހިތްތައް ހެއްވާލި އަދި ރޮއްވާލި ދޮންބެ ކޮބައިތޯއެވެ. މުބާރާތުގެ ފަހުރުވެރި ދެވަނަ ހޯދި އަބްދުއްރަޝީދު އިބްރާހިމް، އެންމެން ދަންނަ ނަމުންނަމަ ދޮންބެގެ އެއްވެސް އަޑެއް ނީވޭތާ އެތައް ދުވަހެއް ވުމަށްފަހު ދާދި ފަހުން ފޭސްބުކުން ދޮންބެގެ ލަވައެއް މިވަނީ ފެނިފައެވެ.

ދޮންބެއަކީ ހދ.ކުޅުދުއްފުށީ މަންމައަކާއި ބައްޕައަކަށް ލިބުނު ހަތް ކުދިންގެ ތެރެއިން އެންމެ ހަގު ދަރިފުޅެވެ. 47 އަހަރުގެ ދޮންބެއަކީ ވިހޭއިރުވެސް އެއްލޮލުގެ ފެނުމުން މަހުރޫމުވެފައި ހުރި ފަރާތެކެވެ. ކުޑަކުޑަކޮށް ފެންނަމުންދިޔަ އަނެއްލޮލުގެ ފެނުމުންވެސް ދޮންބެގެ އުމުރުން 13 އަހަރުގައި މަހުރޫމުވެގެން ދިޔައީއެވެ.

2011ވަނަ އަހަރު ރާއްޖޭގައި ބޭއްވި 'ވޮއިސް އޮފް މޯލްޑިވްސް' ދެވަނަ ސީޒަންގައި ދޮންބެ ބައިވެރިވީ އޮޑިޝަނުން އެންމެ ފުރިހަމަ ކާމިޔާބީއާއެކުގައެވެ. އޭގެ ކުރީ ސީޒަންގެވެސް އެންމެ ފުރިހަމައަށް އޮޑިޝަން ކާމިޔާބުވެ، މުބާރާތަށް ހޮވުނެވެ. ނަމަވެސް ދޮންބެގެ ހަގު ދަރިފުޅު ބަލިވެ އުޅުމުގެ ސަބަބުން، އެފަހަރު މުބާރާތް ދޫކޮށްލީއެވެ. ކޮންމެޔަކަސް މުބާރާތުގައި ބައިވެރިވެ، ކުޅަދާނަ އެތައް، ޒުވާން، މޮޅެތި ފަރާތްތަކާ ވާދަވެރި އެހެނަސް އެކުވެރި މާހައުލެއްގައި ކުރިއަށް ގޮސް ދޮންބެ ވަނީ 'ވޮއިސް އޮފް މޯލްޑިވްސް'ސީޒަން2ގެ ފަހުރުވެރި ދެވަނަ ހާސިލު ކޮށްފައެވެ. އޭގެ ފަހުން ދޮންބެގެ އެއްވެސް އަޑެއް އިވިފައެއް ނުވެއެވެ.

ވޮއިސް އޮފް މޯލްޑިވްސްގައި ބައިވެރިވެ، ކާމިޔާބު ވަނައަކާއެކު އެނބުރި ރަށަށް ދިޔައިރު ދޮންބެގެ އަލަތު އަނބިމީހާ ދިރިއުޅެމުން ދިޔައީ ދޮންބެއާ އެކުގައެވެ. ނަމަވެސް، އޭގެ ދުވަސްތަކެއް ފަހުން މިއަނބިމީހާވަނީ ދޮންބެއާ ވަކިވެފައެވެ. ދޮންބެ މިހާރު ދިރިއުޅެމުން އަންނަނީ ދޮންބެގެ ދެވަނަ އަނބިމީހާއާއެ ކުގައެވެ.

ކޮންމެޔަކަސް މިހުނަރުވެރި، ލަވަކިޔުންތެރިޔާ އަދި ލަވަހެދުންތެރިޔާ، ރާގުތައްޔާރުކޮށް، ލަވައިގެ ހުރިހާ ކަމެއް ކުރަން އެނގޭ ދެންބެޔާމެދު ދިވެހިން ވަރަށް ބޮޑަށް ހަމްދަރުދީވެ، އޯގާތެރިކަމާއެކު، ކުލުނުވެރިކަން ހާމަކުރަމުން، ތައުރީފު ކުރަމުން ދިޔައެވެ. އެހެންނަމަވެސް އެއީ ވޮއިސް އޮފް މޯލްޑިވްސްގެ ސީޒަންގެ ނިމުމާ ހަމައަށެވެ. އޭގެ ފަހުން މަޑުމަޑުން ދޮންބެގެ ހަނދާން ދިޔައީ ނެތެމުންނެވެ.

"ދޮންބެ ކަހަލަ މީހުންގެ ބޭނުން ހިފައި، އެމީހުންގެ ގައިގައި ހުރި ހުނަރެއް ބޭރުކޮށް، އެކަންތައް ކުރިއެރުވުމަށް މަސައްކަތަ ކުރަން ޖެހޭ. އެއްފަހަރު ކަމެއް ކޮށްދީފަ ނިންމާލާ ގޮތަށް ނުހަދައި، ދާއިމީ ގޮތެއްގައި އެމީހުންނަށް އެހީތެރިކަން ފޯރުކޮށްދޭން ޖެހޭ. ދޮންބެއަކީ ހިތްއަލި، ވަރަށްވެސް ހުނަރުވެރި ފަންނާނެއް. ކީރިތި ގުރުއާނުގެ އަހުލުވެރިއެއްވެސްމެ. ދޮންބެ އެހެރީ އެރޮނގުން މީހަކު ގާރީކޯސް ކަހަލަ ކަމެއް ކުރުވަންޏާ، ނުވަތަ ގުރުއާން ހިތުދަސްކުރުމަށް މަގުފަހި ކޮށްދީ އެހީވަންޏާ އެކަމެއްކުރަންވެސް ތައްޔާރަށް. މިއީ އަޅުގަނޑުގެ ވަރަށްބޮޑު އެދުމެއް. ބާކީލޮށްލައި އެކަހެރި ނުކުރާށޭ، ލޯބިވާށޭ އަދި ލޯބިދޭށޭ."
އޭއެސްޕީ މާހިރު

ކުޅުދުއްފުށީގައި ދޮންބެ އުޅެމުންދިޔައީ ވަރަށް އެކަނިވެރި، އުދާސް ދިރިއުޅުމެކެވެ. ކޮންމެ ދުވަހަކީވެސް ދޮންބެއަށް އާދައިގެ ދުވަހެކެވެ. ވަރަށް ކުރިއްސުރެ، ދޮންބެގެ ދޮންދައްތަގެ ފަރާތުން ދިރިއުޅުމަށް ކުރަން ޖެހޭ ހޭދައިގެ ހަރަދުތައް ކުރެވޭނެ މަގު އޮންނަނީ ހަމަޖެހިފައެވެ. ދިރިއުޅުމުގެ ހަރަދުތަކާއި ހޭދަތަކަށް ވިސްނަން ނުޖެހުނު ނަމަވެސް، ދޮންބެ ފަދަ ހުނަރުވެރި މީހަކަށް މިފަދަ ދިރިއުޅުމަކީ ވަރަށް އާދައިގެ އެކަނިވެރި ދިރިއުޅުމަކަށް ވެއެވެ.

ރައްޓެއްސެއް، ރަހުމަތްތެރިއެއް، ކުރާނެ މަސައްކަތެއް ނެތި، އަނދިރި ދުނިޔެއެއްގައި، ކުލައެއް ނެތް ހަޔާތެއް ވޭތުކުރަމުން ދިޔަ ދޮންބެއަށް ރީތި، އަލިކުލަތަކަކަށް ވެގެން ބައްދަލު ކުރީ އޭއެސްޕީ މާހިރެވެ. މިހާރު ދޮންބެ މަސައްކަތް ކުރަމުން އެ ގެންދާ ސްޓޫޑިއޯ، އޭއެސްޕީ ސްޓޫޑިއޯގެ ވެރިފަރާތް، ދޮންބެ ކިޔާ ގޮތުންނަމަ، ދޮންބެގެ "ބޮޑުމީހާ"، ހއ.އިހަވަންދޫ، އަލީ މާހިރު ނުވަތަ އޭއެސްޕީ މާހިރެވެ.

ހަތަރު އަހަރު ކުރިން އޭއެސްޕީ މާހިރު ކުޅުދުއްފުށީގައި ދިރިއުޅުއްވަން ފެއްޓި ހިސާބުންވެސް ދޮންބެއާމެދު ހާއްސަ ސަމާލުކަމެއް ބެހެއްޓުނު ކަމަށް އޭނާ ބުންޏެވެ. މާހިރަކީ ހާއްސައެހީއަށް ބޭނުންވާ ފަރާތްތަކަށް، އޭނާގެ ފެންވަރުން އެހީތެރިކަން ފޯރުކޮށް، އަޅައިލައި، ކަމޭ ހިތާ މީހަކަށްވެފައި، ދޮންބެއަކީ ލޮލުގެ ފެނުމުން މަހުރޫމުވެފައި ހުރި މީހެއްކަމުން، ކުޅުދުއްފުށީގައި އުޅޭން މެދުވެރިވުމުގެ އެންމެ ބޮޑު ސަބަބަކީ ދޮންބެއަށް އެހީތެރިވުންކަމުގައި މާހިރުގެ ހިތަށް، އޭނާގެ ޒަމީރަށް ވިސުނުނީއެވެ.

ދޮންބެފަދަ ގާބިލު ފަރާތަކާއި ގާތްކަން އުފެދި، އެކުވެރިކަމެއް ބޭއްވެން ފެށުމުން މާހިރު އޭނާގެ ސްޓޫޑިއޯގެ އެކި ކަންކަމުގައި ދޮންބެ ހިމަނައި ބޭނުންކުރަން ފެށީއެވެ. ވޮއިސް އޮފް މޯލްޑިވްސްއަށްފަހު ދޮންބެގެ ހުރިހާ މަސައްކަތެއްހެން ހުއްޓިފައި ހުރުމުން މާހިރު ބޭނުންވީ ދޮންބެގެ ހުނަރުވެރި، ގާބިލުކަމުގެ އެދެވޭ ބޭނުން ކުރުމަށެވެ. ބައެއް މަސައްކަތްތައް ސޯޝަލް މީޑިއާ މެދުވެރިކޮށް މީހުންނާ ހަމައަށް ފޯރުކޮށްނުދެވި ހުއްޓަސް މީހުންނަށް ލަވައާއި މިޔުޒިކާއި ރާގުގެ ކަންތައްތައް ދަސްކޮށްދިނުމުގައި ދޮންބެ ބަރާބަރަށް މަސައްކަތް ކުރެއެވެ.

މިހާރު އޭއެސްޕީ ސްޓޫޑިއޯއިން ދޮންބެގެ އެތައް މަސައްކަތެއް ކުރަމުން ގެންދާކަން މާހިރު ފާހަގަ ކުރިއެވެ. އަދި ހަމައެހެންމެ އޭއެސްޕީ ސްޓޫޑިއޯއަކީ މިހާރު ދޮންބެއާ ނުލައި އެތަނުގެ މަސައްކަތްތައް ކުރިއަށް ނުދާ ތަނެކެވެ.

ދޮންބެއަކީ ޅެންވެރިއެކެވެ. ލަވައުފެއްދުންތެރި، ލަވަކިޔުންތެރިއެކެވެ. މިޔުޒިކް ކޮމްޕޯސަރެކެވެ. ގުރުއާން އުނގަންނައިދޭ، ގުރުއާން ކިޔެވުމަށް އެހީތެރިވާ އެދުރެކެވެ. ރަށުގެ މިފަދަ އެތައް މަސައްކަތެއް ކުރަމުން އަންނަ ހީވާގި، ހުނަރުވެރި، އެހާމެ ހިތްހެޔޮ، މިޒާޖުގައި ނުހަނު އުފާވެރި މީހެއްމެއެވެ.

ދޮންބެފަދަ ހުނަރުވެރި ފަރާތްތައް މުޖުތަމައުގައި ބާކީކޮށް، އެކަހެރި ނުކޮށް، އެފަރާތްތަކުގެ ބޭނުން، ފުރިހަމަ ގޮތުގައި ހިފައި، އެމީހުންނަކީވެސް މުޖުތަމައަށް ބޭނުންހުރި، ފައިދާ ހުރި ފަރާތްތަކެއްކަން ހާމަވާފަދަ ކަންތައްތައް ކުރުމަށް ޝައުގުވެރިކަން ހުންނަ އޭއެސްޕީ މާހިރު ވަނީ އެސްޓޫޑިއޯއިން ދޮންބެގެ ލަވައެއްވެސް ނެރެފައެވެ. މާހިރުގެ ހިތްވަރާއި އިސްނެގުމާއި އެހީތެރި މަސައްކަތަށް ޝުކުރު ހައްގެވެ. "ވަން"އިން އެދެނީ އޭއެސްޕީ ސްޓޫޑިއޯއަށާއި ދޮންބެގެ މަސައްކަތްތަކަށް ފަހި މާދަމާއެކެވެ.