ރާއްޖެ ބަދަލުކޮށް ރައްޔިތުންނަށް އިޖުތިމާއީ ރައްކާތެރިކަން ފޯރުކޮށްދިނީ ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ކަަމަށް އެ ޕާޓީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ރައީސް ނަޝީދު މިހެން ވިދާޅުވީ، އެމްޑީޕީގެ 17 ވަނަ އަހަރީ ދުވަހުގެ މުނާސަބަތުގައި އެ ޕާޓީގެ މެންބަރުނަށާއި އެ ޕާޓީއަށް ތާއީދުކުރާ މީހުންނަށް މަރުހަބާ ވިދާޅުވެ ކުރެއްވި ޓުވީޓެއްގައެވެ.
ރައީސް ނަޝީދު ވިދާޅުވީ، ރާއްޖެއަށް ޓެކްސްގެ ނިޒާމެއް ތައާރަފުކުރީވެސް އެމްޑީޕީން ކަމަށާއި ދައުލަތުގެ އާމްދަނީ އިތުރުކޮށް ރައްޔިތުންނަށް އިޖުތިމާއީ ރައްކާތެރިކަން ފޯރުކޮށްދިނީވެސް އެ ޕާޓީން ކަމަށެވެ.
"ދިވެހި ރާއްޖެ ބަދަލު ކުރި ޕާޓީއަކީ އެމްޑީޕީ،" ރައީސް ނަޝީދު ވިދާޅުވެފައިވެއެވެ.
މިހާރު އަމަލުކުރަމުންދާ ނޫ ގާނޫނުއަސާސީއަށް 2008 ވަނަ އަހަރު އަމަލުކުރަން ފެށުމާއެކު ރާއްޖެއަށް ތައާރަފުވި ޑިމޮކްރެޓިކު ނިޒާމުގެ ތެރެއިން އެންމެ ފުރަތަމަ އުފެއްދި ޕާޓީއަކީ އެމްޑީޕީއެވެ. އެ ޕާޓީ އުފެއްދުމުގައި އެންމެ އިސް ދައުރެއް އަދާކުރެއްވި އެއް ބޭފުޅަކީ ރައީސް ނަޝީދެވެ.
ނޫ ގާނޫނު އަސާސީން ވެރިކަމުގެ ނިޒާމަށް ގެނައި ބޮޑު ބަދަލާއެކު ހަމަ އެ އަހަރު ބޭއްވި ރިޔާސީ އިންތިހާބު ކާމިޔާބު ކުރައްވައި ރާއްޖޭގެ ފުރަތަމަ ޑިމޮކްރެޓިކް ވެރިއެއްގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާކަމުގެ މަގާމަށް ރައީސް ނަޝީދު އިންތިހާބުވިއެވެ. ނަމަވެސް އެމަނިކުފާނުގެ ވެރިކަމުގެ ވަކި ހިސާބަކުން، ވެރިކަމާ ދެކޮޅަށް ރައްޔިތުން ނުކުތުމުން ރައީސް ކަމުން އިސްތިއުފާ ދެއްވިއެވެ.
މިހާރު ވެރިކަން ކުރަމުންދާ ކޯލިޝަންގެ އިސް ޕާޓީއެއްގެ ގޮތުގައި އެމްޑީޕީ ހިމެނިފައިވާއިރު، މިއީ އެ ޕާޓީ އިސްވެ އޮވެ ގާއިމުކުރި ދެވަނަ ކޯލިޝަން ވެރިކަމެވެ.
ޚަބަރު
ޚަބަރު
ޚަބަރު