ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހާއި އެމަނިކުފާނުގެ އަނބިކަނބަލުން ފަޒްނާ އަހުމަދު، ކޮމަންވެލްތުގެ ގައުމުތަކުގެ އެންމެ އިސްވެރިންނަށް އިނގިރޭސިވިލާތުގެ ރާނީ ކުއީން އެލިޒަބަތުގެ ފަރާތްޕުޅުން ދެއްވި ރަސްމީ ޖާފަތުގައި ބައިވެރިވެވަޑައިގެންފިއެވެ.
ރާނީގެ ފަރާތްޕުޅުން މި ޖާފަތުގައި ބައިވެރިވެވަޑައިގަތީ އިނގިރޭސިވިލާތުގެ ވަލީއަހުދު ޕްރިންސް އޮފް ވޭލްސްއާއި ޑަޗަސް އޮފް ކޯންވޯލްއެވެ.
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ރުވާންޑާއަށް ވަޑައިގެންނެވީ ކޮމަންވެލްތުގެ ގައުމުތަކުގެ އެންމެ އިސްވެރިންގެ 26 ވަނަ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވުމަށެވެ.
މިއީ 2020 ވަނަ އަހަރުގެ ފެބްރުއަރީ އެއްވަނަ ދުވަހު ދިވެހިރާއްޖެ އަލުން ކޮމަންވެލްތުގެ މެމްބަރު ގައުމަކަށް ވީފަހުން ބާއްވާ، ކޮމަންވެލްތުގެ ގައުމުތަކުގެ އެންމެ އިސްވެރިންގެ ފުރަތަމަ ބައްދަލުވުމެވެ. މި ބައްދަލުވުން މި ބާއްވަނީ ކޮވިޑް-19 އާ ގުޅިގެން ބައްދަލުވުން ފަސްކުރުމަށް ފަހުގައެވެ.