ލ. ކަލައިދޫ އާއި ލ. ދަނބިދޫ ކޯޒްވޭއަކުން ގުޅުވައިލުމަށް އެންވަޔަރަމެންޓް އިމްޕެކްޓް އެސެސްމެންޓް (އީއައިއޭ) ހެދުމުގެ މަސައްކަތް ފަށައިފިއެވެ.

އެ މަސައްކަތް ފަށާފައިވާކަން ހާމަކުރެއްވީ މިއަދު ރައީސް އޮފީހުގައި ކަލައިދޫ ކައުންސިލާއެކު ބޭއްވި ބައްދަލުވުމެއްގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަސީމެވެ.

އެ ބައްދަލުވުމުގައި ކަލައިދޫ ކައުންސިލުން ވަނީ، ލ. ދަނބިދޫ އަދި ކަލައިދޫ ގުޅުވައިލުމަށް ހަދާ ކޯޒްވޭގެ މަސައްކަތާއި ކަލައިދޫ ބަނދަރުގެ މަސައްކަތް ނުފެށި ވާތީ އެކަމުގެ ކަންބޮޑުވުން ފާޅުކުރުމާއި، ރަށްގިރާ ސަރަހައްދު ހިމާޔަތްކުރަން ބޭނުންވާ ކަމަށް ނައިބު ރައީސްގެ އަރިހުގައި ދަންނަވައިފައެވެ. އަދި ސްކޫލަށް މަލްޓިޕާޕަސް ހޯލެއްގެ މުހިންމުކަމާއި އަދި އެ ނޫންވެސް ރަށުގެ އިޖުތިމާއީ، އިގުތިސާދީ ތަރައްގީއަށް މުހިންމު ކަންކަމުގެ މައުލޫމާތު ނައިބު ރައީސްއާ ހިއްސާކުރެއްވިއެވެ.

ކައުންސިލުން ފާހަގަކުރެއްވި ކަންކަމާ ގުޅިގެން ނައިބު ރައީސް ވިދާޅުވީ، ކޯޒްވޭގެ މަސައްކަތުގެ އީއައިއޭ ހެދުމުގެ މަސައްކަތް ކުރިއަށްދާ ކަމަށާއި، ކައުންސިލުން ދެން ފާހަގަކުރެއްވި ކަންކަން ކަމާގުޅޭ އިދާރަތަކާ މަޝްވަރާކޮށްގެން ހައްލުކޮށްދެއްވާނެ ކަމަށެވެ.

ކަލައިދޫ އާއި ދަނބިދޫ ކޯޒްވޭއަކުން ގުޅުވައިލުމަށް ކަލައިދޫ ކައުންސިލުން ވަނީ 2019 ވަނަ އަހަރުގެ މެއި މަހުގެ 16 ވަނަ ދުވަހު ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ އަރިހުން އެދިފައެވެ. އެކަމާ ގުޅިގެން ރައީސް ސޯލިހު ވިދާޅުވެފައިވަނީ، އެ މައްސަލަ ހައްލުކޮށްދިނުމަށް މަސައްކަތްކުރައްވާނެ ކަމަށެވެ.