Close
ޚަބަރު

މަސްތުވާތަކެތި ކޮންޓްރޯލް ކުރުމުގެ ގައުމީ ފަންޑަށް ޖަމާކުރާ ފައިސާ ހަރަދުކުރާނެ ގޮތުގެ އުސޫލު އެކުލަވާލައިފި

މުހައްމަދު އިޝާން

މަސްތުވާތަކެތި ކޮންޓްރޯލް ކުރުމުގެ ގައުމީ ފަންޑަށް ޖަމާކުރާ ފައިސާ ހަރަދުކުރާނެ ގޮތުގެ އުސޫލު އެކުލަވާލައި ނޭޝަނަލް ޑްރަގް އެޖެންސީ (އެންޑީއޭ)އިން މިއަދު އާންމުކޮށްފިއެވެ.

އެންޑީއޭ އިން އެކުލަވާލާފައިވާ އެ އުސޫލަށް ކިޔަނީ "މަސްތުވާތަކެތި ކޮންޓްރޯލް ކުރުމުގެ ގާއުމީ ފަންޑަށް ޖަމާކުރެވޭ ފައިސާ ހަރަދުކުރާނެގޮތުގެ އުސޫލު" އެެވެ. އެންޑީއޭ އިން އެ އުސޫލު ތައްޔާރުކުރީ "މަސްތުވާތަކެއްޗާ ބެހޭ ގާނޫނު" ގެ ދަށުން ލިބިދޭ ބާރުގެ ދަށުންނެވެ.

އެ އުސޫލުގައި ބަޔާންކޮށްފައިވަނީ ފަންޑަށް ޖަމާކުރާ ފައިސާ ހަރަދުކުރަންވާނީ އޭންޑީއޭ އާއި، މަސްތުވާތަކެއްޗަށް ދެވި ހިފާފައިވާ މީހުންނަށް ފަރުވާދޭ މަރުކަޒުތަކުގައި މަސައްކަތްކުރުމަށް ދާއިމީ އަދި ވަގުތީގޮތުން ނެގޭ ސިވިލް ސާވިސްގެ މުވައްޒަފުން ނޫން މީހުންނާއި ވޮލަންޓިއަރުންނާއި އެނޫންވެސް އެފަދަ ފަރާތްތަކަށް މުސާރައާއި އިނާޔަތްތަކާއި އެލަވަންސް ދިނުމަށް ކަމަށެވެ.

މަސްތުވާތަކެއްޗަށް ދެވި ހިފާފައިވާ މީހުންނަށް ފަރުވާދިނުމަށް މަސައްކަތްކުރާ ފަރާތްތަކަށް ބޭނުންވާ އިތުރު ތައުލީމާއި ތަމްރީނުތައް ހޯދުމަށާއި، އެފަދަ ކަންކަމާ ގުޅިގެން ކުރަންޖެހޭ ދަތުރުތަކާއި ތަޖުރިބާ ދަތުރުތަކަށް ވެސް ފަންޑުން ހަރަދުކުރާ ގޮތަށް ވަނީ ހަމަޖެހިފައެވެ. އަދި މަސްތުވާތަކެތި ބޭނުންކުރުމުގެ މައްސަލަ ހުންނަ ފަރާތްތައް އަލުން އަނބުރާ މުޖުތަމައުއަށް ނެރުމަށް ހިންގާ ރީއިންޓާގްރޭޝަނަށް ބޭނުންވާ ކަންތައްކުރުމަށް ވެސް ފަންޑުން ހަރަދުކުރާނެއެވެ.

މީގެ އިތުރުން "މަސްތުވާތަކެތި ކޮންޓްރޯލް ކުރުމުގެ ގައުމީ ފަންޑަށް ޖަމާކުރެވޭ ފައިސާ ހަރަދުކުރާނެގޮތުގެ އުސޫލު" ގައި ބަޔާންކޮށްފައިވަނީ ފަންޑަށް ފައިސާ ޖަމާކުރާ ފަރާތުގެ ހުއްދައާއެކު އުސޫލުގައިވާ ބަޔާންކޮށްފައިނުވާ ކަންކަމަށް ވެސް ފައިސާ ބޭނުން ކުރެވިދާނެ ކަމަށެވެ.

މަސްތުވާތަކެތި ކޮންޓްރޯލްކުރުމުގެ ގައުމީ ފަންޑުން އެއްވެސް ހަރަދެއް ކުރެވޭނީ ފަންޑު ކޮމިޓީން އެކަމަށް ހުއްދަ ދިނުމުންނެވެ.

ފަންޑަށް ޖަމާކުރާ ފައިސާ ހަރަދުކުރަން ޖެހެނީ ދައުލަތުގެ މާލިއްޔަތު ގާނޫނާއި، މާލިއްޔަތު ގަވާއިދާއި ފިނޭންސް މިނިސްޓްރީން މާލީ ހިސާބުތައް ބެލެހެއްޓުމަށް ކަނޑައަޅާފައިވާ އުސޫލުތަކާ އެއްގޮތްވާ ގޮތުގެމަތީން ކަމަށް ވެސް އުސޫލުގައި ވަނީ ބަޔާންކޮށްފައެވެ.

"މަސްތުވާތަކެތި ކޮންޓްރޯލް ކުރުމުގެ ގައުމީ ފަންޑަށް ޖަމާކުރެވޭ ފައިސާ ހަރަދުކުރާނެގޮތުގެ އުސޫލު" އަށް މިއަދުން ފެށިގެން ވަނީ އަމަލުކުރަން ފަށައިފައެވެ.