Close
ޚަބަރު

އާސަންދައިގެ ހިދުމަތް ހޯދުމަށް އޮންލައިންކޮށް ހުށަހެޅޭނެ އިންތިޒާމު ހަމަޖެއްސުމުގެ މަސައްކަތް ކުރަނީ

ރިފާ ހަލީލު

އާސަންދަ ސްކީމުގެ ހިދުމަތް ހޯދުމަށް އޮންލައިންކޮށް ހުށަހެޅޭނެ އިންތިޒާމު ހަމަޖެއްސުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް އާސަންދަ ކުންފުނިން ބުނެފިއެވެ.

އާސަންދައިން މިހެން ބުނެފައިވަނީ ރޭ ބޭއްވި އެކުންފުނީގެ އަހަރީ އާންމު ޖަލްސާގައެވެ.

މިޖަލްސާގައި އާސަންދަ ކުންފުނީގެ މެނޭޖިން ޑިރކްޓަރު މަރިޔަމް ޝަފީގު ވިދާޅުވީ އެކުންފުނިން ކުރިއަށް ރާވާފައި ހުރި ގިނަ މަސައްކަތްތަކުގެ މަގުސަދަކީ އެކުންފުނީގެ ތަސައްވަރުގައި ބަޔާންކުރާ ފަދައިން، ފަސޭހަ ކަމާއެކު ފަރުވާއަށް ވާސިލުބެވޭނެ ގޮތްތަކެއް އިންތިޒާމު ކުރުން ކަމަށެވެ.

އެގޮތުން އާސަންދައިގެ ހިދުމަތަށް އެދުމާއި ހިދުމަތް ލިބިގަތުމަށް ރައްޔިތުންނަށް ދިމާވާ ދަތިތައް ފާހަގަކޮށް އެކަންކަން ހައްލު ކުރުމަކީ ކުންފުނީގެ މައިގަނޑު އެއް އަމާޒު ކަމަށް މަރިޔަމް ވިދާޅުވިއެވެ. އެހެންކަމުން ރާއްޖެއިން ބޭރުގައި ދިރިއުޅޭ ދިވެހިންނަށް ތައާރަފުކޮށްފައިވާ މެރަނާ ސްކީމުގެ ދަށުން ހުށަހަޅާ ހުށަހެޅުންތަކުގެ ސްޓޭޓަސްތައް ވަގުތުން ބެލޭނެ އިންތިޒާމު އޮންލައިން ޕޯޓަލެއްގެ ތެރެއިން ހަމަޖެއްސުމާއި، އާސަންދައިގެ ހިދުމަތަށް އޮންލައިންކޮށް ހުށަހެޅޭނެ އިންތިޒާމު ހަމަޖެއްސުމުގެ މަސައްކަތްވެސް ކުރަމުން އަންނަ ކަމަށް އޭނާ ވިދާޅުވި އެވެ.

"އެމަޖެންސީ ހާލަތްތަކުގައި ބަލިމީހުން އެއްތަނުން އަނެއްތަނަށް ގެންދިޔުމާއި، ގުޅުންހުރި އެންމެހާ ފަރާތްތައް އެއްވިއުގައަކުން ގުޅާލައި، އެކަމާގުޅޭ ހުރިހާ މުއާމަލާތްތައް ވަށައިޖެހިފައިވާ އޮންލައިން ނިޒާމެއް މެދުވެރިކޮށް، ކުރިއަށް ގެންދިޔުމާއި، ސަރުކާރުގެ ހޮސްޕިޓަލްތަކުން ނުލިބޭ ހިދުމަތްތައް ރާއްޖޭގެ ޕްރައިވެޓް ހޮސްޕިޓަލްތަކުން ހޯދޭނެ ރިފެރެލް ނިޒާމެއް ތައާރަފުކުރުމުގެ މަސައްކަތްވެސް ބާރަށް ކުރިއަށް އެބަދޭ،" އޭނާ ވިދާޅުވިއެވެ.

މަރިޔަމް ވިދާޅުވީ އާސަންދަ ސްކީމުގެ ތެތެއިން ކުރާ ނޭދެވޭ ހަރަދުތައް މަދުކުރުމަށް، ހިދުމަތްތަކުގެ އަގާއި ބޭހުގެ އަގަށް ކޮންމެހެން ގެންނަންޖެހޭ ބަދަލުތައް ގެނައުމުގެ މަސައްކަތްވެސް ކުރަމުން އަންނަ ކަމަށެވެ. އަދި އާސަންދަ ބޭސްލައިންގެ އަގުތައް ކަނޑައެޅުމާއި ބޭސް ސިޓީގައި ލިޔެފައިވާ ބޭހުގެ ޑޯޒޭޖާއި ބޭސްކާން ޖެހޭ އަދަދު އޮޓޮމޭޓުކުރުމުގެ މަސައްކަތްވެސް ކުރިއަށް ރާވާފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

މިޖަލްސާގެ ރިޔާސަތު ބެލެހެއްޓެވީ އާސަންދަ ކުންފުނީގެ ޗެއާމަން ނިޔާޒު މުހައްމަދެވެ.