ރާއްޖޭގައި ކޮވިޑު-19 ފެތުރުން އިތުރުވަމުންދާތީ އާންމު ތަންތަނުގައި މާސްކު އަޅައިގެން އުޅުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އިލްތިމާސްކޮށްފިއެވެ.
އެޗްޕީއޭއިން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނީ، މިދުވަސްވަރު ދުނިޔޭގެ އެކި ގައުމުތަކާއި ރާއްޖޭގެ އެކި ހިސާބުތަކުގައި ކޮވިޑް ކޭސްތައް އިތުރުވަމުން އަންނަ ކަމަށެވެ.
އެގޮތުން ރާއްޖޭގައި ކޮވިޑް ކޭސްތައް މިމަހުގެ ދެ ވަނަ ހަފުތާއާ އަޅައި ބަލާއިރު ތިން ވަނަ ހަފުތާގައި 185 ޕަސަންޓް މައްޗަށް ގޮސްފައިވާ ކަމަށެވެ. އަދި ކޮވިޑް ޖެހިގެން ހޮސްޕިޓަލުގައި އެޑްމިޓްކުރާ މީހުންގެ އަދަދު އިތުރުވެފައިވާ އިރު، މިމަހު ކޮވިޑް ބަލީގައި ތިން މީހަކު މަރުވެފައިވާ ކަމަށެވެ.
މި ދުވަސްވަރަކީ ޗުއްޓީއާ ދިމާކޮށް ވަރަށް ގިނަ ފަރާތްތަކުން އަތޮޅުތެރޭގެ ރަށްތަކަށާއި ރާއްޖެއިން ބޭރަށް ދަތުރުތައް ކުރާ ދުވަސްވަރަކަށް ވާތީ، އަރިދަފުސް ރޯގާ އަދި އެހެނިހެން ބަލިތަކަށް ސަމާލުކަން ދިނުމަށް އެޗްޕީއޭއިން ވަނީ އިލްތިމާސްކޮށްފައެވެ.
- ގިނަ މީހުން އެއްވާ ތަންތަނުގައި މާސްކު އެޅުން. މިގޮތުން އޮފީސް، ސްކޫލް، ކޮލެޖް، ފިހާރަތައް، އެއާޕޯޓް، ފެރީ ޓާމިނަލް، ދަތުރުފަތުރުކުރާ ވަސީލަތްތައް މިސްކިތް އަދި ބޭންކް ފަދަ ތަންތަނުގައި މާސްކުއެޅުން
- ސިއްހީ ހިދުމަތްދޭ ތަންތަނަކީ ހައި ރިސްކް މީހުން ގިނަ ތަނަކަށްވުމާ އެކު، ބަލި މީހުންނާއި ސްޓާފުންގެ ރައްކާތެރިކަމަށްޓަކައި ސިއްހީ ހިދުމަތްދޭ ތަންތަނަށް ޒިޔާރަތްކުރާ ބަލި މީހުންނާއި އެހީތެރިން އަބަދު ވެސް މާސްކު އަޅައިގެން އުޅުން
- ކޮވިޑުގެ އެއްވެސް އަލާމާތެއް ހުރިނަމަ މާސްކު އަޅައި، ގޭގައި އެކަހެރިވުން އަދި ވީ އެންމެ އަވަހަކަށް ކޮވިޑަށް ޓެސްޓުކުރުން
- ބަލިމީހުންނާއެކު ސިއްހީ ހިދުމަތްދޭ ތަންތަނަށް ދާ އެހީތެރިން މަދުކުރުން އަދި މިތަންތަނަށް ކޮންމެހެން ދާން ޖެހިގެން ނޫނީ ނުދިއުން. ހާއްސަކޮށް އެޑްމިޓްކޮށްފައި ތިބޭ މީހުންނަށް ޒިޔާރަތްކުރުން މަދުކުރުން
- އާއްމު ތަންތަން ގަވާއިދުން ސާފުކޮށް ޑިސްއިންފެކްޓް ކުރުން އަދި އަތް ސާފުކުރެވޭނެ އިންތިޒާމު މިތަންތަނުގައި ހަމަޖެއްސުން
- ގިނަގިނައިން އަތް ސާފުކުރުން
- ކޮވިޑް އަދި އިންފުލެއެންޒާ ވެކްސިންގެ ޑޯޒުތައް ވީ އެންމެ އަވަހަކަށް ފުރިހަމަކުރުން
- ދަތުރުގެ ކުރިން ދަތުރުކުރާ ގައުމު ނުވަތަ ރަށުގެ ކޮވިޑްގެ ހާލަތު ރަނގަޅަށް ދެނެގަތުން. އަދި ކޮވިޑްގެ ހާލަތު ގޯސް ރަށްރަށާއި ގައުމުތަކައް ދަތުރު ކުރުން ލަސްކޮށްލުން
- ދަތުރުގެ ކުރިން ވެކްސިން ޑޯޒުތައް ފުރިހަމަކުރުން
- ދަތުރުގެ ކުރިން ވެކްސިން ސެޓްފިކެޓް ހަދަންޖެހޭ ނަމަ، ނުވަތަ ގެއްލިފައިވާ ވެކްސިން ކާޑު އަލުން ހަދަންޖެހޭ ނަމަ ދުރާލާ އެކަމަށް އެދުން
- ބަލީގެ އަލާމާތެއް ހުރިނަމަ ކޮވިޑަށް ޓެސްޓުކޮށް، ނެގެޓިވް ނަތީޖާ ލިބުމުން ނޫނީ ދަތުރު ނުފެށުން
- ރާއްޖެއިން ބޭރަށް ދަތުރުކުރުމުގެ ކުރިން އިންޝުއަރެންސް ނެގުން
އެޗްޕީއޭއިން ވަނީ އެއްވުންތަކާއި ހަފުލާތައް ބާއްވާއިރު ސަމާލުކަން ދިނުމަށްވެސް އެދިފައެވެ. އެގޮތުން ކޮންމެހެން ބާއްވަން ޖެހޭ ހަފުލާތައް ފިޔަވައި އެހެން ކަންކަން ލަސްކުރުމަށާއި ކޮންމެހެން ބާއްވަން ޖެހޭ ހަފުލާތައްވެސް މަދު މީހުން އެއްވާ ގޮތަށް ނުވަތަ އޮންލައިންކޮށް ބޭއްވޭނެ އިންތިޒާމު ހަމަޖެއްސުމަށެވެ. އަދި ރައްކާތެރިގޮތުގައި އިވެންޓުތައް ބޭއްވުމަށް ކަނޑައެޅިފައިވާ ގައިޑްލައިނާ އެއްގޮތަށް އަމަލުކުރުމަށް ވަނީ އިލްތިމާސްކޮށްފައެވެ.
މީގެ އިތުރުން ވެކްސިން ޑޯޒުތައް ފުރިހަމަކުރުމަށް ވެސް ވަނީ އިލްތިމާސްކޮށްފައެވެ. ކޮވިޑް އަދި އިންފުލެއެންޒާ ވެކްސިންގެ ޑޯޒުތައް ފުރިހަމަ ކުރުމަކީ ބަލި ޖެހުމުން ރައްކާތެރިވުމަށް އަދި ބަލި ޖެހުނު ނަމަވެސް ބޮޑުވަރު ނުވެ، ބަލި ފަސޭހަވުމަށް މަގުފަހިކޮށްދޭ ކަމެއް ކަމަށް އެޗްޕީއޭއިން ބުންޏެވެ.
ޚަބަރު
ޚަބަރު
ޚަބަރު