ޔުޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީ (ޔޫއާރްއޭ) އިން ކުރާ މަސައްކަތްތަކަށް ބޭނުންވާ ލިޔެކިޔުމާއި މައުލޫމާތު ފޯރުކޮށްނުދޭ ނަމަ ޖޫރިމާނާ ކުރެވޭ ގޮތަށް ގަވާއިދު ހަދައިފިއެވެ.
ޔޫއާރްއޭއިން މިއަދު ސަރުކާރުގެ ގެޒެޓުގައި ޝާއިއުކުރި "ޔުޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީން ކުރާ މަސައްކަތްތަކަށް ބޭނުންވާ ލިޔެކިޔުމާއި މައުލޫމާތު ހޯދައި ލިބިގަތުމުގެ ގަވާއިދު" ގެ މަގުސަދަކީ އާންމު ބޭނުންތަކުގެ ހިދުމަތްދޭ ފަރާތްތަކާއި އާންމު ފަރާތްތަކުން އޮތޯރިޓީއަށް ދޭންޖެހޭ މައުލޫމާތު ހޯދައި ލިބިގަތުމާ ބެހޭ އުސޫލުތައް ބަޔާންކޮށް، އެ ފަރާތްތަކުން އެ އުސޫލުތަކަށް އަމަލުކުރަމުންދޭތޯ ބަލައި ފިޔަވަޅު އަޅާނެ ނިޒާމެއް ގާއިމުކުރުން ކަމަށެވެ.
ގަވާއިދުގައިވާ ގޮތުން އެ އޮތޯރޮޓީއަށް ފޮނުވާ ހުރިހާ މައުލޫމާތަކީ ސިއްރު މައުލޫމާތެވެ. ނަމަވެސް ގާނޫނު އަސާސީން ހުއްދަކުރާ ގޮތެއްގެ މަތިން ވަކި އުސޫލެއްގެ ދަށުން އެ މައުލޫމާތު އެދޭ ފަރާތަކަށް ހިއްސާކުރެވިދާނެއެވެ.
ޔޫއާރްއޭއިން މައުލޫމާތު ފޯރުކޮށްދޭން އެދިއްޖެނަމަ، އެ މައުލޫމާތެއް ފޮރުކޮށްދޭންވާނީ ގަވަމަންޓް އީ-ލެޓާ މެނޭޖްމަންޓް ސިސްޓަމް (ޖެމްސް) މެދުވެރިކޮށެވެ. ނުވަތަ ހާޑު ކޮޕީގެ ގޮތުގައާއި މެއިލް މެދުވެރިކޮށެވެ.
ގަވާއިދުގައިވާ ގޮތުން ޔޫއާރްއޭއަށް އެންގެނީ ވަކި ބާވަތެއްގެ މައުލޫމާތު ހޯދުމަށެވެ. އެ މައުލޫމާތު ތަކަކީ:
ގަވާއިދުގައިވާ ގޮތުން ޔޫއާރްއޭ ބޭނުންވާ މައުލޫމާތެއް ނުދީ ހުރުމަކީ މަނާ ކަމެކެވެ. އަދި މައުލޫމާތު ފޮނުވަން އަންގާފައިވާ މުއްދަތުގެ ފަހުން ފޮނުވުމަކީ ވެސް މަނާ ކަމެކެވެ.
މީގެ އިތުރުން މައުލޫމާތު ފޮނުވުމަށް ކަނޑައަޅާފައިވާ މުއްދަތު ހަމަވުމުގެ ފަހުން މުއްދަތު އިތުރުކުރުމަށް އެދުމާއި މައުލޫމާތު ފޮނުވުމަށް އެދި ފޮނުވާ އެންގުމަށް އަމަލު ކުރާނެ ގޮތެއް ސަރުކާރު ބަންދު ނޫން ފަސް ދުވަހުގެ ތެރޭގައި އޮތޯރިޓީއަށް ނޭންގުމަކީ ވެސް މަނާ ކަމެކެވެ.
އަދި އޮތޯރިޓީއަށް ފޮނުވާ މައުލޫމާތަކީ ތެދު މައުލޫމާތައް ވާން ޖެހޭނެ ކަމަށާއި އޮތޯރިޓީން ކަނޑައަޅާފައިވާ ގޮތް ނޫން އެހެން ގޮތަކަށް މައުލޫމާތު ފޮރުކޮށް ދިނުމަކީ މަނާ ކަމެކެވެ.
ޔޫއާރްއޭއަށް ބޭނުންވާ މައުލޫމާތު ނުދީފިނަމަ، އެ މައުލޫމާތު ދިނުމަށް އެދި އިންޒާރު ފޮނުވާނެއެވެ. ތިން ފަހަރު އިންޒާރު ދިނުމުން ވެސް މައުލޫމާތު ނުދީފިނަމަ ޖޫރިމާނާ ކުރުމުގެ ބާރު ގަވާއިދުގެ ދަށުން ޔޫއާރްއޭއަށް ލިބިގެންވެއެވެ.
އެގޮތުން ފުރަތަމަ ފަހަރު 2،000 ރުފިޔާއިން ޖޫރިމަނާ ކުރާނެއެވެ. އަދި ގަވާއިދާ ހިލާފުވާ ކޮންމެ ފަހަރަކު 2،000 ރުފިޔާއިން ޖޫރި މަނާކުރާނެއެވެ.
ޖޫރިމާނާ ދެއްކުމަށް ލިބޭނީ ސަރުކާރު ބަންދު ދުވަސްތައް ނުހިމަނައިގެން 45 ދުވަހުގެ މުއްދަތަކެވެ.
"ޔުޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީން ކުރާ މަސައްކަތްތަކަށް ބޭނުންވާ ލިޔެކިޔުމާއި މައުލޫމާތު ހޯދައި ލިބިގަތުމުގެ ގަވާއިދު" އަމަލުކުރަން ފަށާނީ ގެޒެޓުގައި ޝާއިއުކުރާތާ އެއް މަސް ފަހުންނެވެ.
ޔޫއާރްއޭ އަކީ އާންމު ހިދުމަތުގެ އަގު ކޮންޓްރޯލް ކުރުމަށް 2020 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ 14 ވަނަ ދުވަހު ރައީސް އިބްރާހީމް މުހައްމަދު ސޯލިހު އުފެދެއްވި އޮތޯރިޓީއެކެވެ.
ޔޫއާރްއޭ އުފައްދާފައިވަނީ އެންވަޔަރަމަންޓް މިނިސްޓްރީގެ ދަށުން ހިނގަމުން އައި މޯލްޑިވްސް އެނާޖީ އޮތޯރިޓީ އުވާލުމަށްފަހުއެވެ. ޔުޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީގެ މަގުސަދުތަކުގެ ތެރޭގައި އާއްމު ބޭނުންތަކުގެ ހިދުމަތްތަކަކީ ރާއްޖޭގައި ދިރިއުޅޭ އެންމެނަށް އެކަށީގެންވާ ހެޔޮ އަގެއްގައި، ހަރުދަނާ ކަމާއި އިތުބާރާއެކު ދެމެހެއްޓެނިވި ގޮތެއްގެ މަތިން ފޯރުކޮށްދެވޭނެ ހިދުމަތަކަށް ހެދުން ހިމެނެއެވެ.
އޭގެ އިތުރުން އެ ހިދުމަތަކީ ރައްޔިތުންގެ ބޭނުންތައް ފުއްދައިދެވޭނެ ކާމިޔާބު ކަމާއެކު ރަނގަޅު ފެންވަރުގައި ދެވޭ ހިދުތަކަށް ހެދުމާއި ހިދުމަތް ފޯރުކޮށްދިނުގައި ބޭއިންސާފުން ކުރާ ކަންކަން ހުއްޓުވުމާއެކު ވާދަވެރި ވެއްޓެއް ގާއިމްކޮށް ހިދުމަތްތައް ކުރިއެރުވުމަށް މަގުފަހިކުރުން ވެސް މި އޮތޯރިޓީގެ މަގުސަދުތަކުގެ ތެރޭގައި ހިމަނާފައިވެއެވެ.
ޔޫއާރްއޭގެ ކަންކަން ކުރިއަށް ގެންދަން ފަސް މެންބަރުންގެ މައްޗަށް އެކުލެވޭ ޑިރެކްޓަރުންގެ ބޯޑެއް އައްޔަންކުރަން ޖެހެއެވެ. މި ބޯޑަށް މެންބަރުން އައްޔަންކުރުމާއި ވަކި ކުރުމުގެ ބާރު ބިލުން ދީފައި ވަނީ ރައީސުލްޖުމްހޫރިއްޔާއަށެވެ.