ރާއްޖޭގެ ރަށްތަކާއި ފަޅުތަކާއި ފަރުތަކުގެ ޑިޖިޓަލް ފައިލްތައް އާންމުކޮށް ބޭނުންކުރެވޭ ގޮތަށް ޝާއިއުކޮށްފިއެވެ.
އެޗާޓުތައް އާންމުކޮށްފައިވަނީ މިއަދުގެ ވަގުތެއްގައި މޯލްޑިވްސް ލޭންޑް ސާވޭ އޮތޯރިޓީ (އެމްއެލްއެސްއޭ) އިންނެވެ. ޕްލޭނިން މިނިސްޓްރީގެ ދަށުން އެމްއެލްއެސްއަކީ، ރާއްޖޭގެ ބިމުގެ ދަފުތަރު ގާއިމްކޮށް ބަލަހައްޓާ ގައުމީ ޖިއޮގްރަފިކް އިންފޮމޭޝަން ސިސްޓަމް ގާއިމްކޮށް ރާއްޖޭގައި ކުރާ ބިމުގެ ސާވޭތައް ރެގިއުލޭޓް ކުރާ ފަރާތެވެ.
އެމްއެލްއެސްއޭއިން ރާއްޖޭގެ ޗާޓުތައް ޝާއިއުކޮށްފައިވަނީ އެޗާޓުތަކުގެ ޖިއޯރިފަރަންސް މައުލޫމާތު ހިމެނޭ ގޮތަށް ބޭނުންކުރާ ޝޭޕްފައިލް ފޯމެޓުގައެވެ.
ޕްލޭނިން މިނިސްޓްރީން މިއަދު ބުނީ، ރާއްޖޭގެ ޗާޓުތައް ލިބެން ހުންނަނީ ފޮތްތަކާއި ހާޑްކޮޕީ ފޯމެޓުގައި ކަމަށެވެ. ރާއްޖޭގެ ޗާޓުތައް އާންމުކުރުމުން ދައުލަތުގެ އިދާރާތަކާއި އަމިއްލަށް ކުންފުނިތަކާއި ދިރާސާކުރާ ފަރާތްތަކާއި އަމިއްލަ ފަރުދުންނަށް ރާއްޖޭގެ ރަށްތަކާއި ބެހޭ ރަސްމީ ގިއޯގްރަފިކް މައުލޫމާތު އެކި އެޕްލިކޭޝަތްތަކުގައި ބޭނުންކުރުމުގެ މަގު ތަނަވަސް ވެގެންދާނެ ކަމަށް ޕްލޭނިން މިނިސްޓްރީން ބުންޏެވެ.
ޗާޓުކުރުމުގެ މަސައްކަތާއި ރިސޯސް އެލޮކޭޝަން މަސައްކަތާއި ޕްލޭނިން މަސައްކަތާއި ރިސާޗް މަސައްކަތް ކުރާ ދަރިވަރުންނާއި އެޕްލިކޭޝަންތައް ތައްޔާރުކުރާ ފަރާތްތަކަށް ބޭނުންކުރެވޭ އޮތީރިޓޭޓިވް ނުވަތަ ރަސްމީ ޑޭޓާ ވެސް ލިބިގެންދާނެކަމަށް ޕްލޭނިން މިނިސްޓްރީން ބުންޏެވެ.
ރާއްޖޭގެ ރަށްތަކުގެ ޗާޓަށް އަންނަ ބަދަލުތައް އެމްއެލްއެސްއޭއިން ގަވާއިދުން އަޕްޑޭޓް ކުރަމުންދާނެ ކަމަށާއި އެގޮތުން ބިންހިއްކުމާއި ފަޅު ހިއްކައިގެން އުފައްދާ ރަށްތަކުގެ މައުލޫމާތު ކަނޑައެޅިފައިވާ ފްރީކުއެންސީއެއްގައި ޗާޓުކޮށް އަޕްޑޭޓްކުރާނެ ކަމަށް ޕްލޭނިން މިނިސްޓްރީން ބުންޏެވެ.
ރާއްޖޭގެ ޗާޓުތަކުގެ މައުލޫމާތު އެމްއެލްއެސްއޭގެ ވެބްސައިޓުން ލިބެން ހުންނާނެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު