ދުނިޔެ

ދުނިޔޭގެ އެންމެ ފެންވަރު ރަނގަޅު އެއާޕޯޓަކަށް ގަތަރުގެ ހަމަދު އިންޓަނޭޝަނަލް އެއާޕޯޓް އަނެއްކާވެސް ހޮވައިފި

ހުރިހާ ގޮތަކުން ދުނިޔޭގެ އެންމެ ފެންވަރު ރަނގަޅު އެއަރޕޯޓް ކަމަށް ޖެހިޖެހިގެން ދެވަނަ ފަހަރަށް ގަތަރުގެ ހަމަދު އިންޓަރނޭޝަނަލް އެއަރޕޯޓް ހޮވައިފިއެވެ.

ގަތަރުގެ ވެރިރަށް ދޯހާއަށް ނިސްބަތްވާ ހަމަދު އިންޓަރނޭޝަނަލް އެއަރޕޯޓަކީ ހުސްވި 2021 ވަނަ އަހަރުވެސް މި އެވޯޑް ހޯދި އެއަރޕޯޓެވެ. ދުނިޔޭގެ އެންމެ ފެންވަރު ރަނގަޅު އެއްވަނަ އެއަރޕޯޓް ހޮވައި އެވޯޑް ދީފައިވަނީ ފްރާންސްގެ ވެރިރަށް ޕެރިހުގައި މިމަހުގެ ސޯޅަ ވަނަ ދުވަހު ބޭއްވުނު ޚާއްސަ ހަފުލާއެއްގައެވެ.

ދުނިޔޭގެ އެއަރޕޯޓްތަކުގެ ތެރެއިން އެއްވަނަ އެއަރޕޯޓް ކަމަށް ހަމަދު އިންޓަރނޭޝަނަލް އެއަރޕޯޓް ހޮވުނުއިރު ތަފާތު އެހެން ގިންތިތަކުންވެސް ވަނަތައް ހޮވައި އެވޯޑް ދީފައިވެއެވެ. އެއަރޕޯޓް ސްޓާފް ސާރވިސް ގިންތިން އެވޯޑް ލިބުނީ ސިންގަޕޫރުގެ ޗާންގީ އެއަރޕޯޓަށެވެ. އާއިލީ ދަތުރުތަކަށާއި ބާޒާރުކުރުމަށް އެންމެ ރަނގަޅު އެއަރޕޯޓަކަށް ހޮވިފައިވަނީ ތުރުކީގެ އިސްތަންބޫލް އެއަރޕޯޓެވެ.

ސާފުތާހިރުކަމުގެ ގޮތުން އެއްވަނަ އެއަރޕޯޓަކަށް ހޮވިފައިވަނީ ޖަޕާނުގެ ވެރިރަށް ޓޯކިޔޯގެ ހަނޭޑާ އެއަރޕޯޓެވެ. އަހަރެއްގެ ތެރޭގައި ހުރިހާ ގޮތަކުން އެންމެ ބޮޑު ކުރިއެރުމެއް ހޯދާފައިވާ އެއަރޕޯޓަކަށް ހޮވުނީ ސައޫދީ އަރަބިޔާގެ ވެރިރަށް ރިޔާޒުގެ ކިންގް ޚާލިދު އެއަރޕޯޓެވެ. އިމިގްރޭޝަނުގެ ޚިދުމަތްތަކުގެ ފަސޭހަކަމަށް ބަލައިގެން އެއްވަނަ އެއަރޕޯޓަކީ ޑެންމާކުގެ ކޯޕަންހޭގަން އެއަރޕޯޓެވެ. ސަލާމަތީ ޚިދުމަތުގެ ދާއިރާއިން އެއްވަނައަށް ހޮވުނީ ސުވިޒަރލެންޑުގެ ޒިއުރިކް އެއަރޕޯޓެވެ.