އެމެރިކާގައި 1992 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބު ބޭއްވުނު ދުވަސްވަރަކީ އިގްތިސާދީގޮތުން އެމެރިކާއަށް ފަހި ދުވަސްވަރެއް ނޫނެވެ. ވެރިކަމުގައި ހުންނެވީ ޖޯޖް ބުޝްއެވެ. ދިވެހިން ކިޔާގޮތުންނަމަ ބޮޑު ބުޝްއެވެ. އެ އިންތިޚާބުގައި އިދިކޮޅުގެ ކެމްޕޭން މައިގަނޑު ގޮތެއްގައި އަމާޒު ކުރެވިފައި އޮތީ ގައުމަށް ކުރިމަތިވެފައިވާ އިގްތިސާދީ ތާށިކަމުގެ މައްޗަށެވެ. ދެވަނަ ދައުރަކަށް ހޮވިވަޑައިގަތުމަށް ރައީސް ބުޝް މަސައްކަތް ކުރައްވަމުން ގެންދެވިއިރު އޭނާގެ ވާދަވެރިޔަކީ ބިލް ކްލިންޓަނެވެ. އެދުވަސްވަރު ކްލިންޓަނުގެ ކެމްޕޭން މެނޭޖަރު ޖޭމްސް ކާރވިލް ވިދާޅުވި ކެމްޕޭން ބަސްފުޅެއް ވަރަށް ބޮޑަށް ވައިގައި ހިފިއެވެ. ފަހުން ކުލިންޓަންގެ މުޅި ކެމްޕޭން ޝިއާރުކަމުގައި ހިމެނުނީވެސް އެބަސްފުޅެވެ. އޭނާ ވިދާޅުވިއެވެ. މޮޔަނުވާށެވެ. އެއްޗަކީ އިގްތިސާދެވެ.
މިބަހުގެ މުރާދަކީ މިއެވެ. ގައުމަކަށް އެންމެ މުހިއްމު އެއްޗަކީ ދުޅަހެޔޮ އިގްތިސާދެކެވެ. ގައުމުގެ ކޮންމެ ކަމެއްގެ ދުޅަހެޔޮކަމާއި ދެމެހެއްޓުން ގުޅިފައި އޮންނަނީ އިގްތިސާދާއެވެ. އެހެންވީމާ އިގްތިސާދާ ނުލައި އެހެން ކަންކަމެއް ނުރޭވޭނެއެވެ. ރާވައިގެންވެސް ނުވާނެއެވެ. ގައުމުގެ އެންމެ އިސް އެއްޗަކީ އިގްތިސާދެވެ. ޚަރަދުކުރަންވާނީ ލިބޭ އެއްޗަކަށް ބަލައިގެންނެވެ. ވިސްނާންވީ ޚަރަދުކުރާނެގޮތަކަށް ނޫނެވެ. ވިސްނުން ބަހައްޓަންވީ ލިބޭ މިންވަރު އިތުރުކުރެވޭނެ ގޮތަކަށެވެ. ވިސްނާންވީ ޚަރަދުކުރާ އެއްޗެއްވެސް އެ ޚަރަދުކުރެވެނީ އެންމެހެޔޮކޮށްތޯ ބަލައި އިސްރާފު ކުޑަކުރުމަށެވެ. މިދެންނެވި ޝިއާރު ކުރިއަށް ނެރެގެން ބިލް ކްލިންޓަންގެ ޓީމުން ވަނީ އެއަހަރުގެ އިންތިޚާބުގައި ރައީސް ބުޝްގެ މައްޗަށް ވަރަށް ފުރިހަމަ ކާމިޔާބީއެއް ހޯދައިފައެވެ.
"މޮޔަ ނުވާށެވެ. އެއްޗަކީ އިގްތިސާދެވެ." މިއީ އެކިއެކި ކަންކަމަށް އަމާޒު ކުރެވިގެން ބޮޑެތި ކެމްޕޭން ހިންގާއިރު ދުނިޔޭގެ އެހެނިހެން ގައުމުތަކުގައިވެސް ފަހަކަށް އައިސް ވަރަށް ގިނައިން ބޭނުންކުރެވޭ ޝިއާރެކެވެ. މި ޝިއާރު އެންމެފަހުން ބޭނުންކުރީ އިންޑިޔާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީގެ ސަރުކާރުންނެވެ. ވަރަށް ބޮޑު ޕްލޭނެއް އިފްތިތާހު ކުރުމުގެ ގޮތުންނެވެ. އެ ޕްލޭނުގެ ބޭނުމާއި މަގްސަދު ރައްޔިތުންނަށް ވިސްނައިދިނުމުގެ ގޮތުންނެވެ. ބޮޑުވަޒީރު މޯދީގެ ޕްލޭނަކީ އިނގިރޭސިންގެ އިސްތިއުމާރީ ވެރިކަން ނިމި 1947 ގައި އިންޑިޔާއަށް ފުރިހަމަ މިނިވަންކަން ލިބުނުފަހުން މިހާތަނަށް ދުވަހަކުވެސް އެއްވެސް ސަރުކާރަކުން އެކުލަވައިނުލާޒާތުގެ ބޮޑު ޕްލޭނެކެވެ. އެއީ އިންޑިޔާގެ އަސްކަރިއްޔާ ޒަމާނީކޮށް އިސްލާހުކޮށް ޚަރަދު ކުޑަކުރުމަށް އަމާޒުކުރެވޭ ޕްލޭނެކެވެ.
އިންޑިޔާއަކީ ސައިޒުގެ ގޮތުން ދުނިޔޭގެ ހަތްވަނައަށް އެންމެ ބޮޑު ގައުމެވެ. އާބާދީގެ ގޮތުން ދުނިޔޭގައި ދެވަނައަށް އެންމެ ބޮޑު ގައުމެވެ. އިންޑިޔާގެ އަސްކަރިއްޔާއަކީ 1.4 މިލިޔަން މީހުންނާއެކު ދުނިޔޭގައި ދެވަނައަށް އެންމެ ބޮޑު އަސްކަރިއްޔާއެވެ. އަސްކަރީ ކަންކަމަށް އަހަރެއްގެ މައްޗަށް އިންޑިޔާއިން ކުރާ ހޭދަޔަކީ ނުވަތަ އިންޑިޔާގެ އަސްކަރީ ބަޖެޓަކީ ދުނިޔޭގައި ތިންވަނައަށް އެންމެ ބޮޑު ބަޖެޓެވެ. އެއީ ކޮންމެ އަހަރަކު ގާތްގަޑަކަށް 71 ބިލިޔަން ޑޮލަރެވެ. މި ބަޖެޓުގެ ތެރެއިން ދެބައިކުޅަ އެއްބަޔަށްވުރެ ބޮޑު އެއްޗެއް ޚަރަދުވަނީ ސިފައިންގެ މުސާރަޔަށާއި ޕެންޝަނަށެވެ. ސިފައިންގެ މުސާރަޔާއި ޕެންޝަނުގެ އޮނިގަނޑަކީ ވަރަށް ޒަމާންވީ ބައު އޮނިގަނޑެކެވެ. އެއްވެސް ސަރުކާރަކަށް މި އޮނިގަނޑު އިސްލާހެއް ނުކުރެވެއެވެ. ކުރާކަށް ނުވެސް ކެރެއެވެ. މައްސަލައިގެ ބާވަތުންނެވެ.
ބޮޑުވަޒީރު މޯދީގެ ސަރުކާރުން މިހާތަނަށް މަސައްކަތްކުރަމުން އައީ މި އޮނިގަނޑު އިސްލާހުކުރެވޭތޯއެވެ. އުޅެއުޅެ އެކަމެއް ނުވިއެވެ. އެހެންވީމާ މިހަފުތާގެ އަންގާރަދުވަހު ސަރުކާރުން ނިންމީ މިހާރު އަމަލުކުރަމުންދާ އޮނިގަނޑު އެއްކޮށް އުވައިލުމަށާއި މުޅިން އައު އޮނިގަނޑެއް ތައާރަފު ކުރުމަށެވެ. މިބަދަލަކީ ފަސޭހަ ބަދަލެއް ނޫނެވެ. މާކެޓްކުރަން ނުހަނު އުނދަގޫ ބަދަލެކެވެ. އެހެންވީމާ މި ބަދަލު ރައްޔިތުންނަށް ބުނެދޭން އެއްކަލަ ޝިއާރު ބޭނުންކުރަން ޖެހުނީއެވެ. "މޮޔަ ނުވާށެވެ. އެއްޗަކީ އިގްތިސާދެވެ. އިގްތިސާދުކުރުމަކީ އިސްރާފު ކުޑަކުރުމެވެ. މިއުޅެނީ އިސްރާފު ކުޑަކުރެވޭތޯއެވެ." އިސްރާފޭ އެބުނާ ބަހުގެ މުރާދަކީ ޕެންޝަނެވެ. ޕެންޝަނަށް ކުރަންޖެހޭ ހޭދަ މާބޮޑީއެވެ. އައު އޮނިގަނޑުގެ ބޭނުމަކީ އިސްރާފު ކުޑަކުރުމެވެ.
އައު އޮނިގަނޑުގެ ދަށުން ސިފައިންގެ ޚިދުމަތަށް ޒުވާނުން ހޮވާނީ ހަތަރު އަހަރުގެ ވަގުތީ ކޮންޓްރެކްޓަކާއެކުގައެވެ. އޭގެ ދަަށުން ޕެންޝަނެއް އަދި ތައުލީމަށް ޚަރަދުކުރުމެއް ނޯންނާނެއެވެ. މި ކޮންޓްރެކްޓް ހަމަވީމާ އެ މީހެއްގެ ކެރިކުޅަދާނަކަމާއި ދުޅަހެޔޮކަމަށް ބަލައިގެން އަނެއްކާވެސް އައު ކޮންޓްރެކްޓެއް ދޭނީއެވެ. ސިފައިންގެ ޚިދުމަތަކީ ޕެންޝަނާއި އެނޫންވެސް އިނާޔާތްތައް ހައްގުވާ ކަހަލަ ޚިދުމަތަކަށެއް ނުވާނެއެވެ. ކުރީގެ ވިސްނުމާއި ތަރުތީބުކުރުންތައް މުޅިން ނިމުމަކަށް އަންނާނެއެވެ. ތަޖުރިބާކާރުން ގަބޫލުކުރާ ގޮތުގައި އިންޑިޔާ ކަހަލަ ގައުމެއްގައި މިއީ ނަތީޖާ ހެޔޮވުމަށްވުރެ ނުބައިވެދާނެ ބަދަލެކެވެ. އިންޑިޔާގެ އަސްކަރިއްޔާގެ ޕްރޮފެޝަނަލްކަން އިތުރުވުމުގެ ބަދަލުގައި ކޮރަޕްޝަނަށް މަގުފަހިވެ ސިފައިންގެ ސަފުތަކުގެ ބަދަހިކަން ގެއްލިގެން ހިނގައިދާނޭ ބަދަލެކެވެ.