ބ. ކަމަދޫ ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއުގެ އަމަލީ މަސައްކަތް ފަށަން ޕްރޮޖެކްޓް ސައިޓް މޮބިލައިޒްކޮށްފިއެވެ.

ޖުމުލަ 47 މިލިއަން ރުފިޔާގެ މި މަޝްރޫއު ހައުސިން އެންޑް އިންފްރާސްޓްރަކްޗާ މިނިސްޓްރީގެ ފަރާތުން އެ މަޝްރޫއު އެމްޓީސީސީއާ ހަވާލުކުރީ ޖަނަވަރީ 20, 2022ގައެވެ.

އެމްޓީސީސީން މިއަދު ބުނީ, އެ މަޝްރޫއުގެ އަމަލީ މަސައްކަތް ފެށުމުގެ ކުރިން ހަދަންޖެހޭ އެންވަޔަރަމަންޓް އިމްޕެކްޓް އެސަސްމެންޓް (އީއައިއޭ) މިހާރު ފުރިހަމަކޮށްފައިވާ ކަމަށެވެ. އަދި މިދިޔަ ހޯމަ ދުވަހު ޕްރޮޖެކްޓް ސައިޓް މޮބިލައިޒްކޮށްފައިވާ ކަމަށް ބުންޏެވެ.

މި މަޝްރޫޢުގެ ދަށުން، 25,636 ކިއު ިބކް މީޓަރުގެ ސަރަހައްދެއްގެ ބަނދަރު ފުންކުރުމާއި 180 މީޓަރުގެ ސަރަހައްދެއްގެ ބޭރުތޮށި ލުމާއި 628 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމެންޓް ޖެހުމާއި 346 މީޓަރުގެ ސަރަހައްދެއްގައި އެއްގަމުތޮށި ލުމާއި ޕޭވްމަންޓެއް ހެދުމާއި ރޭމްޕެއް ހެދުމާއި ބަނދަރު ބައްތި ހަރުކުރުމުގެ މަސައްކަތް ހިމެނެއެވެ.