އެމްޑީޕީން ވަކިކޮށްފިނިމަ މުޅި ހަޔާތުގައި ނުވާހާ ދެރަވާނެ ކަމަށް ރައްޔިތުން މަޖިލީހުގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ޕްރޮސެކިއުޓާ ޖެނެރަލްގެ މަގާމުން ހުސެއިން ޝަމީމު ވަކިކުރަން އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕުން ނެރޭ ތްރީލައިން ވިޕާ ހިލާފަށް ވޯޓު ދެއްވާ މެމްބަރުން ޕާޓީން ވަކިނުކުރާނެ ކަމަށް އުއްމީދުކުރައްވާ ނަޝީދު ވަނީ އިއްޔެ ވިދާޅުވެފައިއެވެ.

ނަޝީދު އެގޮތަށް ވިދާޅުވެފައިވަނީ، ޝަމީމު މަގާމުން ވަކިކުރަން އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕުން ނިންމައި މަޖިލީހަށް ހުށަހަޅަން ފާސްކުރުމުންނެވެ. ނަޝީދު ވަނީ ވިޕް ލައިނާ ހިލާފަށް ވޯޓް ދެއްވާނެ ކަމަށް ވިދާޅުވެފައެވެ. އަދި ނަޝީދު އެދުނު ގޮތަށް ވިޕް ލައިނާ ހިލާފަށް ވޯޓު ދެއްވާނެ ކަމަށް 18 މެމްބަރަކު ވަނީ ހާމަކުރައްވައިފައެވެ.

އެމްޑީޕީގެ ޕާލިމެންްޓްރީ ގްރޫޕުގެ ލީޑަރު، ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުހައްމަދު އަސްލަމް މިއަދު ވިދާޅުވީ، ޕާލިމެންޓްރީ ގްރޫޕުން ނެރޭ ވިލްލައިނާ ހިލާފަށް ވޯޓު ދެއްވާ މެމްބަރުންނަށް ފިޔަވަޅު އަޅުއްވާނެ ކަމަށެވެ.

އަސްލަމްގެ އެ ވާހަކަތަކާ ގުޅިގެން އެމްޑީޕީގެ ޕާލިމެންޓްރީ މެމްބަރުން ތިއްބަވާ ގްރޫޕަކަށް ނަޝީދު މިއަދު ފޮނުވި މެސެޖެއްގައި ވިދާޅުވީ، އެމަނިކުފާނު އެމްޑީޕީން ވަކިކޮށްފިނަމަ ވަރަށް ދެރަވާނެ ކަމަށާއި އެމްޑީޕީން ވަކިކޮށްފިނަމަ ހަޔާތުގައި ނުވާހާ ދެރަ ވާނެ ކަމަށެވެ.

"ހަޔާތުގައި ދުވަހަކުވެސް ނުވާ ވަރަށް ދެރަވާނެ" ނަޝީދު ވިދާޅުވިއެވެ.

ނަޝީދު ވިދާޅުވީ، ވިޕްލައިނާ ހިލާފުވެވަޑައިގަތުމަށް ނިންމެވީ ސަރުކާރު ޖަވާބުދާރީ ނުކުރެވިއްޖެނަމަ ރާއްޖެއަށް ބޮޑު ގެއްލުމެއް ލިބިދާނެ ކަމަށް ގަބޫލުކުރެވޭތީ ކަމަށެވެ. އަދި ވިދާޅުވީ މަޖިލިސް މެމްބަރުން އެއްވެސް ހައްދެނެތި ސަރުކާރަށް ތާއިދުކުރުމުގެ ސަބަބުން ބައެއް ގައުމުތައް އެއްކޮށް ބަނގުރޫޓު ވަމުންދާ ކަމަށެވެ.

"ރާއްޖެ ފަދަ ޕާލިމެންޓްތަކުގައި ސަރުކާރުގެ މެމްބަރުން ސަރުކާރަށް ތާއީދު ކުރި ކުރީނުން ގައުމުތައް އެކަށް އެބަ ބަނގުރޫޓު އެބަވޭ،" ނަޝީދު ވިދާޅުވިއެވެ.

އެމްޑީޕީން މިއަދު ވަނީ ވިޕްލައިނާ ހިލާފުވެވަޑައިގެންނެވި އެމްޑީޕީގެ ފަސް މަޖިލިސް މެމްބަރަކަށް ފިޔަވަޅު އަޅައިފައެވެ.

އެމްޑީޕީގެ ބައެއް މަޖިލިސް މެމްބަރުން މިއަދު މަޖިލީހުގައި ވާހަކަ ދައްކަވަމުން ވިދާޅުވީ، ވިޕްލައިނާ ހިލާފުވެއްޖެނަމަ ފިޔަވަޅު އަޅަން ޖެހޭނެ ކަމަށެވެ.

އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕުގައި ވެސް ހިމެނިވަޑައިގަންނަވާ އަދި މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ ވިދާޅުވީ، ފިޔަވަޅު އެޅިޔަސް ވިޕްލައިނާ ހިލާފަށް ވޯޓު ދެއްވާނެ ކަމަށެވެ.