ޚަބަރު

ހެޔޮ ނިޔަތުގައި ބަދަލު ދިނުމުން އަޅުގަނޑުމެންވީ ބޮޑެތި ވަގުންނަށް: އަމީރު

ކުރީގެ ސަރުކާރުން ބޭއިންސާފު ލިބުނު ފަރާތްތަކަށް އިންސާފު ހޯދައި ދިނުމަށް މި ސަރުކާރުން ވެފައިވާ ވައުދުގެ ދަށުން ބަދަލު ދޭން ޖެހުނު ފަރާތްތަކަށް ބަދަލުދިނުމަށް ހެޔޮ ނިޔަތުގައި ކުރި ކަންތަކުގެ ސަބަބުން އޭނާ ހިމެނޭ ގޮތުން، އެކަމުގައި އުޅުނު މީހުން ބޮޑެތި ވަގުންނަށް ހަދައި ބަދުނާމުކޮށްފައިވާ ކަމަށް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވެއްޖެއެވެ.

ފިނޭންސް މިނިސްޓަރު މިހެން ވިދާޅުވީ، ދައުލަތުގެ މަޝްރޫއުތަކުގައި ގެއްލުމުގެ ބަދަލުދިނުމުގެ ނިޒާމުގެ ނަޒާހަތްތެރިކަން ކަަށަވަރު ކުރުމާބެހޭ ގޮތުން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ހުށަހަޅާފައިވާ "ހުދު ކަރުދާސް" ދިރާސާކުރުމަށް ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީގެ ސަބް ކޮމިޓީން ކުރަމުންދާ މަސައްކަތްތަަކަށް ބޭނުންވާ މައުލޫމާތު އޮޅުންފިލުވުމަށް އެ ކޮމިޓީގެ މިއަދުގެ ބައްދަލުވުމަށް ހާޒިރުވެވަޑައިގެންނެވުމުން ކާށިދޫ ދާއިރާގެ މަޖިލިސް މެންބަރު އަބްދުﷲ ޖާބިރު ކުރެއްވި ސުވާލަަކަށް ޖަވާބު ދެއްވަމުންނެވެ.

ނޫމަޑިއާ ހަވާލުކުރި ދެ އެއްބަސްވުމެއް ގާނޫނާ ހިލާފަށް ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން އުވާލުމުގެ ބަދަލެއްގެ ގޮތުގައި 55 މިލިއަން ޑޮލަރު ދައްކަން ޖެހުނު މައްސަލައިގައި ޖާބިރު، އަމީރުއާ ސުވާލުކުރެއްވީ އެ ފައިސާ އެއްކޮށްދިނީ ކީއްވެގެންތޯއާއި ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ނެގުމަށް އެ ފައިސާ ބޭނުންކުރުމަކީ އެކަށީގެންވާ ކަމެއް ކަމަށެވެ.

އެ ސުވާލާ ގުޅިގެން އަމީރު ވިދާޅުވީ، ނޫމަޑި މައްސަލައިގައި ސެޓެލްމަންޓް ކޮމިޓީން ވަރަށް ގިނަ މަސައްކަތްތަކެއް ކުރި ކަމަށާއި އާބިޓްރޭޝަން މަރުހަލާގައިވެސް ވަރަށް ބޮޑަށް ވަކާލާތުކުރި ކަމަށެވެ. އަދި ކޯޓުން ބޭރުން އެ މައްސަލަ ހައްލުކޮށް 55 މިލިއަން ޑޮލަރުގެ ބަދަލެއް ދިންއިރުން، އެ މައްސަލަ އޮތީ 250 ޑޮލަރަށްވުރެވެސް މަތީ އަދަދެއް ސަރުކާރުން ދައްކަންޖެހޭ ފަދަ ގޮތަކަށް ކަމަށްވެސް ވިދާޅުވިއެވެ.

އަމީރު ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިިމް މުހައްމަދު ސޯލިހު ސެޓްލްމަންޓް ކޮމިޓީއެއް އުފެއްދެވީ ކުރީގެ ސަރުކާރުން ބޭއިސްސާފުން ކަންކަން ދިމާވެ ބޮޑެތި ގެއްލުންތައް ލިބިފައިވާ ފަރާތްތަކަށް އިންސާފު ހޯއްދަވައިދެއްވުމަށް ވެވަޑައިގެންނެވި ވައުދުފުޅުގެ ދަށުން ކަމަށެވެ. އަދި ޔާމީންގެ ސަރުކާރުން ބޮޑެތި ގެއްލުންތައް ދީފައި ތިބީ އެމްޑީޕީގެ މެންބަރުންނާއި އެ ސަރުކާރާ ދެކޮޅު ފަރާތްތަކަށް ކަމަށްވެސް ވިދާޅުވިއެވެ.

އެކަންތައްތައް ކޮމިޓީގައި ކުރިއަށްދިޔައީ ވަކި އުސޫލެެއްގެ ދަށުން ކަމަށާއި ކޮމިޓީއަށް ހުށަހެޅި މަޝްވަރާ ކުރެވުނު މައްސަލަތަކުގެ ތެރޭގައި މެމްބަރު ޖާބިރާ ގުޅޭ މައްސަަތައް ހިމެނޭ ކަމަށްވެސް ވިދާޅުވިއެވެ. އެގޮތުގެ މަތިން އެކަންތައް ކުރީ، އިންސާފު ގެއްލިފައިވާ ފަރާތްތަކަށް ހެޔޮ ނިޔަތުގައި އިންސާފު ހޯދައިދިނުމަށް ނަމަވެސް އެކަމުގެ ސަބަބުން ބަދުނާމުވެ ވަގުންގެ ގޮތުގައި ލޭބަލް ކޮށްފައިވާ ކަމަށް އަމީރު ވިދާޅުވިއެވެ.

"އެކަމަކު މީގެ ނަތީޖާއަކަށް ވެގެން ދިޔައީ ސެޓްލްމެންޓް ކޮމިޓީގައި ތިބި ހުރިހާ ބޭފުޅުންނަކީ ވަގުންނަށްވެ، އަޅުގަނޑުމެން އަމިއްލައަށް ފައިސާ ހޯދާ ބަޔަކަށްވެ، އަޅުގަނޑުމެންގެ އިންޓަގްރިޓީ ދުއްވާލެވި އެގޮތަށް އެ މަސައްކަތް ކުރެވިގެންދިޔައީ، ސަރުކާރު ވަރަށް ބޮޑަށް ބަދުނާމު ކުރެވޭ ގޮތަށް ވާހަކަ ދެކެވި އަޅުގަނޑުމެންނަށް އެ ބަދުނާމު އައީ،" އަމީރު ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ މިހާރު އެ އުސޫލުތައް ބަދަލުކޮށް ސެޓެލްމަންޓް ކޮމިޓީވެސް އުވާލާފައިވާ ކަމަށެވެ. އަދި މިހާރު އަމަލު ކުރަމުންދަނީ ކޯޓުންކުރާ ހުކުމްތަކާ އެއްގޮތަށް ކަމަށްވެސް ވިދާޅުވިއެވެ.