ޚަބަރު

މިދިޔަ އަހަރު އެސްއޯއީތަކުން 5.4 ބިލިއަން ރުފިޔާގެ ފައިދާ

މުހައްމަދު ޖަމްޝަތް ވަހީދު

ސްޓޭޓް އޯންޑް އެންޓަޕްރައިޒެސް (އެސްއޯއީ) ތަކުން މިދިޔަ އަހަރު ސާފު ފައިދާގެ ގޮތުގައި 5.4 ބިލިއަން ރުފިޔާ ހޯދާފައިވާކަން ހާމަކޮށްފިއެވެ.

ފިނޭންސް މިނިސްޓްރީން އިއްޔެ އާއްމުކުރި ތަފާސްހިސާބުތައް ދައްކާ ގޮތުން އެސްއޯއީތަކުން މިދިޔަ އަހަރު އެންމެ ބޮޑު ފައިދާއެއް ހޯދާފައިވަނީ އަހަރުގެ އެންމެ ފަހު ކުއާޓާގައެވެ. އެ ކުއާޓަގައި ކުންފުނިތަކުން 2.2 ބިލިއަން ރުފިޔާގެ ފައިދާއެއް ހޯދާފައިވާއިރު އެންމެ ބޮޑު ފައިދާއެއް ހޯދާފައިވަނީ އެޗްޑީސީއާއި ބީއެމްއެލުންނެވެ. އަދި ދިރާގު، އެމްއޭސީއެލް، އެމްޓީޑީސީ އަދި އެސްޓީއޯ އިންވެސް ފައިދާގެ ގޮތުގައި ބޮޑު އަދަދެއް ހަމައެކަނި ހަތަރު ވަނަ ކުއާޓާގައި ވަނީ ހޯދާފައެވެ.

ހަތަރު ވަނަ ކުއާޓަރުގައި އެޗްޑީސީއަށް އެހާ ބޮޑު ފައިދާއެއް ލިބުނީ އެ ކުންފުނިން ފަހި ދިރިއުޅުން ކޯޕަރޭޝަނަށް ހުޅުމާލެއިން ބިން ވިއްކައިގެންނެވެ. ނަމަވެސް މުޅި އަހަރުގެ ނަތީޖާއަށް ބަލައި އިރު، އެންމެ ބޮޑު ފައިދާއެއް ހޯދާފައިވަނީ ބީއެމްއެލްއާއި އެމްއޭސީއެލް އަދި ދިރާގުންނެވެ.

ބީއެމްއެލްއަށް 1.7 ބިލިއަން ރުފިޔާގެ ފައިދާއެއް ލިބުނުއިރު އެމްއޭސީއެލްއަށް 1.1 ބިލިއަން ރުފިޔާގެ ފައިދާ އަދި ދިރާގަށް 813 މިލިއަން ރުފިޔާގެ ފައިދާއެއް ވަނީ ލިބިފައެވެ. އޭގެ އިތުރުން އެޗްޑީސީއަށް 746 މިލިއަން ރުފިޔާގެ ފައިދާއެއް ލިބުނުއިރު އެސްޓީއޯއަށްވެސް 478 މިލިއަން ރުފިޔާގެ ފައިދާއެއް ލިބުނެވެ.

ފިނޭންސްގެ ތަފާސްހިސާބުތަކަށް ބަލައި އިރު، އެސްއޯއީތަކުގެ ތެރެއިން މިދިޔަ އަހަރު އެންމެ ބޮޑު ގެއްލުމަކާއި ކުރިމަރިލާން ޖެހުނީ އައްޑޫ އިންޓަނޭޝަނަލް އެއާޕޯޓް ކުންފުންޏާއި ވެމްކޯއާއި އާރްޑީސީ އަދި ރީޖަނަލް އެއާޕޯޓްސް ކޮމްޕެނީއަށެވެ.

މިދިޔަ އަހަރު އައްޑޫ އިންޓަނޭޝަނަލް އެއާޕޯޓަށް 65 މިލިއަން ރުފިޔާގެ ގެއްލުން ލިބުނު އިރު، އެ ކުންފުނީގެ ހަރަދުތައް ހަމަޖެއްސުމަށް ލޯނުވެސް ވަނީ ނަގާފައެވެ. އަދި ވެމްކޯއަށް މިދިޔަ އަހަރު 67 މިލިއަން ރުފިޔާގެ ގެއްލުމާ ކުރިމަތިވިއިރު އާރުޑީސީއަށް 59 މިލިއަން ރުފިޔާގެ ގެއްލުން އަދި ރީޖަނަލް އެއާޕޯޓްސްއަށް 42 މިލިއަން ރުފިޔާގެ ގެއްލުމާ ވަނީ ކުރިމަތިވެފައެވެ.