މާލޭގެ އެންމެ ބޮޑު ތިން ސްކޫލްގެ ކިޔެވުން އެއް ދަންފަޅިއަށް ބަދަލުކުރުން މަސައްކަތް ކުރަމުންދާ ކަމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ ވިދާޅުވެއްޖެއެވެ.

ޑރ. އައިޝަތު އެގޮތަށް ވިދާޅުވީ، ރައްޔިތުން މަޖިލީހުގެ މިއަދުގެ ޖަލްސާގައި ހުޅުހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.

ޑރ. އައިޝަތު ވިދާޅުވީ، ސްކޫލްތައް އެއް ދަންފަޅިއަށް ބަދަލުކުރުމަކީ އެމްޑީޕީގެ ސިޔާސަތެއް ކަމަށެވެ. ނަމަވެސް މާލޭގައި ޖާގައިގެ ދަތިކަމާ ހެދި އެ ސިޔާސަތު ތަންފީޒުކުރަން ދަތިތަކެއް އެބަހުރި ކަމަށެވެ. 2020 ވަނަ އަހަރު ހުޅުވި އިއްޒުއްދީން ސްކޫލުން ކިޔަވައިދެނީ އެއްދަންފަޅިއަށް ކަމަށާއި އެ އުސޫލުން ކިޔަވައިދިނުމަށް އިތުރު ހަތަރު ސްކޫލެއް ހުޅުމާލޭގައި އަޅަމުން އަންނަ ކަމަށް ޑރ. އައިޝަތު ވިދާޅުވިއެވެ.

ޑރ. އައިޝަތު ވިދާޅުވީ މާލޭގެ އެންމެ ބޮޑު ތިން ސްކޫލު ކަމަށްވާ މަޖީދިއްޔާ ސްކޫލާއި އިސްކަންދަރު އަދި އަމީނިއްޔާ ސްކޫލުގެ ކިޔެވުން އެއް ދަންފަޅިއަށް ބަދަލުކުރުމުގެ ޕްލޭންތައް ސަރުކާރުން ގެންގުޅުއްވާ ކަމަށް ކަމަށެވެ.

"އަޅުގަނޑުމެންގެ ޕްލޭންގައި އެބަހުރި މަޖީދިއްޔާ، އިސްކަންދަރު އަދި އަމީނިއްޔާ އެއްދަންފަޅިއަށް ހެދުމަށް. ސީއެޗްއެސްސީ އެބަ ހަދަން ހުޅުމާލޭގައި އާ އިމާރާތެއް. ހުޅުމާލެއަށް ބަދަލުކުރެވުނީމަ މާލޭގައި ހުރި ސްކޫލް އެއްދަންފަޅިއަށް ބަދަލުކުރުމުގެ ފުރުސަތު ލިބިގެންދާނެ. އެކަހަލަ ޕްލޭންތަކެއް އެބަ ގެންގުޅެން،" ޑރ. އައިޝަތު ވިދާޅުވިއެވެ.

ޑރ. އައިޝަތު ވިދާޅުވީ، އެ ތިން ސްކޫލުގެ ކިޔެވުން އެއްދަންފަޅިއަށް ބަދަލުކުރަން ނިންމި ނަމަވެސް ބަޖެޓު ލިބި، އެކަން ތަންފީޒުކުރަން ފެށޭނެ ދުވަހެއް ނޭނގޭ ކަމަށެވެ.

އެމްޑީޕީގެ ސިޔާސަތާ އެއްގޮތަށް މާލެ ސަރަހައްދުގެ ބައެއް ސްކޫލްތަކާއި އަތޮޅު ތެރޭގެ ގިނަ ސްކޫލްތަކެއް ވަނީ އެއްދަންފަޅިއަށް ބަދަލުކޮށްފައެވެ.