ރާއްޖެއިން އެމެރިކާއަށް އައްޔަންކޮށްފައި ހުންނަވާ ސަފީރު ތިލްމީޒާ ހުސައިންގެ ބަދަލުގައި ފޮރިން މިނިސްޓްރީގެ އެމްބެސެޑާ އެޓް ލާޖުގެ މަގާމުގައި ހުންނަނަވާ އަބްދުލްގަފޫރު މުހައްމަދު އެ މަގާމަށް އައްޔަން ކުރުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ރައްޔިތުންގެ މަޖިލީހަށް ފޮނުއްވި މައްސަލަ އިތުރަށް ދިރާސާކުރުމަށް މަޖިލީހުގެ ހާރިޖީ ގުޅުންތަކުގެ ކޮމިޓީއަށް ފޮނުވައިފިއެވެ.
އެކި ގައުމުތަކަށް ރާއްޖޭން ކަނޑައަޅާ ސަފީރުންނާ މަގާމު ހަވާލުކުރުމުގެ ކުރިން އެކަމަށް ރައްޔިތުންގެ މަޖިލީހުގެ ރުހުން ހޯދަންޖެހެއެވެ. އެކަމަށްޓަކައި ރައީސް ސޯލިހު މަޖިލީހަށް ފޮނުއްވި ސިޓީފުޅު މަޖިލީހުގެ މިއަދުގެ ޖަލްސާއަށް އިއްވުމުން އެ މައްސަލަ ދިރާސާކުރުމަށް ކޮމިޓީއަށް ފޮނުއްވީ ރައްޔިތުންގެ މަޖިލިހުގެ ރައީސް މުހައްމަދު ނަޝީދެވެ.
ފޮރިން ސެކްރެޓެރީގެ މަގާމުގައި ހުންނަވަނިކޮށް އެމްބެސެޑާ އެޓް ލާޖުގެ މަގާމަށް އަބްދުލްގަފޫރު ބަދަލުކުރެއްވީ މިދިޔަ މެއި މަހުގެ އެއް ވަނަ ދުވަހުއެވެ.
ނިއުޖާޒީގެ ރަމަޕޯ ކޮލެޖުގެ އެޑްޖަންކްޓް ޕްރޮފެސަރު އޮފް ސަސްޓެއިނެބިލިޓީގެ މަގާމާއި އެމެރިކާގެ ކްލައިމެޓް އެކްޝަން ނެޓްވޯކުގެ ސޯޝަލީ އެންޑް އިކޮނޮމިކަލީ ޖަސްޓް އެޑެޕްޓޭޝަން އެންޑް މިޓިގޭޝަން ޓީމްގެ ކޯޗެއާގެ މަގާމުވެސް އަދާކުރެއްވި ތިލްމީޒާ އެމެރިކާ ސަފީރުކަމަށް އައްޔަންކޮށްފައިވަނީ އޭޕްރިލް 2019 ގައެވެ.
އޭނާއަކީ ޖުޑީޝަލް ސާވިސް ކޮމިޝަންގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ތުޅާދޫ ދާއިރާގެ މެމްބަރު ހިސާން ހުސައިންގެ ދައްތައެވެ.
ޚަބަރު
ޚަބަރު
ޚަބަރު