ރާއްޖޭގެ އެންމެ ކާމިޔާބު އެއް އަންހެން ދުވުންތެރިޔާ، ޝަމްހާ އަހުމަދު, ރާއްޖޭގެ ދުވުމުގެ ފަސް ކިލޯމީޓަރު ރެކޯޑު މުގުރާލައިފިއެވެ.
ސަމްހާ މިފަހަރުގެ ރެކޯޑު މުގުރާލީ އޭނާ ދިރިއުޅެމުންދާ ޖަރުމަނުގެ ލެވަކޫސަންގައި އިއްޔެ އޮތް ރޭހެއްގައި ވާދަކޮށްގެންނެވެ. ސަމްހާ އިއްޔެގެ ރޭސް ނިންމީ 20 މިނެޓު އަށް ސިކުންތުންނެވެ. ސަމްހާ އިއްޔެ މުގުރާލީ މިއަހަރު ޔޫއޭއީގައި އޮތް އިވެންޓެއްގައި އަރަމުން އަންނަ ދުވުންތެރިޔާ، އާމިނަތު ޖާއިޝާ ޖުނީޒް ހަދާފައިވާ ރެކޯޑެކެވެ. އޭނާގެ ޓައިމިން އަކީ 20 މިނިޓް 26 ސިކުންތެވެ. އިއްޔެ ލެވަކޫސަންގައި އޮތް ރޭހުގެ އިވެންޓުން ސަމްހާ ވަނީ ދެވަނަ ހޯދައިފައެވެ.
ފުރަތަމަ ސްޕްރިންޓް ދުވުންތެރިއެއްގެ ގޮތުގައި ވިދާލި ސަމްހާ މީގެ ކުރިން 2017 ވަނަ އަހަރުވެސް ފަސް ކިލޯމީޓަރުގެ އަންހެން ދުވުމުގެ ރެކޯޑު ހަދާފައިވެއެވެ. އުމުރުން 40 އަހަރުގެ ސަމްހާއަކީ އޮލިމްޕިކްސްގައި ވާދަކުރުމުގެ ފުރުސަތުވެސް ލިބުނު މަދު އަންހެން އެތުލީޓުންގެ ތެރޭގައި ހިމެނޭ އެތުލީޓެކެވެ.
ސަމްހާ އިއްޔެގެ ރޭހަށްފަހު އެންމެ ބޮޑަށް ޝުކުރު އަދާކޮށްފައި ވަނީ އޭނާ ތަމްރީނުތައް ހަދަމުންދާ މެރަތަން ރަނާސް މޯލްޑިވްސް އަދި އައިލެންޑް ރަނާސް މޯލްޑިވްސް އަދި ކޯޗު ނަސްރުﷲ އަހުމަދަށެވެ. ސަމްހާ ދިގު ރާސްތާ ދުވުމުގެ ތަމްރީނުތައް ހަދަމުންދާތާ އަދި މާ ގިނަ ދުވަހެއްވެސް ނުވެއެވެ. މަޝްހޫރު މެރަތަން ދުވުންތެރިޔާ ނަސްރުﷲ އާއެކު ސަމްހާ ތަމްރީނުތައް ހަދަން ފަށާފައި ވަނީ މީގެ ތިން މަހެއްހާ ދުވަސް ކުރިންނެވެ.
"މިއީ 2022 ވަނަ އަހަރު އަހަރެންގެ ފުރަތަމަ ފަސް ކިލޯމީޓަރު ރޭސް. މެރަތަން ރަނާސް އާއި ނަސްރު އަށް ވަރަށް ބޮޑަށް ޝުކުރު އަދާކުރަން. ތިން މަސް ދުވަހުގެ ވަރަށް އުނދަގޫ ޓްރެއިނިން އަށް ފަހު އަހަރެން އުންމީދުކުރީ 20 މިނިޓަށް ވުރެ އަވަހަށް ރޭސް ނިންމަން," ޖަރުމަނުގައި ދިރިއުޅެމުންދާ ސަމްހާ ބުންޏެވެ.
"އަލްހަމްދުލިއްލާހި، ދެން ފަހަރަކުން،" ވަގުތު 20 މިނެޓަށްވުރެ އަވަސްކުރަން އަމާޒު ހިފާފައިވާ ސަމްހާ ފޭސްބުކްގައި ކުރި ޕޯސްޓެއްގައި ބުންޏެވެ. މިހާތަނަށް ރާއްޖޭގެ އަންހެން ދުވުންތެރިޔަކު ފަސް ކިލޯމީޓަރުގެ ދުވުމެއް، 20 މިނެޓަށްވުރެ އަވަހަށް ނިންމައިފައެއް ނުވެއެވެ.
ރާއްޖޭގެ އަންހެނުންގެ 100 މީޓަރުގެ ދުވުމުގެ ރެކޯޑްވެސް މިހާރު އޮތީ ޝަމްހާ އަތުގައެވެ.
އެތުލެޓިކްސް
އެތުލެޓިކްސް
އެތުލެޓިކްސް