ޚަބަރު

އުނޫޝާއާއި ޝާންގެ "ދިލް އުޅެޔާ" އަށް ތިން ދުވަސްތެރޭ 1 މިލިއަން ވިއުސް

ރާއްޖޭގެ މަޝްހޫރު އަދި ހުނަރުވެރި ލަވަކިޔުންތެރިޔާ އުނޫޝާއާއި ބޮލީވުޑްގެ މަޝްހޫރު ލަވަކިޔުންތެރިޔާ ޝާންއާއެކު ނެރުނު ހިންދީ ލަވައަށް ތިން ދުސްތެރޭ 1.1 މިލިއަން ވިއުސް ލިބިއްޖެއެވެ.

ޔޫޓިއުބްގައި މިދިޔަ ހުކުރު ދުވަހު ރިލީޒްކުރި "ދިލް އުޅެޔާ"ގެ ނަން ދީފައިވާ އެ ލަވަ 1.1 މިލިއަނަށްވުރެ ގިނަ މީހުން ބަލާފައިވާ އިރު، 3،000އަށްވުރެ ގިނަ މީހުން ވަނީ ލައިކްކޮށްފައެވެ. އަދި ލަވައިގެ ވޯކަލްސްއާއި މިއުޒިކުގެ ހިތްގައިމުކަމަށް ތައުރީފުކޮށް އެތައް ބަޔަކު ކޮމެންޓުކޮށްފައިވެއެވެ.

މި ލަވައިގައި މައިގަނޑުގޮތެއްގައި ބޭނުންކޮށްފައި ވަނީ ހިންދީ ބަހުރުވަ އާއި ޕަންޖާބު ބަހުރުވައެވެ. ދެ ފަންނާނުންވެސް މައިގަނޑުކޮށް ހިންދީ ބަހުން ލަވަކިޔާ އިރު، އުނޫޝާއާއި ޝާންވެސް ވަނީ ދިވެހި ބަހުން ލަވައިގައި ރެޕްކޮށްފައެވެ.

މި ލަވަ ޝޫޓްކޮށްފައިވަނީ ރާއްޖޭގައެވެ. ލަވައިގެ މަންޒަރުތައް ހާޑްރޮކް ހޮޓެލްގައި ޝޫޓްކޮށްފައިވާ އިރު، މި ލަވައިގެ މިއުޒިކު ކުޅެފައިވަނީވެސް ދިވެހި ފަންނާނުންނެވެ. އަދި ލަވައިގައި ދިވެހި ބޮޑުބެރުގެ އަޑުވެސް ހިމަނާފައިވާ އިރު، ލަވައިގެ ނެށުންތަކުންވެސް ފެންނަނީ ހުސް ދިވެހިންނެވެ.

މި ލަވައާ ގުޅޭ ގޮތުން އިންޑިއާގެ ނޫހަކަށް ޝާން ދީފައިވާ އިންޓަވިއުއެއްގައި އޭނާ ވަަނީ އުނޫޝާގެ މަސައްކަތަށް ވަރަށް ބޮޑަށް ތައުރީފުކޮށްފައެވެ. އެގޮތުން ހިންދީ އަދި އުރުދޫ ބަހުން ލަވައިގެ ބައިތައް އުނޫޝާ ކިޔާފައިވާލެއް ފުރިހަމަކަން ފާހަގަކޮށް، އުނޫޝާގެ ހުނަރުވެރިކަމުން ހައިރާންކަމެއް ލިބުނު ކަމަށް ބުނެފައިވެއެވެ.