ކަނޑުމަގުން ރާއްޖެ އެތެރެކުރި ކޮންޓެއިނަރެއްގެ ތެރެއިން ފެނުނީ މަސްތުވާތަކެތީގެ ދެ ބާވަތެއް ކަމަށް މޯލްޑިވްސް ކަސްޓަމްސް ސާވިސްއިން ބުނެފިއެވެ.

"ވަން" އަށް އެނގިފައިވާ ގޮތުގައި މަސްތުވާތަކެތި ފެނުނީ އިންޑިއާއިން ކަނޑުމަގުން ރާއްޖެ އެތެރެކުރި ކޮންޓެއިނަރެއްގެ ތެރެއިންނެވެ. އެ ކޮންޓެއިނަރު އެތެރެ ކޮށްފައިވަނީ ޓޮމާޓޯ ޕޭސްޓާއި ދަޅު ކާނާގެ ގޮތުގައިކަންވެސް އެނގިފައިވެއެވެ.

ކަސްޓަމްސް އިން އިއްޔެ ބުނީ، މިދިޔަ މަހުގެ 29 ވަނަ ދުވަހު ކަނޑުމަގުން ރާއްޖެ ގެނެސްފައިވާ ޝިޕްމެންޓެއްގެ ތެރެއިން މަސްތުވާތަކެއްޗަށް ޝައްކުކުރެވޭ ދެ ވައްތަރެއް ފެނިގެން ފުލުހުންނާ ގުޅިގެން ހާއްްސަ އޮޕަރޭޝަނެއް ހިންގަމުންދާ ކަމަށެވެ.

އެ ކޮންޓެއިނަރުގެ ތެރެއިން ފެނިފައިވަނީ ކިހާ އަދަދެއްގެ ޑުރަގް ކަމެއް ނުބުނެއެވެ. އިތުރު އެއްވެސް ތަފުސީލެއް ނުދީ ކަސްޓަމްސް އިން ބުނީ، އެ އޮޕަރޭޝަންގެ މައުލޫމާތު ފަހުން ދޭނެ ކަމަށެވެ.