ޚަބަރު

އުނޫޝާ އާއި ޝާންގެ "ދިލް އުޅެޔާ" ރިލީސްކޮށްފި

މުހައްމަދު ޖަމްޝަތް ވަހީދު

ރާއްޖޭގެ މަޝްހޫރު އަދި ހުނަރުވެރި ލަވަކިޔުންތެރިޔާ އުނޫޝާ އާއި ބޮލީވުޑްގެ މަޝްހޫރު ލަވަކިޔުންތެރިޔާ ޝާން އާއެކު ރެކޯޑުކުރި ހިންދީ ލަވަ ރިލީޒްކޮށްފިއެވެ.

"ދިލް އުޅެޔާ" ގެ ނަން ދީފައިވާ މި ލަވަ ޝާން ވަނީ އޭނާގެ ޔޫޓިއުބް ޗެނަލްގައި މިއަދު ޕޯސްޓުކޮށްފައެވެ. މި ލަވައިގައި މައިގަނޑުގޮތެއްގައި ބޭނުންކޮށްފައިވަނީ ހިންދީ ބަހުރުވަ އާއި ޕަންޖާބު ބަހުރުވައެވެ. ދެ ފަންނާނުންވެސް މައިގަނޑުކޮށް ހިންދީބަހުން ލަވަކިޔާ އިރު، އުނޫޝާ އާއި ޝާންވެސް ވަނީ ދިވެހި ބަހުން ލަވައިގައި ރެޕްކޮށްފައެވެ.

މި ލަވަ ޝޫޓްކޮށްފައިވަނީ ރާއްޖޭގައެވެ. ލަވައިގެ މަންޒަރުތައް ހާޑްރޮކް ހޮޓެލްގައި ޝޫޓްކޮށްފައިވާ އިރު، މި ލަވައިގެ މިއުޒިކު ކުޅެފައިވަނީވެސް ދިވެހި ފަންނާނުންނެވެ. އަދި ލަވައިގައި ދިވެހި ބޮޑުބެރުގެ އަޑުވެސް ހިމަނާފައިވާ އިރު، ލަވައިގެ ނެށުންތަކުންވެސް ފެންނަނީ ހުސް ދިވެހިންނެވެ.

މި ލަވައާ ބެހޭގޮތުން އިންޑިއާގެ ނޫހަކަށް ޝާން ދީފައިވާ އިންޓަވިއުއެއްގައި އޭނާ ވަަނީ އުނޫޝާގެ މަސައްކަތަށް ވަރަށް ބޮޑަށް ތައުރީފުކޮށްފައެވެ. އެގޮތުން ހިންދީ އަދި އުރުދޫ ބަހުން ލަވައިގެ ބައިތައް އުނޫޝާ ކިޔާފައިވާލެއް ފުރިހަމަކަން ޝާން ފާހަގަކުރިއެވެ. ޝާން ބުނީ އުނޫޝާގެ ހުނަރުވެރިކަމުން ހައިރާންކަމެއް ލިބުނު ކަމަށެވެ.

ޔޫޓިއުބަށް މިއަދު ދޫކޮށްލި މި ލަވަ މިހާތަނަށް 9،000 އަށްވުރެ ގިނަ މީހުން ވަނީ ބަލައިފައެވެ. އުނޫޝާ ވަނީ މީގެ ކުރިން ބޮލީވުޑް ފިލްމެއް ކަމުގައިވާ "ޖިސްމް 2" އަށް ވެސް ލަަވައެއް ކިޔައިދީފައެވެ.