އަގަރަވާލް ނަމަކަށް ކިޔުނު އިންޑިޔާގެ ވިޔަފާރިވެރިޔަކު 1990ގެ އަހަރުތަކުގައި މާވަރުގަދަޔަކަށް ދިވެހިރާއްޖޭގައި ފައިތިލަ ސާބިތުކޮށްގެން އުޅުނެވެ. މަނީ ލޯންޑަރިން އާއި ކޮރަޕްޝަނުގެ ތަފާތު އަމަލުތައް މީނާގެ ފުށުން ފެނުނީ ނުހަނު ބޮޑަށެވެ. ނަތީޖާއެއްގެ ގޮތުން އެދުވަސްވަރުގެ ސަރުކާރަށް ވަރަށް ބޮޑު ލޮޅުމެއް އެރިއެވެ. ހުޅުލޭގައި ހުރި ސެޓެލައިޓް ރެސްޓޯރަންޓުން ފެށިގެން ތަފާތު އެތަކެއް ވިޔަފާރިއެއްގެ މޮނޮޕޮލީ ދާދި ކުޑަދުވަސްކޮޅެއްގެ ތެރޭގައި ހޯދިއެވެ. ރިޝްވަތުގެ ބާރުގައެވެ. ބާރުގަދަ ބައެއް ވަޒީރުންވެސް ތިއްބަވަނީ މި އަގަރަވާލެއްގެ މުށުތެރޭގައި ކަމަށް ކިޔަތެވެ. ކަންކަން އިމުން ބޭރުވެ އޮބިނޯންނަ ހިސާބަށް ދިޔުމުން ސަރުކާރަށް މަޖްބޫރުވީ މީނާ ހިފައި ހައްޔަރުކޮށް ގާދޫކޮލުން ބޭރުކޮށްލުމަށެވެ. ރާއްޖެއިން ޑީޕޯޓްކޮށް ބޭރުކޮށްލީމާ ފުރައިގެންދިޔަ ތަނެއް ނޭނގެއެވެ.
ދިވެހިރާއްޖެއިން އަގަރަވާލް ބޭރުކޮށް ފައްސައިލެވުނު ދުވަސްވަރާއި ދާދިގާތުގައި މީނާއަށް އެދުރުވެފައި، ނުވަތަ މީނާގެ ފޮތުން ދަރިވަރުވެފައި ތިބި އިންޑިޔާގެ އިތުރު ތިން މީހަކު ދެކުނު އެފްރިކާއިން ފާޅުވެއްޖެއެވެ. އެއީ ގުޕްތާ އާއިލާގެ ތިން ބެއިންނެވެ. އަތުލް ގުޕްތާޔާއި ރާޖޭޝް ގުޕްތާ އަދި އަޖޭ ގުޕްތާއެވެ. އިންޑިޔާގެ އުއްތަރު ޕްރަދޭޝްއަށް ނިސްބަތްވާ މި އާއިލާ ދެކުނު އެފްރިކާގައި ފައި ބީއްސާލީ 1993 ގައެވެ. އެއީ ދޮން މީހުންގެ ވެރިކަން ނިމި ކަޅު މީހުންގެ އަތްމައްޗަށް ދެކުނު އެފްރިކާގެ ބާރުތައް ނަގުލުވަމުން ބަދަލުވަމުންދިޔަ ދުވަސްވަރެވެ. އަގަރަވާލުގެ ފޮތުން ލިބުނު ފިލާވަޅުތައް ތަންފީޒުކުރަން ވަރަށް އެކަށޭނަ މާހައުލެއް އޮތް ދުވަސްވަރެކެވެ. ދެކުނު އެފްރިކާގައި ގުޕްތާ އާއިލާން އެންމެ ފުރަތަމަ ގާއިމްކުރީ އާދައިގެ ކުޑަކުޑަ ކުންފުންޏެކެވެ.
ސަހާރާ ކޮމްޕިއުޓާރސްގެ ނަމުގައި ގާއިމްކުރި ކުންފުނި ފުޅާވަމުން ވިހަމުން ގިނަވަމުން އައިސް 2018 ވަނަ އަހަރު ގުޕްތާ އާއިލާއަށް ނިސްބަތްވާ ކުންފުނިތަކުގެ އަދަދު ފަންސަވީހަށްވުރެ ގިނައެވެ. އެ ކުންފުނިތަކުގައި މަސައްކަތްކުރާ ދެކުނު އެފްރިކާގެ މުވައްޒަފުންގެ އަދަދު ތިރީސްހާހަށްވުރެ މައްޗެވެ. ދެކުނު އެފްރިކާގެ އިގްތިސާދުގެ ކޮންމެ ދިމާލެއްގައިވެސް ގުޕްތާގެ ކޮންމެވެސް ކުންފުންޏެކެވެ. ސަރުކާރުގެ ހުރިހާ ކޮންޓްރެކްޓްތައްވެސް ގުޕްތާއިންނަށެވެ. މުޅި ސަރުކާރުގެ ތެރޭގައިވެސް ގުޕްތާއިންގެ ބާރާއި ނުފޫޒެވެ. ވެރިކަންކުރާ އެފްރިކަން ނެޝަނަލް ކޮންގްރެސް ޕާޓީގެ ތެރޭގައިވެސް ގުޕްތާއިންގެ ބާރެވެ. ވަޒީރުން ކަނޑައެޅުމާއި ވަކިކުރުމުގައިވެސް ފަހުބަސް ބުނަނީ ގުޕްތާއިންނެވެ. މުޅި އޮޑީގައިވެސް ހަސަނުގެ ދެފަޔޭ ބުނެވޭ އުސޫލުންނެވެ.
ގުޕްތާއިންގެ ބާރު އެންމެ ގަދަވީ ޖޭކޮބް ޒޫމާގެ ރައީސްކަމުގެ ދައުރުގައެވެ. އޭނާ ވެރިކަން ކުރެއްވީ 2009 ވަނަ އަހަރުން ފެށިގެން 2018 ވަނަ އަހަރާ ހަމަޔަށެވެ. ގުޕްތާގެ ތިން ބެއިންނަކީ ރައީސް ޒޫމާއަށްވުރެވެސް މަތީގައި ތިބި ބައެކެވެ. ޒޫމާގެ އަނބިކަނބަލަކާއި ދަރިކަލަކާއި ދަރިކަނބަލަކުވެސް ވަޒީފާ އަދާކުރަމުން ދިޔައީ ގުޕްތާއިންގެ ކުންފުނިތަކުގައެވެ. ރައީސް ޒޫމާގެ ވެރިކަން ހަމަނިމުމާއެކު އައު ސަރުކާރުން ވަނީ ގުޕްތާއިންގެ ކޮރަޕްޝަނުގެ މައްސަލަ ބަލަން ފަށައިފައެވެ. އެންމެ މަތީ ފެންވަރުގައެވެ. ތަހުގީގުތައް ފެށުމާއެކު ގުޕްތާގެ ތިން ބެއިންގެ ތެރެއިން އެންމެ ދޮށީ ދެބެއިން ވަނީ ދެކުނު އެފްރިކާ ދޫކޮށް ޔުނައިޓެޑް އަރަބް އެމިރޭޓްސްއަށް ގޮސްފައެވެ. އިންސާފަށް ފިލުމަށްޓަކައެވެ. ގާނޫނުގެ ދިގު އަތް ނުފޯރާ ހިސާބުގައި ތިބުމަށްޓަކައެވެ.
ގުޕްތާއިންގެ ކޮރަޕްޝަނުގެ މައްސަލަ ތަހުގީގުކުރީ ދެކުނު އެފްރިކާގެ ވަރަށް އިސް ފަނޑިޔާރެއްގެ ބެއްލެވުމުގެ ދަށުންނެވެ. ތަހުގީގަށް ސާބިތުވި ގޮތުގައި ރައީސް ޒޫމާއަކީ ގުޕްތާއިންގެ އަޅެކެވެ. ކޮންމެ ނިންމެވުމެއްވެސް ނިންމަވަނީ ގުޕްތާއިންނަށް މަންފާވާ ގޮތަށެވެ. ބައިއެޅޭ ގޮތަށެވެ. ގައުމަށް ގެއްލުންވާ ގޮތަށެވެ. ވަޒީފާގެ ކުރިއެރުން ލިބެނީ ގުޕްތާއިންނަށް އާނއެކޭ ބުނާ މީހުންނަށެވެ. ނޫނެކޭ ބުނާ މީހުންނަށް ލިބެނީ އަދަބެވެ. ދެކުނު އެފްރިކާގެ މައިނިން އިންޑަސްޓްރީޔާއި ޓޫރިޒަމް އިންޑަސްޓްރީޔާއި އެވިއޭޝަން ސެކްޓަރ އަދި ރޭލްވޭ ސެކްޓަރގައިވެސް އޮތީ ގުޕްތާއިންގެ މޮނޮޕޮލީއެވެ. މީޑިއާވެސް އޮތީ ގުޕްތާއިންގެ މުށުތެރޭގައެވެ. ވެރިކަންކުރާ އެފްރިކަން ނެޝަނަލް ކޮންގްރެސް އާއި މުޅި ސަރުކާރުވެސް އޮތީ ގުޕްތާއިންގެ ޖީބުތެރޭގައެވެ.
ގުޕްތާއިންގެ އެންމެ އިސް ދެބެއިން ހައްޔަރުކޮށް ދެކުނު އެފްރިކާއަށް ފޮނުވައިދޭން ޔުނައިޓެޑް އަރަބް އެމިރޭޓްސްގައި އެދިގެން ލޮބީކުރަމުންދާތާ ތިން އަހަރުވީފަހުން މިހަފުތާގައި އެމިރޭޓްސްގެ ފުލުހުން ވަނީ ދުބާއީގައި އަތުލް ގުޕްތާޔާއި ރާޖޭޝް ގުޕްތާ ހައްޔަރުކޮށްފައެވެ. ދާދި އަވަހަށް ދެކުނު އެފްރިކާއަށް ފޮނުވަންވެސް ދަނީ މަސައްކަތް ކުރަމުންނެވެ. ގުޕްތާއިންގެ ކޮރަޕްޝަނުގެ ހަގީގީ މިންވަރު ސާފުވާނީ ސަރިޔަތް ފެށުމުންނެވެ. ހީކުރެވޭ ގޮތުގައި މިކޭސް ވާނީ ދުނިޔޭގެ ތާރީޚުގައިވެސް ކޮރަޕްޝަނުގެ އެންމެ ބޮޑު ކޭސްކަމުގައެވެ. ލިބެންހުރި މައުލޫމާތަށް ރިއާޔަތްކުރާއިރު ޔަގީންވަނީ ގުޕްތާއިންގެ ފޮތަކީ އަގަރަވާލްގެ ވެސް ފޮތްކަމެވެ. ކަންކަން ކުރަން ދިމާކުރިގޮތް މުޅިން އެއްގޮތެވެ. ފިއްޔެއްވެސް ތަފާތެއް ނޫނެވެ. އަގަރަވާލަށް ނުލިބުނީ ވަގުތެވެ. ގުޕްތާއިންނަށް ވަގުތު ލިބުނެވެ.
ދުނިޔެ
ދުނިޔެ
ދުނިޔެ
ދުނިޔެ