މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ)ގެ އާ ރައީސަކަށް މުހައްމަދު ޝަފާއު ހަސަން އިންތިހާބުކޮށްފިއެވެ.
އެމްއެމްސީގެ ރައީސްކަމުގެ މަގާމު ހުސްވެފައިވަނީ އެ މަގާމުގައި ކުރިން ހުންނެވި ޝަހުބާން ފަހުމީ އިސްތިއުފާދެއްވުމާ ގުޅިގެންނެވެ.
ރައީސްކަމުގެ މަގާމަށް ޝަފާއު އިންތިހާބުކޮށްފައިވަނީ މިއަދު ބޭއްވި އެމްއެމްސީގެ ބައްދަލުވުމެއްގައެވެ. ވޯޓުގައި ބައިވެރިވި ނުވަ މެންބަރުންގެ އިއްތިފާގުން ޝަފާއު ވަނީ ރައީސްކަމުގެ މަގާމަށް އިންތިހާބުވެފައެވެ.
އެ ވޯޓުގެ ކުރިން ހުށަހެޅުމެއް ވެސް ހުށަހެޅިފައިވެއެވެ. އެއީ މަގާމަށް ކެމްޕޭނުކުރުމަށް ވަގުތު ދިނުމުގެ ގޮތުން އެއް ހަފުތާއަށް ވޯޓު ފަސްކުރުމަށެވެ. ނަމަވެސް އެ ހުށަހެޅުން ފާސްވެފައެއް ނުވެއެވެ. އެހެންކަމުން ޝަހުބާންގެ އިސްތިއުފާ ގަބޫލުކުރުމަށްފަހު ރައީސްކަމުގެ މަގާމުގެ ވޯޓު ވަނީ ކުރިއަށްގެންގޮސްފައެވެ. ރައީސްކަމުގެ މަގާމަށް ހުށަހެޅުނީ ވެސް ހަމައެކަނި ޝަފާއުގެ ނަމެވެ.
ޝަފާއުއަކީ އާންމު މެންބަރެއްގެ ގޮތުގައި 2020 ވަނަ އަހަރުގެ ޑިސެމްބަރު މަހު އެމްއެމްސީއަށް އިންތިހާބުވި މެންބަރެކެވެ. އަދި ކުރިން އެ މަގާމުގައި ހުންނެވި ޝަހުބާނަކީ މީޑިއާތައް ތަމްސީލުކުރާ މެންބަރެކެވެ.
އެމްއެމްސީގެ ރައީސްކަމުން މިދިޔަ އަންގާރަ ދުވަހު ޝަހުބާން އިސްތިއުފާދެއްވި އިރު, ފޮރެކްސް ޓްރޭޑްކުރުމުގެ ނަމުގައި ގިނަ ބައެއްގެ އަތުން ފައިސާ ނަގައިގެން ޕޮންޒީ ސްކީމެއް ހިންގިކަމުގެ ތުހުމަތާ ގުޅިގެން އޭނާ މަގާމުން ވަކިކުރުމަށް ދެ ފަހަރެއްގެ މަތިން އިތުބާރު ނެތްކަމުގެ މައްސަލަ ހުށަހަޅާފައިވެއެވެ. އެ ދެފަހަރު ވެސް އިތުބާރު ނެތްކަމުގެ މައްސަލަ ވަނީ ނާކާމިޔާބުވެފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު