ވޯލްޑް އޯޝަން ޑޭ، ދުނިޔޭގެ ކަނޑުތަކުގެ ދުވަސް ފާހަގަ ކުރުމަށް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)އިން ޑައިވް ކްލަބްތަކާއި ގުޅިގެން ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް ޑައިވިން ތަޖުރިބާ ކޮށްލުމުގެ ހަރަކާތެއް ބާއްވައިފިއެވެ.

ބީއެމްއެލްއިން އިއްޔެ ބުނީ، "ޑިސްކަވާ ޑައިވް" ގެ ނަމުގައި ހިންގި އެ ހަރަކާތުގައި މޯލްޑިވްސް އެސޯސިއޭޝަން ފޯ ޕާސަންސް ވިތް ޑިސޭބިލިޓީސް އަދި އޯޓިޒަމް އެސޯސިއޭޝަންގެ ފަރާތުން ވަނީ 18 ކުދިން ބައިވެރިވެފައިވާ ކަމަށެވެ. އަދި ރާއްޖޭގައި ފާހަގަކޮށްލެވޭ ތިން ޑައިވް ސެންޓަރެއް ވަނީ އެ ޑިސްކަވަ ޑައިވްގެ ހަރަކާތްތައް ހިންގުމުގައި ބައިވެރިވެފައި ކަމަށެވެ.

އެ ޑައިވިން ސެންޓަރުތަކަކީ ޑައިވާސް ލޮޑްޖް މޯލްޑިވްސް އާއި ޑައިވް ކްލަބް މޯލްޑިވްސް އަދި މޫދު ބުޅާ ޑައިވް ސެންޓަރުކަމަށް ބީއެމްއެލްއިން ބުންޏެވެ.

ބީއެމްއެލްއިން އެފަދަ ޕްރޮގްރާމް ހިންގުމުގެ މަގްސަދަކީ ޑައިވް ކުރުމަކީ ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް ތެރަޕިއުޓިކް ކަމަކަށް ވުމާއެކު އެކަމަށް އެހީތެރިކަން ފޯރުކޮށްދިނުމާއި އެކުދިންނަށް ވެސް ހަމަހަމަ ފުރުސަތުތައް ހޯދައިދިނުން ކަމަށެވެ.

ވޯލްޑް އޯޝަން ޑޭ، ގުޅުވައިގެން ބީއެމްއެލްއިން ވަނީ ޓިކްޓޮކް ޗެލެންޖެއްވެސް ހުޅުވާލައިފައެވެ.

'މޫދު މޯމެންޓްސް' ގެ ނަމުގައި ކުރިޔަށްދާ އެ ޓިކްޓޮކް ޗެލެންޖުގައި މޫދު ސިފަވާ ގޮތް ނުވަތަ މޫދަކީ ކޮބައިކަން ހާމަކޮށް، ވީޑިއޯއެއް އުފައްދައި ޓިކްޓޮކްގައި ހިއްސާކުރަން ޖެހޭނެއެވެ.

ޓިކްޓޮކްގައި ޕޯސްޓްކުރާ ވީޑިއޯތަކުގެ ތެރެއިން ގުރުއަތުން ހޮވޭ ފަރާތަކަށް ގިނަ އިނާމުތަކެއް ލިބިގެންދާނެއެވެ. އެ ޗެލެންޖްގައި ބައިވެރިވުމުގެ ފުރުސަތު މިމަހުގެ ނިޔަލަށް ވަނީ ހުޅުވާލައިފައެވެ.