ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ)ގައި ހަދާފައިވާ އާ ސީޕްލޭން ޓާމިނަލް އަންނަ މަހު ހުޅުވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.
އާ ސީޕްލޭން ޓާމިނަލަކީ ވީއައިއޭ ތަރައްގީކުރުމުގެ މަޝްރޫއުގެ ދަށުން މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން 55 މިލިއަން ޑޮލަރު (848 މިލިއަން ރުފިޔާ) ހަރަދުކޮށްގެން ހަދާފައިވާ ތަނެކެވެ. އާ ސީޕްލޭން ޓާމިނަލުގެ މަސައްކަތް ނިމުނުތާ އަހަރަކަށް ވުރެ ގިނަ ދުވަސްވެފައިވީ ނަމަވެސް އެތަން އަދި ބޭނުންކުރަން ފަށައިފައެއް ނުވެއެވެ.
އާ ސީޕްލޭން ޓާމިނަލް ހުޅުވަން އެމްއޭސީއެލުން ކުރިން އިއުލާނުކޮށްފައިވަނީ އެޕްރީލް މަހުގެ އެއްވަނަ ދުވަހުއެވެ. މިހާރު ޓެކްސީވޭއެއްގެ ގޮތުގައި ބޭނުންކުރާ އާ ރަންވޭ އެއްކޮށް ބޭނުންކުރަން ފެށޭނީވެސް ޓީއެމްއޭ އިން ބޭނުންކުރާ އިމާރާތް ތަޅާލައި، އެތަން ސާފުކުރުމުންނެވެ. އާ ސީޕްލޭން ހުޅުވުން މެއި މަހުގެ 15 ދުވަހަށް ފަސްކުރި ނަމަވެސް، މެއި މަސް ނިމިގެން ދިޔައިރު ވެސް އެތަން ހުޅުވައިފައެއް ނުވެއެވެ.
ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ރައީސް ސޯލިހު ވަނީ ވީއައިއޭ ތަރައްގީކުރުމުގެ މަޝްރޫއާ ގުޅޭގޮތުން ވާހަކަފުޅުދައްކަވައިފައެވެ. އެގޮތުން ރައީސް ވިދާޅުވީ، ވީއައިއޭގެ އާ ރަންވޭ މިހާރު އޮތީ ބޭނުންކުރެވޭ ހިސާބުގައި ކަމަށާއި، އާ ސީޕްލޭން ޓާމިނަލް އަންނަ ޖުލައި މަހު ހުޅުވާނެ ކަމަށެވެ.
"ރަންވޭ މިހާރު އެއޮތީ ބޭނުން ކުރެވޭ ހިސާބުގައި. ސީޕްލޭން ޓާމިނަލް އިރާދަކުރެއްވިއްޔާ ޖުލައި މަހު ހުޅުވޭނެ. ހުޅުވުނީމާ ބަދަލުތަކެއް އެއާޕޯޓަށް އަންނާނެ، ހިދުމަތްތަކަށް ވަރަށް ބޮޑަށް ފަސޭހަވެގެންދާނެ. އިތުރު ޓޫރިސްޓުންނަށް ރާއްޖެ އައުމަށް ޖާގަ ލިބިގެންދާނެ،" ރައީސް ވިދާޅުވިއެވެ.
ކުރީ ސަރުކާރުން ވީއައިއޭގެ ޓާމިނަލް ތަރައްގީކުރުމަށް 357 މިލިއަން ޑޮލަރުގެ އެއްބަސްވުމެއްގައި ސޮއިކޮށްފައިވާ ކަމަށާއި، ނަމަވެސް އެއީ އެ މަސައްކަތަށް އެކަށީގެންވާ އަދަދެއް ކަމަށްނުވާތީ މި ސަރުކާރުން އިތުރަށް ފައިސާ ހޯދައިފައިވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.
"ޓާމިނަލްގައި އޮތް ޑްރާފްޓެއް ކުރެހުމަކާ އެއްޗެހި. އެހެންނަމަވެސް އެއީކީ އެންމެ ރަނގަޅު ރާއްޖެއަށް ފެތޭގޮތަށް ރާއްޖެ ސިފަވާ ގޮތަށް އޮތް ކުރެހުމަކަށް ނުވާތީ އެ ކުރެހުން އަޅުގަނޑުމެން ފުރަތަމަ ބަދަލުކުރީ. މިހާރު ތިޔަބޭފުޅުންނަށް ފެނިވަޑައިގަންނަވާނެ އެކުރެހުމަށް ގެނައި ބަދަލުތައް މިހާރު އާންމުވެފަވާނެ. އެގްރީމެންޓެއް އޮތް ސޮއިކުރެވިފައި 357 މިލިއަން ޑޮލަރުގެ އޭރުގަ. އެކަމަކު އެ އަދަދަކީ ޓާމިނަލް އަޅަން ބޭނުންވާ އަދަދަށްވުރެ މަދު އަދަދަކަށްވާތީ އަލުން ވާހަކަދައްކައިގެން ސައުދީ ފަންޑުން އިތުރު 104 މިލިއަން ޑޮލަރު ފެސިލިޓީއެއްގައި އަޅުގަނޑުމެން ސޮއިކުރީ،" ރައީސް ވިދާޅުވިއެވެ.
ވީއައިއޭގެ އާ ޓާމިނަލް އެޅުމުގެ މަސައްކަތް ހަވާލުކުރި ބިންލާދިން ގްރޫޕުން އެ މަސައްކަތް ސަބް ކޮންޓްރެކްޓަށް ހަވާލުކޮށްފައިވަނީ ޗައިނާގެ ކުންފުންޏަކަށް ކަމަށާއި، ޗައިނާގެ ކުންފުންޏާއި ބިންލާދިން ކުންފުންޏާ ދެމެދު ހިޔާލު ތަފާތުވެ ވީއައިއޭގެ މަސައްކަތް ހުއްޓިފައިވަނިކޮށް މި ސަރުކާރުން އެ މައްސަލަ ހައްލުކޮށް، ވީއައިއޭގެ މަސައްކަތް އަލުން ފަށާފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ، އެ މައްސަލަ ހައްލުކުރެވުމުން ވީއައިއޭ ތަރައްގީ ކުރުމުގެ މަޝްރޫއަށް ފައިސާ ލިބުމުގައި ދަތިތަކެެއް ކުރިމަތިނުވާ ކަމަށެވެ. އަދި ކުރީ ސަރުކާރުން ތާވަލުކޮށްފައިވާ ގޮތަށް އަންނަ އަހަރުގެ ފަހުކޮޅަށް ޓާމިނަލުގެ މަސައްކަތް ނިންމާލެވޭނެ ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު