ރާއްޖެ ބަނގުރޫޓު ނުވާނެ ކަމަށާއި 2026 ވަނަ އަހަރު ދައްކަން ޖެހޭ 600 މިލިއަން ޑޮލަރު ދެއްކޭ ވަރަށް ސޮވެރިން ޑެވެލޮމަންޓް ފަންޑަށް ފައިސާ ޖަމާކުރަމުންދާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.
ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް ވިދާޅުވީ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމްގެ ސަރުކާރުން 2017 ވަނަ އަހަރު ނެގި 250 މިލިއަން ޑޮލަރުގެ ސަނީ ސައިޑް ބޮންޑު ވެސް އިއްޔެ ދައްކައި ނިންމާފައިވާނެ ކަމަށެވެ.
"މިއަދު އުޅޭ އަނެއް ސުވާލަކީ ދަރަނި ދެއްކުމުގައި ދަތިތަކެއް އެބައުޅެއޭ. ދަރަނި ނުދެއްކި, ރިޒާވް ހުސްވެ, ބަނގުރޫޓުވުމާ ހިސާބަށް ރާއްޖެ ހިނގައިދާނެ ކަމަށް ދެކެވޭ ވާހަކަ. އަޅުގަނޑު ޔަގީންކަން މި އަރުވަނީ ތިބޭފުޅުންނަށް އިރާދަކުރެއްވިއްޔާ އެހެން ނުވާނެ ކަމަށް. 2017 ވަނަ އަހަރު ނެގި ސަނީ ސައިޑް ބޮންޑަށްފަހު ދެން އެންމެ ބޮޑު އަދަދެއް އަޅުގަނޑުމެން ދައްކަން މި ޖެހެނީ 2026 ވަނަ އަހަރު. އެއީ 600 މިލިއަން ޑޮލަރު އެބައުޅޭ. ސެވޮރިން ޑެވެލޮމަންޓް ފަންޑަށް އަޅުގަނޑުމެން ފައިސާ ޖަމާކުރަމުން މިގެންދަނީ. މިހާރު މިއަދާ ހިސާބަށް އައި އިރު, ހަތަރު ބިލިއަން ރުފިޔާ ސެވޮރިން ޑެވެލޮޕްމަންޓް ފަންޑުގައި ހުންނާނެ. އަޅުގަނޑުމެންގެ އަމާޒަކީ 2026 ވަނަ އަހަރު އަންނަންވާއިރަށް 600 މިލިއަން ޑޮލަރު ދައްކާ ވަރަށް ސެވޮރިން ޑެވެލޮޕްމަންޓް ފަންޑަށް ފައިސާ ޖަމާކުރުން،" އެމަނިކުފާނު ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ދަރަނި ދެއްކުމުގައި މިވަގުތު ބޮޑު ގޮންޖެހުމެއް އޮތް ކަމަކަށް ނުފެންނަ ކަމަށާއި 2009 ވަނަ އަހަރު ފެށުނު އިރުގައި 753 މިލިއަން ޑޮލަރު އޮފިޝަލް ރިޒާވްގައި ހުރި އިރު، މިއަދު 807 މިލިއަން ޑޮލަރު އެބަހުރި ކަމަށެވެ. އަދި ރިޒާވް ވެސް އެއްވަރެއްގައި ހިފެހެއްޓޭ ކަމަށް ރައީސް ވިދާޅުވިއެވެ.
"ދެން ދައްކަމުންދާ ވާހަކައަކީ ދައުލަތުގެ ދަރަނި ބޮޑުވަމުންދާ ވާހަކަ. 98 ނުވަތަ 99 ބިލިއަން ރުފިޔާ އިކުއިމިލިޓެޑް ޑެޓް އެރި ވާހަކަ. މިއީ އެއްދުވަހަކުން ވެފައި އޮތް ކަމެއް ނޫން. މީގެ ކުޑަ ތަފްސީލަކަށް ދާ ކަމަށްވަންޏާ, 2012 އިން ފެށިގެން 2022 އާ ހިސާބަށް, 2012 ވަނަ އަހަރު ނިމުނުއިރު ހުރީ 17 ބިލިއަން ރުފިޔާގައި. ދެން އައީ ޑރ. ވަހީދުގެ އެއް އަހަރު, ނިމުނުއިރު 23 ބިލިއަނަށް ދަރަނި އަރާފައި. 2013 އިން 2018 އާ ދޭތެރޭގައި 62 ބިލިއަނަށް ދަރަނި އަރާފައި. ހަމައެކަނި މިއަށް ބަލާއިރުގައި 2013 އިން 2018 އަށް އިތުރުވެފައި މިއޮތީ 169 ޕަސަންޓް. 39 ބިލިއަން ރުފިޔާ މުޅި ޖުމުލަ ޑައިރެކްޓް ބޮރޮވިން އާއި ސޮވެރިން ގެރެންޓީގެ ގޮތުގައި މިދިޔަ ސަރުކާރުގައި ނަގާފައިވޭ. މި ސަރުކާރުން އަދި މިހާތަނަށް ނެގީ 37 ބިލިއަން ރުފިޔާ،" އެމަނިކުފާނު ވިދާޅުވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު