ހުޅުމާލޭގައި ގާއިމުކުރި ދެވަނަ ކޮވިޑް ފެސިލިޓީ، އިންފެކްޝަސް ޑިޒީސް މެނޭޖްމަންޓު ސެންޓަރުގައި ހަތަރު މީހަކު އެޑްމިޓުކޮށް ފަރުވާދެމުން އަންނަ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފިއެވެ.

ކޮވިޑުގެ ހާލަތު މިހާރު ރަނގަޅުވެފައިވީނަމަވެސް މިދިޔަ މަހުގެ 29 ވަނަ ދުވަހުން ފެށިގެން މިމަހުގެ ހަތަރު ވަނަ ދުވަހުގެ ނިޔަލަށް ރާއްޖެއިން 87 މީހަކު ކޮވިޑަށް ވަނީ ޕޮޒިޓިވްވެފައެވެ. އެއީ މާލޭ ސަރަހައްދުން 37 މީހަކާއި އަތޮޅުތެރެއިން ނުވަ މީހަކާއި ރިސޯޓުތަކާއި ސިނާއީ ރަށްތަކާއި ސަފާރީތަކުން 38 މީހެކެވެ.

ހެލްތު މިނިސްޓްރީގެ ކޮމިޝަނަރު އޮފް ކޮލިޓީ އެޝުއަރެންސް ތަސްލީމާ އުސްމާނު "ވަން" އަށް މިއަދު ވިދާޅުވީ ހުޅުމާލޭގައި ހުންނަ އިންފެކްޝަން ޑިޒީސް މެނޭޖުމަންޓު ސެންޓަރުގައި ފަރުވާދެމުން އަންނަނީ އުމުރުން 30 އަހަރާއި 70 އަހަރާއި ދެމެދުގެ ހަތަރު މީހަކަށް ކަމަށެވެ.

ތަސްލީމާ ވިދާޅުވީ މި ހަތަރު މީހުންގެ ތެރެއިން އެއްވެސް މީހެއްގެ ހާލު މިވަގުތު ސީރިއަސް ނޫން ކަމަށާއި އެންމެންގެ ހާލުވެސް ރަނގަޅު ކަމަށެވެ.

ކޮވިޑު ބަލިޖެހިގެން ދަރުމަވަންތަ ހޮސްޕިޓަލްގައްޔާއި ހުޅުމާލޭގައި ހުންނަ ކޮވިޑު ފެސިލިޓީގައި މިވަގުތު އެއްވެސް މީހަކަށް ފަރުވާދެމުން ނުދާ ކަމަށް އޭނާ ވިދާޅުވިއެވެ.

ރާއްޖޭގައި ކޮވިޑަށް ޕޮޒިޓިވްވި މީހުންގެ ތެރެއިން 299 މީހަކު ވަނީ މަރުވެފައެވެ. އެއީ 280 ދިވެހީންނާއި 19 ބިދޭސީންނެވެ.

ރާއްޖެއިން ކޮވިޑްގެ ފުރަތަމަ ކޭސް ފެނުމާ ގުޅިގެން 2020 ވަނަ އަހަރު އިއުލާންކުރި ސިއްހީ ކުއްލި ހާލަތު ވަނީ މިއަހަރުގެ މާޗު މަހުގެ 13 ވަނަ ދުވަހު އުވާލައިފައެވެ.