Close
ޚަބަރު

ލަންކާގެ މިނިސްޓަރުން އަހަރެއް ވަންދެން މުސާރަ ނުނަންގަވާނެ

މުހައްމަދު އިޝާން

ސްރީ ލަންކާގެ މިނިސްޓަރުން އަހަރެއް ވަންދެން މަސައްކަތްކުރާނީ މުސާރަ ނުހިނގާ ގޮތަށްކަމަށް އެގައުމުގެ ސަރުކާރުން ނިންމައިފިއެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ލަންކާ ސަރުކާރުގެ ކެބިނެޓު ސްޕޯކްސްޕާސަން އަދި މިނިސްޓަރު ބަންޑޫލާ ގުނަވަރުދޭނާ ވިދާޅުވީ މިނިސްޓަރުން މުސާރަ ނުހިނގާ ގޮތަށް އެއް އަހަރު ދުވަހަށް މަސައްކަތްކުރުމަށް ހުށަހެޅުއްވީ ބޮޑުވަޒީރު ރަނިލް ވިކްރަމްސިންހަ ކަމަށެވެ.

ރަނިލްގެ އެ ހުށަހެޅުއްވުމަށް ހުރިހާ މިނިސްޓަރުން ވެސް އެއްބަސްވެވަޑައިގެންފައިވާ ކަމަށާއި ރަނިލް އެގޮތަށް ހުށަހެޅުއްވީ އިގުތިސޯދީ ދަތިކަމުން އަރައިގަންނަން ވީހާވެސް ހަރަދުކުޑަ ކުރުމުގެ ގޮތުން ކަމަށް ގުނަވަރުދޭނާ ވިދާޅުވިއެވެ.

ސްރީ ލަންކާގެ މިނިސްޓަރެއްގެ މުސާރައަކީ މަހަކު 65،000 ރުޕީސް (180.80 ޑޮލަރު) އެވެ.

ލަންކާގެ އިގުތިސޯދީ ހާލަތު ދަށްވުމުގެ ސަބަބުން އެގައުމުގައި އުމްރާނީ މަޝްރޫއުތައް ކުރިއަށް ނެގެންދިއުމަށް ވެސް ބޮޑުވަޒީރު ރަނިލް ވަނީ ނިންމަވައިފައެވެ.

މިދިޔަ މަހު ރޮއިޓާސްއަށް ދެއްވި އިންޓަވިއުއެއްގައި ރަނިލް ވިދާޅުވެފައިވަނީ އެގައުމުގެ ވަގުތީ ބަޖެޓު ހަ ހަފުތާގެ ތެރޭގައި އާންމުކުރައްވާނެ ކަމަށާއި އެ ބަޖެޓުގައި އުމްރާނީ އެއްވެސް ކަމަކަށް ފައިސާ ހަރަދުކުރަން ހިމަނުއްވާފައިނުވާނެ ކަމަށެވެ. އޭގެ ބަދަލުގައި ވަގުތީ ބަޖެޓު ހާއްސަކުރާނީ ލަންކާގައި ހާލުގައި ޖެހިފައިވާ 22 މިލިއަން މީހުންނަށް ބޭނުންވާ ޒާރޫރީ ތަކެތި ފޯރުކޮށްދިނުމަށް ކަމަށް ރަނިލް ވިދާޅުވެފައިވެއެވެ.

"އިންޓެރިމް ބަޖެޓުން ހާލުގައި ޖެހިފައިވާ މީހުންނަށް ފަންޑެއް ހާއްސަކުރާނެ،" ރަނިލް ވިދާޅުވެފައިވެއެވެ.

ލަންކާގެ އިގުތިސޯދު ހާލަތު ދަށްވެ ބޭރުގެ ފައިސާ ހުސްވެފައިވާތީ ގައުމު ބަނގުރޫޓު ވެފައިވާ ކަމަށް އެގައުމުގެ މަރުކަޒީ ބޭންކުން ވަނީ ކަނޑައަޅައިފައެވެ. ބޭރުގެ ދަރަނި ދެއްކުން ވެސް މިހާރު ވަނީ ހުއްޓާލައިފައެވެ. އަދި އަމިއްލަ ފަރުދުން ބޭރުފައިސާ ގެންގުޅުމަކީ މިހާރު ގާނޫނީ ކުށަކަށް ވަނީ ހަދައިފައެވެ. އެހެން ގައުމުތަކުގައި މަސައްކަތްކުރާ ލަންކާގެ ރައްޔިތުން ބޭރު ފައިސާގެ އެހީ ދިނުމަށް ވެސް ސްރީ ލަންކާ ސަރުކާރުން ވަނީ އެދިފައެވެ.

ސްރީ ލަންކާގެ އާބާދީގެ 22 މިލިއަނަށްވުރެ ގިނަ މީހުން ވަނީ އަސާސީ ހިދުމަތްތަކުން ވެސް މަހުރޫމުވެފައެވެ. އެގޮތުން ކާބޯތަކެއްޗާއި ތެޔޮ އަދި ބޭސް ގަންނާނެ ފައިސާ އެމީހުން އަތުން ވަނީ ހުސްވެފައެވެ. ލަންކާގެ އިންފްލޭޝަން ވެސް ކުރިން ނުދާހާ މިންވަރަށް މިހާރު ވަނީ މައްޗަށް ގޮސްފައެވެ. އަދި އިގުތިސޯދީ ހާލަތު ގޯސްވުމުން ތަކެތީގެ އަގަށް އައި ބަދަލާއެކު ޕެޓްރޯލާއި ޑީސެލްގެ އަގު ވެސް ވަނީ ބޮޑުތަނުން މައްޗަށް ގޮސްފައެވެ. އެގައުމުން ޕެޓްރޯލް ވެސް ވަނީ ހުސްވެފައެވެ.

ރޮއިޓާސްއަށް ދެއްވި އިންޓަވިއުގައި ރަނިލް ވިދާޅުވެފައިވަނީ، ކުރިއަށް އޮތީ އެންމެ ދަތި ދުވަސްތައް ކަމަށާއި ކުރިއަށް އޮތް ދެ ހަފުތާގައި މުދަލުގެ އަގުތައް އިންތިހާއަށް ބޮޑުވެ އިންފްލޭޝަން މަތިވާނެ ކަމަށެވެ. އެހެންކަމުން މިހާރު ކުރަމުންދާ މުޒާހަރާތައް ނުރައްކާތެރި މިސްރާބަކަށް ގޮސްދާނެތީ އެކަމަށް ވެސް ވަރަށް ބޮޑަށް ސަމާލުކަމެއް ދެއްވައިގެން މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށް ވިދާޅުވެފައިވެއެވެ.

"އެއް ޓްރިލިއަން ރުފީސް އޯވާޑްރޯ ކުރަން ޖެހޭނެ. ދެން ވިސްނާލާ އަގުތައް މަތިވާނެ ވަރު. 40 ޕަސަންޓަށް އަގުތައް އުފުލޭނެކަން ޔަގީން،" ރަނިލް ވިދާޅުވެފައިވެއެވެ.

ރަނިލް ވިދާޅުވެފައިވަނީ، އިންޓަނޭޝަނަލް މަނިޓަރީ ފަންޑް (އައިއެމްއެފް)ގެ އެހީތެރިކަމާއެކު ގައުމުގެ އިގުތިސޯދު ރަނގަޅުކުރުމަށް މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށެވެ. ފޮރިން އިންވެސްޓަރުން ޝައުގުވެރިވާ ގޮތަކަށް މިހާރު އިގުތިސޯދީ ސިޔާސަތުތައް ބަދަލުކުރުމުގެ މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށް ވެސް ރަނިލް ވިދާޅުވިއެވެ.

ލަންކާއަށް ދިމާވެފައިވާ އިގުތިސޯދީ ކާރިސާއިން އަރައިގަތުމަށް ވޯލްޑް ބޭންކުން އެހީތެރިކަމަށް އެދުމުން އެ ބޭންކުން ވަނީ ފައިސާގެ އެހީތެރިކަމެއް ދިނުމަށް އިންކާރުކޮށްފައެވެ.

ލަންކާއަށް މިވަގުތު އެންމެ ބޮޑު އެހީތެރިކަމެއް ފޯރުކޮށްދެމުން ގެންދަނީ އިންޑިއާއިންނެވެ. އިންޑިއާއިން ލަންކާއަށް ތެލާއި ކާބޯތަކެތި އަދި ބޭސް ވަނީ ފޮނުވައިފައެވެ. މީގެ އިތުރުން ކަރަންސީ ސުވެޕްގެ ގޮތުގައި ދެ ބިލިއަން ރުޕީސް ލޯނު ވަނީ ދީފައެވެ.