ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރުގެ މަގާމަށް މީހަކު ހޯދަން އިއުލާންކޮށްފިއެވެ.
ބީއެމްއެލުން މިއަދު ކުރި އިއުލާނެއްގައި ބުނީ، ސީއީއޯގެ މަގާމަށް ހޯދަނީ ހިންގުމުގެ ދާއިރާގައި ފަސް އަހަރު ހިމެނޭ ގޮތަށް، ބޭންކިން ދާއިރާގައި 15 އަހަރަށް ވުރެ ގިނަ ދުވަހު މަސައްކަތުގެ ތަޖުރިބާ ލިބިފައިވާ ބޭފުޅެއް ކަމަށެވެ. އަދި އެބޭފުޅަކީ ހަރުދަނާ ސްޓްރެޓީޖިކް ވިސްނުންތަކަކާ އެކު އާދަޔާހިލާފު ލީޑާޝިޕް އަދި މެނޭޖްމަންޓް ހުނަރުތައް ހުރުމުގެ އިތުރުން ރިސްކް މެނޭޖްމަންޓް، ކްރެޑިޓް ލެންޑިން އަދި ޑިޖިޓަލައިޒޭޝަންގެ ތަޖުރިބާ ހުރި ބޭފުޅަކަށްވާން ޖެހޭނެ ކަމަށެވެ.
ބޭންކިން، ފައިނޭންސް ނުވަތަ ގުޅުން ހުރި ދާއިރާއަކުން ގްރެޖުއޭޓް ކޮލިފިކޭޝަނެއް އޮތުމުގެ އިތުރުން ޕްރޮފެޝަނަލް ބޭންކިން ބޮޑީއެއްގެ މެންބަރަކަށް ވެސް ސީއީއޯގެ މަގާމަށް ކުރިމަތިލާ ބޭފުޅަކު ވާން ޖެހެއެވެ.
ބީއެމްއެލުން ބުނީ، ސީއީއޯއަށް މުސާރަ ދިނުމަށް ހަމަޖެހިފައިވަނީ ތައުލީމަށާއި މަސައްކަތުގެ ތަޖުރިބާއަށް ބިނާކޮށް ކަމަށެވެ. އިނާޔަތްތަކުގެ ތެރޭގައި ހުރުމާއި ކާރަކާއި މެޑިކަލް އެލަވަންސް ލިބޭނެކަމަށް ބީއެމްއެލުން ބުންޏެވެ.
ބީއެމްއެލްގެ ސީއީއޯގެ މަގާމަށް ޝައުގުވެރިވާ ފަރާތްތަކުން މިމަހުގެ 30 ވަނަ ދުވަހުގެ ކުރިން މަގާމަށް ކުރިމަތިލާން ޖެހޭނެކަމަށް ބީއެމްއެލުން ބުންޏެވެ.
ބީއެމްއެލްގެ ސީއީއޯގެ މަގާމުގައި މިވަގުތު ހުންނެވީ ޓިމޮތީ ސޯޔާއެވެ. އޭނާ ވަނީ މަގާމުން ވަކިވެވަޑައިގަތުމަށް ނިންމަވައި މިދިޔަ އަންގާރަ ދުވަހު މުވައްޒަފުންނަށް ސިޓީއެއް ފޮނުއްވައިފައެވެ.
އެ ސިޓީގައި ޓިމޮތީ ސޯޔާ ވިދާޅުވެފައިވަނީ، ބޭންކާއެކު ހަދާފައިވާ ތިން އަހަރުގެ ކޮންޓްރެކްޓް އަންނަ މަހު ހަމަވާނެ ކަމަށާއި ކޮންޓްރެކްޓް އާ ނުކުރަން ބޭންކުގެ ބޯޑާވެސް މަޝްވަރާ ކުރައްވާފައިވާ ކަމަށެވެ.
ސޯޔާ ވިދާޅުވެފައިވަނީ، ވޭތުވެދިޔަ އަހަރުތަކަކީ ބޭންކަށް ވަރަށް ދަތި އުނދަގޫ އަހަރުތަކެއް ކަަމަށާއި ވަކިން ހާއްސަކޮށް ކޮވިޑާއެކު ބޮޑެތި ގޮންޖެހުންތަކެއް ދިމާވި ކަމަށެވެ. ނަމަވެސް އެ ދަތިތަކުން އަރައިގަނެ މިއަދު ބީއެމްއެލް އޮތީ ކުރިމަގުގައިވެސް ކާމިޔާބު ހޯދޭނެ ވަރަށްވެސް ރަނގަޅު ހާލަތެއްގައި ކަމަށެވެ.
ބީއެމްއެލްގެ ސީއީއޯގެ ދައުރަކީ ތިން އަހަރެވެ.
ސޯޔާއަކީ މާލީ ދާއިރާގައި 30 އަހަރުގެ ބައިނަލްއަގުވާމީ ތަޖުރިބާ ލިބިވަޑައިގެންފައިވާ ބޭފުޅެކެވެ. އިނގިރޭސިވިލާތުގެ ސަރުކާރުގެ އިންވެސްޓްމަންޓް ކުންފުނި ކަމަށްވާ އިނޮވޭޓް ޔޫކޭގެ ޗީފް އިންވެސްޓްމަންޓް އޮފިސަރުގެ މަގާމުގައި ހުންނެވުމަށްފަހު އޭނާ ބީއެމްއެލްއާ ގުޅިވަޑައިގަތީ 2019 ޖުލައި މަހުއެވެ. ސޯޔާ އެ މަގާމަށް އައްޔަންކުރީ ކުރިން އެ މަގާމުގައި ހުންނެވި، އެންޑްރޫ ހީލީ އެމަގާމުން އިސްތިއުފާދެއްވުމާ ގުޅިގެންނެވެ.
ސޯޔާގެ މާލީ ހަރުދަނާ ސިޔާސަތުތަކުގެ ދަށުން ބީއެމްއެލުން މިދިޔަ އަހަރު ވަނީ 1.93 ބިލިއަން ރުފިޔާގެ ސާފު ފައިދާ ހޯދައިފައެވެ. އެއީ ބޭންކުގެ ތާރީހުގައިވެސް ހޯދި އެންމެ ބޮޑު މާލީ ކާމިޔާބީއެވެ. ބޭންކުން ވަނީ މިދިޔަ އަހަރުގެ ފައިދާއިން ޓެކްސްގެ ގޮތުގައި ދައުލަތަށް 543 މިލިއަން ރުފިޔާ ދީފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު