ލައިފް ސްޓައިލް

ދަރީން ތިބި މީހަކާ އިނުމަކީ މައްސަލައެއްތަ؟

3

"އަހަރެންގެ ހުރި ހަމައެކަނި ފިރިހެންދަރިފުޅު ވިއްޔަ!، އެގޮތަށް ހަމަތަނަކުން އަންހެނަކު ފެންނައިރަށް އިންނާކަށް ނުވާނެ ނޫން ހެއްޔެވެ؟ ގައިމު އަހަރެމެން އެންމެންވެސް އެސޮރާމެދު ދުށް ކިތައްކިތައް ހުވަފެން ހުންނާނެހެއްޔެވެ؟ އަލަތުކައިވެނީގެ ޕާޓީ ބާއްވާނެ ގޮތަކާމެދު ކިތައް ކަންތައް ރޭވުނު ހެއްޔެވެ؟ މިހުރިހާ ކަމެއްމިހެން އޮއްވައި ހަމަ ތަނަކުން މީހަކު ފެންނަ އިރަށް ކައިވެނި ކޮށްލާއިރު ބަލަ އެއީ މީހަކާ އިނދެ ދަރިން ތިބި މީހެއްކަންވެސް ވިސްނާނުލަނީ ހެއްޔެވެ؟"

މަންމަގެ ޝަކުވާއެވެ. ފިރިހެންދަރިއެއް ހުރީތީ މަންމަމެން ކުރާ އުއްމީދުތަކާއި ދެކޭ ހުވަފެންތަކުގެ ވާހަކައެވެ. ދަރިފުޅު ބޭނުންވާ މީހަކާ އިންނަ ހިސާބުން އާއިލާގެ މީހުންނާއި ގާތްމީހުން ކަނޑި، ބަޑި ހިފައިގެން ކުރިމަތީގައި ހުއްޓެނީއެވެ. ގޭތެރޭގައި ބޮމެއް ގޮވާހެން ކަންތައް ވާނެއެވެ. ހައިރާންވާން ޖެހޭ ކަމަކީ ދިރިއުޅެން މިއުޅެނީ ކާކު ބާވައެވެ؟ ދަރިފުޅުބާވައެވެ؟ މިސުވާލަށް އެކަކުވެސް ޖަވާބު ނުދެނީ ކީއްވެގެންހެއްޔެވެ؟

"މީހަކާ އިނދެ ދަރިން ތިބި މީހަކާ އިންނައިރު ވިސްނާލިން ހެއްޔެވެ؟ ތިއީ ކިހާ ވަރެއްގެ ޒިންމާއެއްކަން އެނގޭހެއްޔެވެ؟ ފިރިއަކަށްވުމުގެ ކުރިން ތިވީ ބައްޕައަކަށެވެ. އަމިއްލަ ދަރިން ހޯދަން ގަސްދު ނުކުރަނީ ހެއްޔެވެ؟ ދޮންދަރީންނާއި އަމިއްލަ ދަރިން އެއްކޮށްގެން ބެލެހެއްޓޭނެ ފެންވަރު އެބަހުރިހެއްޔެވެ؟"

ހެޔޮ އެދޭތީ ގާތް މީހުން ކުރާ ޝަކުވާތަކެވެ. އެމީހުން ކަންބޮޑުވަނީ ހެޔޮއެދޭތީއެވެ. ސަމާސާއަކަށް ހަދައިގެން މަލާމާތްކުރަނީ އެކައިވެނި ނުކޮށް ހުއްޓާލާތޯއެވެ. އެކަމަކު ދިރިއުޅުމެއް ފަށަން މިއުޅޭ މީހާ އެހުރިހާ ކަމަކަށް ދުރާލައި ތައްޔާރުވާނެކަން އެމީހުންނަށްވެސް އެނގެން ޖެހޭނެނޫންހެއްޔެވެ؟ ހައިރާންވާން ޖެހޭ ކަމަކީ ދިރިއުޅުމާއިގެން ކުރިއަށް ދާންހުރި މީހާ ކަންބޮޑު ނުވާވަރަށް އެހެންމީހުން ހާސްވެ، ކަންބޮޑުވާތީއެވެ.

"މިދެން ކިހާ ދެރަކަމެއް ހެއްޔެވެ؟ މީނައާ އިންނަން ތިބި މީހުން މަދެއްނޫނެވެ. އެކަމަކު ކުރިން މީހަކާ އިނދެ ދަރިޔަކު ހުރި މީހަކު ނޫނީ ނުފެނުނެވެ. ދޮންމަންމައަކަށް ވާހިތުން އުޅޭއިރު އެއީ ކިހާވަރެއްގެ ކަމެއްކަން އެނގޭބާވައެވެ؟"

މިއީ ފަހަކަށް އައިސް ދިވެހި މުޖުތަމައު ތެރެއިން އާންމުކޮށް އިވޭ އެއްއަޑެވެ. އަލަށް މީހަކާ އިންނައިރު، ދަރިން ތިބި މީހަކާ އިންނާތީ އެކަމާ ކަންބޮޑުވުން ފާޅުކުރާ އަޑުތަކެވެ. އަލަތު ކައިވެނި ކުރާއިރު ދޮންދަރިއަކާ ހަވާލުވުމުން އާއިލާތަކުން ފާޑުކިޔައެވެ. އެއްވެސް މީހަކު ތިމާގެ ދަރިފުޅުގެ އަލަތު ކައިވެނި މީހަކާއިނދެ ދަރިން ތިބި މީހަކާއެކު ވާކަށް ބޭނުމެއް ނުވެއެވެ. ވިސްނާލަން ޖެހޭ ކަމަމީ ހަމަ އެއްވެސް ސަބަބެއް ނެތި މީހަކު އަލަތު ކައިވެނި މިގޮތަށް ކޮށްފާނެތޯއެވެ.

ނޫނެކެވެ. ހަމަގަމުވެސް ގިނަ މީހުން އަމިއްލަ ދިރިއުޅުމަކަށް ފަށާނީ ހިތާއި ސިކުނޑިން ވިސްނަން ވާވަރަށް ވިސްނައިފައެވެ. ދިރިއުޅުމުގައި ހިތްހަމަޖެހުމާއި އުފަލާއި އަރާމު ދެވޭފަދަ ބައިވެރިޔަކު ބޭނުން ނުވާނީ ކާކުހެއްޔެވެ؟ އެކަމަކު މިކައިވެންޏަކާ ހެދި ޖަވާބުދޭން ޖެހޭ އެހެން ބަޔަކުވެސް ފަހަތުގައި އެބަތިބެއެވެ. ވިސްނަން ނުޖެހޭ ކަންކަމާ ދޭތެރޭ ފިކުރުބޮޑުވެ، އަލަތުކައިވެނީގެ ރޭގެ ހިތްހަމަޖެހުމާއި އުފާވެރިކަން އެމީހުންގެ ހުއްޓުމެއް ނެތް ސުވާލުތަކަށް ޖަވާބު ދިނުމުގައި ހޭދަކުރަން ޖެހޭ ފަހަރުވެސް އާދެއެވެ.

އެންމެ ބޮޑަށް ކަންބޮޑުވާން ޖެހޭނީ މިކައިވެނި ކުރެވޭތާ ގިނަ ދުވަސްތަކެއް ނުވެ ކައިވެނި ރޫޅިދާނެތީއެވެ. ނޫނީ ކުދިން ލިބޭފަހުން އަނެއް ފަހަރުވެސް، ބައިވެރިޔާ ކުރީ ފަހަރުހެން، ވަރިކޮށްފާނެތީއެވެ.

"އަހަރެމެން އުޅެނީ ވަރަށް އުފަލުގަ، އަހަރެމެންގެ މިލައިފަކަށް ވައިފްގެ ކުރީގެ ލައިފްގެ އެއްވެސް ތުރާލެއް ނުޖެހޭ. ކުދިންވެސް މިގެންގުޅެނީ ހަމައަމިއްލަ ކުދިންނާއެކު. މިހާރު އަހަރެމެންގެ ޖުމްލަ ފަސްކުދިން ވެއްޖެ. މެރީކުރިއިރު ތިބި ދެފިރިހެންކުދިންނާއި މިހާރު ލިބުނު ތިން އަންހެންކުދިން. އަހަރެންގެ އުފަން ފިރިހެން ކުއްޖަކު ނެތުމުން އަބަދު އެޝަކުވާ މިހާރު އެންމެން އެކުރަނީ. އެކަމަކު އަހަރެމެން މިހާރު ދެން އިތުރަށް ކުދިން ނުހޯދަން ނިންމައިފިން، އަހަރެން ދެކޭ ގޮތުގައި ފިރިހެން ކުދިންވެސް އެބަތިބި. ޝަކުވާ ކުރާ ބަޔަކު އަބަދުވެސް އާ ކަމެއް ހޯދައިގެން ފާޑުކިޔާނެ. ކުރިން މައްސަލަ ޖެހުނީ ދޮންބައްޕައަކަށް ވީތީ އެކަމާ، މިހާރު ދެން އެކަން ނިމުނީމަ ފިރިހެންދަރިއެއް ނެތިގެން އެވާހަކަ. ކޮންމެވެސް އެއް މައްސަލައެއް އަބަދުވެސް އުޅޭނެ!"

މިއީ ބާވީހަކަށް އަހަރުގައި އަލަތު ކައިވެންޏެއް ކުރިއިރު ދެކުދިންގެ މަންމައަކާ އިނުމުގެ ސަބަބުން އާއިލާއާއި ގާތް، ދުރުތިމާގެ އަދި ރައްޓެހިންގެ ފާޑުކިޔުންވެސް އަމާޒުވި ޒުވާނެކެވެ. މިހާރުވެސް ޒުވާނާ ހުރީ ހަމަ އެކައިވެނި މަތީގައެވެ. މިހާރު އެންމެން އާ މައްސަލައެއް ހޯދައިގެން އެކަމާ އަބަދު އޭނާއަށް ވިސްނައިދެނީއެވެ. އެކަމަކު މިޒުވާނާ ބުނާ ގޮތުގައި އޭނައަށް އެއީ މުހިންމު ވާހަކައެއް ނޫނެވެ.

އިސްލާމްދީނުގެ ރިވެތި އުސޫލާއި ގަވާއިދުގެ ތެރޭގައިވެސް ދޮންދަރިންނަކީ ހަމަ އުފަން ދަރިންގެ ދަރަޖައިގެ ބައެކެވެ. މީހަކާ އިންނައިރު ބަލަން ޖެހޭ މިންގަނޑުގެ ތެރޭގައި، "އަލަތު" މިބައެއް ނޯވެއެވެ. ކައިވެނިކުރަނީ ދިރިއުޅުމަށްޓަކައެވެ. ދުނިޔެ އާރާސްތުކޮށް މުޖުތަމައަށް ފައިދާ ކުރުވަނިވި، އަދި ތިމާމެން މުސްކުޅިވެ، ބަލިކަށިވާދުވަހު އެހީތެރިއަކަށް ވާނެފަދަ ދަރިން ހޯދުމަށް ކުރާ ކައިވެންޏެއްގައި، ކޮންމެ މީހަކުވެސް 'އަލަށް' ކުރާ ކަމަކަށް ވާކަށް ނުޖެހެއެވެ. އެހެންނަމަވެސް ބަލަން ޖެހޭ ކަންތައްތަކެއް ހުންނަކަން ޔަގީނެވެ.

ރަނގަޅު ބައިވެރިއަކު ހިޔާރުކުރުމުގައި ބަލަން ޖެހޭ ބައެއް ކަންތައް

  • އިހްތިރާމްކުރާ، ގަދަރުކުރާ، ފަރާތެއްކަން ޔަގީންކުރާށެވެ.
  • ހުޅުވިފައިވާ ފޮތެއްހެން ވާހަކަ ދެކެވޭ، ވާހަކަ، އެންމެ ގާތް ރަހުމަތްތެރިޔާއަށް ވާންޖެހޭނެއެވެ.
  • ކަންކަމުގައި އޮޅުވައިނުލައި، ދެފުށް ފެންނަހާ ސާފުސީދާކޮށް ކަންތައް ކުރާ ތެދުވެރިއެއްތޯ ދެނެގަންނާށެވެ.
  • ތިމާގެ މިޒާޖާއި ތަފާތު ވިޔަސް، ހިޔާލު ތަފާތު ވިޔަސް، އެކަންތައްތައް ފަސޭހައިން ދެނެގަނެ، އެކީގައި އުޅުމުގައި މިފަދަ ކަންތައް އަމިއްލައަށް ދެނެގަނެ، އެކަންތަކަށް ހޭނޭފަދަ ބައިވެރިއަކު ހޯދާށެވެ.
  • އެއް ވިސްނުމެއް ހުރިހާ ކަމެއްގައި ހުންނާކަށް ނުޖެހެއެވެ. އެކަމަކު ވިސްނުން ރަނގަޅުވެފައި ތަނަވަސްކަމުގައި ވާނަމަ، އެއީ ރަނގަޅު ބައިވެރިއެކެވެ.
  • ޖިންސުގެ ތަފާތު ކުރުން ގެންގުޅޭ ބައިވެރިއަކު ނުހޯދާށެވެ. ކޮންމެ ކަމެއްގައިވެސް ހަމަހަމަކަން ގެންގުޅޭފަދަ ބައިވެރިއަކަށްވުރެ ވަކި ފުރިހަމަ އެހެން ބައިވެރިއަކު ނުހުންނާނެއެވެ.
  • ތިމާގެ އާއިލާދެކެ އަމިއްލަ އާއިލާ ފަދައިން ކަމޭހިތައި، ލޯބިވާ ފަރާތެއް ހިޔާރު ކުރާށެވެ.
  • ބޭރުފުށުގެ ސިފަތަކަށް ބަލާނަމަ، ސާފުތާހިރުކަމަށް ލޯބިކުރާ، ތާޒާކަންމަތީ، ނަލަކޮށް ހުންނަ ބައިވެރިއަކު ހޯދުމަކީ ތިމާއަށްވެސް އެގޮތަށް އުޅުމަށް ފަސޭހަ ވާނެކަމެކެވެ.

ހަޔާތުގެ ބައިވެރިއަކު ހޯދުމުގައި، ކުރިން މީހަކާ އިނދެފައި ހުރިތޯ ބެލުމަކީ އޮންނަ ކަމެކެވެ. އެއީ ވެސް ފައިދާތަކެއް އޮންނާނެ ކަމެކެވެ. އެހެންނަމަވެސް ތިމާ ރުހޭފަދަ، ގަޔާވާ، ލޯބިވާ ފަރާތަކާ ދިމާވާއިރު، އެއީ މިހަކާ އިނދެ، ވަރިކޮށްފައި ވާ، ނުވަތަ މީހަކާ އިނދެ، ދަރިން ތިބި މީހަކަށް ވުމުން، އެ ސަބަބާ ހުރެ ބާކީ އެހެން ހުރިހާ ރަނގަޅު ސިފަތަކެއް ފޮހެވުމަކީ ވާނެކަމެއް ނޫނެވެ. މީހަކާ އިނދެ ދަރިން ތިބި މީހަކަށް ބައިވެރިޔާ ވުމަކީ އެއްގޮތަކަށްވެސް މައްސަލައެއް ނޫނެވެ. އެކަމަކު ތިމާއަށް އެކުދިންގެ ކަންތަކުގައި ބައިވެރިޔާއަށް އެއްބާރުލުން ދެވޭނެކަމުގެ ޔަގީންކަމާއި އެހިތްވަރު ހުރިއްޔާ ކައިވެނި ކުރުމުގެ އެއްވެސް މައްސަލައެއްނެތެވެ. އެ ގާބިލުކަމާއި ތަސައްރުފު ފުދުން ތިމާގެ ސިފައިގައި ހުންނަން ޖެހޭނެ އެވެ.

ދަރީން ތިބި މީހަކާ އިންނަ ނަމަ، އެ މީހާ އެދަރީންނާ މެދު އަމަލުކުރާ ގޮތް ދެނެގަތުން، ބަލައި ދިރާސާއެއް ހެދުން އެއީ މުހިންމު ކަމަކަށް ވާނެ އެވެ. ދަރީންނާ މެދު ހެޔޮކޮށް ހިތައި، ދަރީން ރަނގަޅު ގޮތުގައި ތަރުބިއްޔަތުކޮށް ޒިންމާދާރު ބަޔަކަށް އެކުދީން ހެދުމުގެ ވިސްނުން ގެންގުޅޭ މީހަކަށް އެމީހަކު ވާނަމަ، އެއީ ގޮތެއް ނިންމުމުގައި ފެހި ސިގްނަލެއް ކަމަށް ބެލިދާނެއެވެ.

ކޮންމެ ތަނެއްގައިވެސް، ކޮންމެ ކަމެއްގައިވެސް ދެކޮޅާއި ދެފުށް އޮންނާނެއެވެ. އެހެންކަމުން 'ދޮން' މިބަހުގެ އަހުލުވެރިންގެވެސް ދެފުށް އޮވެއެވެ. އަދި ފެންނަންވެސް ފެނެއެވެ. އެކަމަކު ހުރިހާ ފަހަރަކު އެއްގޮތަކަށް ކަންތައް ވާކަށް ނުޖެހެއެވެ. އެހެންކަމުން ކޮންމެ ދޮންބައްޕައަކީ ދޮންދަރިން 'ކަތިލާ' ޖައްލާދަކަށްވެސް ނުވާނެއެވެ. އަދި ކޮންމެ ދޮންމަންމައަކީ ދޮންނިޔަދުރެއްވެސް ނޫނެވެ.

ހަމައެހެންމެ ކައިވެންޏެއް ކުރާއިރު 'އަލަތު' ބައިވެރިއަކަށްވުރެ މީހަކާ އިނދެ ވަރިވެފައިވާ 'ބައިވެރިޔާ' މާބޮޑަށްވެސް ރަނގަޅުވެފައި، މުޅިއުމުރަށްވެސް އެކީގައި އުޅޭނެ، ވަފާތެރި، ތެދުވެރި، އަމާނާތްތެރި އަދި ތިމާދެކެ އިންތިހާއަށް ލޯބިވާ ބައިވެރިއަކަށް ވެދާނެއެވެ.