އިންޑިއާގެ އެގްޒިމް ބޭންކުގެ އެހީގެ ދަށުން ރާއްޖޭގައި ކުރިއަށްގެންދާ މަޝްރޫއުތަކުގެ ކަންކަމަށް ރާއްޖޭގެ ކަމާބެހޭ އިދާރާތަކުން އެއްބާރުލުން ލިބޭ ކަމަށާއި މަޝްރޫއުތައް އަވަސްކުރުވުމަށް މަސައްކަތްކުރާ ކަމަށް އެ ބޭންކުން ބުނެފިއެވެ.
އިންޑިއާގެ އެގްޒިމް ބޭންކުގެ ލޯނު އެހީގެ ދަށުން މިހާރު ވެސް ރާއްޖޭގައި އަންނަނީ މަޝްރޫއުތަކެއް ހިންގަމުންނެވެ. އެގޮތުން އެންމެ ބޮޑު މަޝްރޫއެއްގެ ގޮތުގައި ހިންގަމުން އަންނަނީ "ގްރޭޓާ މާލެ ކަނެކްޓިވިޓީ ޕްރޮޖެކްޓް" ގެ ދަށުން މާލެ، ވިލިމާލެ، ގުޅިފަޅު އަދި ތިލަފުށި ގުޅާލުމަށް އަޅާ ބުރިޖު މަޝްރޫއެވެ. އެ މަޝްރޫއަކީ 100 މިލިއަން ޑޮލަރުގެ ހިލޭ އެހީ އަދި 400 މިލިއަން ޑޮލަރުގެ ލައިން އޮފް ކްރެޑިޓުގެ ދަށުން ހިންގާ މަޝްރޫއެކެވެ.
ރާއްޖޭގައި ހުންނަ އިންޑިއާގެ އެމްބަސީގެ ފަރާތުން އިންޑިއާއަށް ޒިޔާރަތްކުރި ދިވެހި ނޫސްވެރިންނާއެކު އެގްޒިމް ބޭންކުން ބޭއްވި ބައްދަލުވުމެއްގައި އެ ބޭންކުން ވަނީ ރާއްޖެއާއި އެހެނިހެން ގައުމުތަކަށް ފޯރުކޮށްދިން އެހީތަކުގެ މައުލޫމާތުތައް ފޯރުކޮށްދީފައެވެ.
މިދިޔަ މަހުގެ ފަހުކޮޅު ބޭއްވި އެ ބައްދަލުވުމުގައި އެގްޒިމް ބޭންކުގެ ޖެނެރަލް މެނޭޖަރު ނިމްރިތު ވެދް ވިދާޅުވީ އަވަށްޓެރި ގައުމުތަކަށް އަބަދުވެސް އެހީތެރިކަން ފޯރުކޮށްދޭނެ ކަމަށާއި އެގޮތުން ރާއްޖެއަށް ވެސް އެހީ ފޯރުކޮށްދެނީ ސަރަހައްދުގެ ތަރައްގީއަށް ކަމަށެވެ. އަދި މަޝްރޫއުތައް ރަނގަޅަށް ކުރިއަށްދާ ކަމަށް ގަބޫލުކުރައްވާ ވެސް އޭނާ ވިދާޅުވިއެވެ.
"އެހީވަނީ ރާއްޖޭގެ ތަރައްގީއަށް. އަވަށްޓެރި ގައުމުތަކުގެ ތަރައްގީއަކީ އިންޑިއާއަށް ވެސް ލިބޭނެ ތަރައްގީއެއް. އަޅުގަނޑުމެން އެހީތެރިކަން ފޯރުކޮށްދޭ މަޝްރޫއުތަކަށް ރާއްޖޭގެ އިދާރާތަކުން ފުރިހަމަ އެއްބާރުލުން ލިބޭ. އަވަސް ޖަވާބުތައް ވެސް ލިބޭ," އޭނާ ވިދާޅުވިއެވެ.
ނިމްރިތު ވިދާޅުވީ އެ މަޝްރޫއުތައް ހިނގާ ގޮތް އެ ބޭންކުން ބަލަމުން އަންނަ ކަމަށާއި މަޝްރޫއުތައް އަވަސްކުރުވުމަށް ވެސް މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށެވެ. އަދި ބައެއް މަޝްރޫއުތައް ލަސްވެގެންދަނީ އެހެން މައްސަލަތަކެއް ކުރިމަތިވެގެން ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
އެގްޒިމް ބޭންކުގެ އެހީގައި ތަރައްގީކުރާ ތިލަމާލެ ބުރިޖާ ގުޅޭ މައުލޫމާތު ދިވެހި ނޫސްވެރިންނާ ހިއްސާކުރަމުން އެ މަސައްކަތްކުރާ އިންޑިއާގެ އެފްކޮންސްގެ އޮޕަރޭޝަންސް ޑިރެކްޓަރު އާރްވީއާރް ކިޝޯރު ވިދާޅުވީ އަންނަ އަހަރުގެ ޑިސެމްބަރު މަހު ގުޅިފަޅަށް ބުރިޖު ގުޅައިލުމުގެ މަސައްކަތް ނިމޭނެ ކަމަށާއި އަދި 2024 ވަނަ އަހަރުގެ ނޮވެމްބަރު މަހު އެ މަޝްރޫއު އެއްކޮށް ފުރިހަމަކުރެވޭނެ ކަމަށެވެ. އޭގެ އިތުރުން މަޝްރޫއުގެ މަސައްކަތުގައި 1000 މީހުންގެ ބޮޑު ޓީމަކުން ހަރަކާތްތެރިވާ ކަމަށް ވިދާޅުވިއެވެ.
ތިލަމާލެ ބުރިޖު މަޝްރޫއުގެ އިތުރުން އެގްޒިމް ބޭންކުން ވަނީ އައްޑޫ ސިޓީގެ ފެނާއި ނަރުދަމާ އަދި މަގުތައް ހެދުމުގެ މަޝްރޫއަށް ލައިން އޮފް ކްރެޑިޓް ފެސިލިޓީގެ ދަށުން 1.1 ބިލިއަން ރުފިޔާގެ އެހީ ދިނުމަށް އެއްބަސްވެފައެވެ. އެ މަސައްކަތް ވެސް ކުރަމުން އަންނަނީ އެފްކޮންސް އިންނެވެ.
އެގްްޒިމް ބޭންކުން ވަނީ ހުޅުމާލޭގައި 4,000 ފުލެޓު އިމާރާތްކުރުމަށް ބަޔާޒް ކްރެޑިޓުގެ ގޮތުގައި 228 މިލިއަން ޑޮލަރު ދިނުމަށް ވެސް އެއްބަސްވެފައެވެ. އޭގެ ތެރެއިން މަސައްކަތް ފެށުމަށް މިހާރު ވަނީ 34 މިލިއަން ޑޮލަރު ދޫކޮށްފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު