ޑެންގީ އާއި އަރިދަފުސް ރޯގާ އިތުރުވާތީ ސަމާލުވުމަށް ހެލެތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އިލްތިމާސްކޮށްފިއެވެ.
އެޗްޕީއޭއިން މިއަދު އާންމުކުރި ތަފާސްހިސާބުގައި ބުނީ، މިދިޔަ އަހަރާ އަޅައި ބަލާއިރު މި އަހަރުގެ މިހާތަނަށް ހަތަރު ބައްޔެއް ޖެހޭ މިންވަރު އިތުރުވެފައިވާ ކަމަށެވެ. އެގޮތުން ޑެންގީ، އަރިދަފުސް ރޯގާ، އިންފުއެންޒާ އަދި ބޭރަށް ހިންގުމާއި ހޮޑުލުމުގެ ކޭސްތައް މިދިޔަ އަހަރާ އަޅައި ބަލާއިރު މިއަހަރުގެ މިހާތަނަށް އިތުރުވެފައިވާ ކަމަށެވެ.
މިއަހަރު މިހާތަނަށް ޑެންގީގެ 92 ކޭސް ރިޕޯޓު ކޮށްފައިވާ ކަމަށާއި އޭގެތެރެއިން 32 ކޭސް ރިޕޯޓުކޮށްފައި ވަނީ މެއި މަހުގެ ފަހު ހަފުތާގައި ކަމަށެވެ. މެއި މަހުގައި ޑެންގީގެ 185 ކޭސް ރިޕޯޓު ކޮށްފައިވާ ކަމަށާއި 73 ކޭސް ރިޕޯޓު ކޮށްފައިވަނީ މެއި މަހުގެ ފަހުކޮޅު ކަމަށް ވެސް އެޗްޕީއޭއިން ބުންޏެވެ.
އެޗްޕީއޭއިން ބުނީ، އަރިދަފުސް ރޯގާ ޖެހިގެން އޭޕްރިލް މަހު 12978 ކޭސް ރިޕޯޓު ކޮށްފައިވާ ކަމަށެވެ. އަދި މެއި މަހު 4105 ކޭސް ރިޕޯޓު ކޮށްފައިވެއެވެ.
އެޗްޕީއޭ އިން ބުނީ، ފާއިތުވި އެޕްރީލް މަހާ އަޅައި ބަލާއިރު މިދިޔަ މަހު އިންފްލުއެންޒާގެ އަލާމާތްތައް ހުރެގެން ޓެސްޓް ކުރެވުނު އަދަދު އިތުރުވެފައިވާ ކަމަށާއި އަދި ޓެސްޓް ކުރެވުނު ސާމްޕަލްތަކުގެ ތެރެއިން ހަތަރު ސާމްޕަލެއް އިންފްލުއެންޒާއަށް ޕޮޒިޓިވްވެފައިވާ ކަމަށެވެ.
ވޭތުވެ ދިޔަ އަހަރާ އަޅައި ބަލާއިރު މި އަހަރުގެ މިހާތަނަށް ބޭރަށް ހިންގުން ޖެހިގެން ރިޕޯޓް ކޮށްފައިވާ އަދަދު ވެސް ވަނީ އިތުރުވެފައެވެ. އެގޮތުން އޭޕްރިލް މަހު ވަނީ ބޭރަށް ހިންގުމުގެ 1575 ކޭސް ރިޕޯޓު ކޮށްފައެވެ. އަދި މިދިޔަ މެއި މަހު 1824 ކޭސް ވަނީ ރިޕޯޓުކޮށްފައެވެ.
މަދިރިން ރައްކާތެރިވުމުގެ ގޮތުން ހަށިގަނޑު ރަނގަޅަށް ނިވައިވާ ގޮތަށް ހެދުން އެޅުމާއި މަދިރި ލޯޝަން އަދި މޮސްކިޓޯ ރެޕެލެންޓް ބޭނުންކޮށް، ފަތިސް ގަޑީގައި އަދި ހަވީރާއި އިރުއޮއްސޭ ވަގުތުގައި ދޮރުތަކާއި ކުޑަ ދޮރުތައް ލައްޕާފައި ބެހެއްޓުމަށް ވަނީ އިލްތިމާސްކޮށްފައެވެ. އަދި ދަޅުފަދަ ފެން ހަރުލާ ތަކެތި ގޯތިތެރެ އާއި މަގުމައްޗަށް އުކާނުލުމަށްވެސް އެޗްޕީއޭއިން އިލްތިމާސްކޮށްފައިވެއެވެ.
ޑެންގީ ޖެހިއްޖެނަމަ އަރާމު ކުރުމާއި ގިނަގިނައިން ދިޔާއެއްޗެހި ބޭނުންކުރުމާއި ޕެރެސެޓްމޯލް ބޭނުން ކުރުމަށް ވަނީ އެދިފައެވެ. އަދި ތިން ދުވަހަށް ވުރެ އިތުރަށް ހުން އަންނަ ނަމަ، ނުވަތަ ދިޔާއެއްޗެތި ބޭނުން ނުކުރެވޭ ނަމަ ނުވަތަ މާ ބޮޑަށް ވަރު ދެރަވާނަމަ ޑޮކްޓަރެއްގެ ލަފާ ހޯދުމަށް އެޗްޕީއޭއިން ވަނީ އިލްތިމާސްކޮށްފައެވެ.
އަރިދަފުސް ރޯގާއިން ރައްކާތެރިވުމަށް ކިބިހި އަޅާއިރު އަގަމަތީގައާއި ނޭފަތުގައި ޓިޝޫއެއް ފަދަ އެއްޗެއް އެޅުމާއި އާއްމު ސާފުތާހިރު ކަމަށާއި ސައިބޯނިލައިގެން އަތްދޮވުންފަދަ ކަންކަމަށް ސަމާލުކަންދިނުން އެޗްޕީއޭއިން ވަނީ އިލްތިމާސްކޮށްފައެވެ.
މި ހަތަރު ބަލިވެސް ވޭތުވެދިޔަ އަހަރާ އަޅައި ބަލާއިރު މި އަހަރުގެ މިހާތަނަށް ރިޕޯޓުކޮށްފައިވާ މިންވަރު އިތުރުވެފައިވާތީ އެޗްޕީއޭ އިން ވަނީ ބަލިތަކުން ރައްކާތެރިވުމުގެ ފިޔަވަޅު އެޅުމަށް އިލްތިމާސް ކޮށްފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު