އިސްކަންދޭންވީ، ދެމެހެއްޓެނިވި ތަރައްގީއާއި ތިމާވެށި ހިމާޔަތްކުރުމުގެ މަސައްކަތް ހަމަހަމަ ގޮތެއްގައި ކުރިއަށްގެންދަން ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ވިދާޅުވެއްޖެއެވެ.
ދުނިޔޭގެ ތިމާވެށީގެ ދުވަހުގެ މުނާސަބަތުގައި ރައީސް މިއަދު ނެރުއްވި ހިތޯބުގައި ވިދާޅުވީ، ޖައްވަށް ދޫކުރާ ވިހަ ގޭސްތަކުގެ ސަބަބުން ދުނިޔެ ހޫނުވަމުންދާ މިންވަރަށާއި އެކަމުގެ ސަބަބުން މި ބިމުގެ މާހައުލީ ނިޒާމަށް ލިބޭ ގެއްލުންތަކަށް ބަލާއިރު އެކަން ހައްލުކުރުމަށް މަސައްކަތް ކުރުމުގައި، ކުޑަ ގައުމެއް ނުވަތަ ބޮޑު ގައުމެއް ތަފާތުކުރެވެން ނެތް ކަމަށެވެ.
ވިހަ ގޭސްތައް ބޭރުކުރާ ގައުމުތަކާއި ނުކުރާ ގައުމުތައްވެސް ތަފާތުކުރެވޭކަށް ނެތްކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ، ދުނިޔޭގެ އެކި ގައުމުތަކުން ޖައްވުގެ ތެރެއަށް ވިހަ ގޭސްތައް ދޫކުރާ ނިސްބަތަށް ބަލާއިރު، ރާއްޖޭގެ ހިއްސާ ކުޑަނަމަވެސް ދުނިޔެ ހޫނުވުމުގެ ސަބަބުން މޫސުމަށް އަންނަ ބަދަލުތަކުން ރާއްޖެއަށް ލިބޭ ގެއްލުންތައް، އެހެން ހުރިހާ ގައުމަކަށްވުރެ ބޮޑު ކަމަށެވެ.
ރައީސް ވިދާޅުވީ، މޫސުމީ ގެއްލުންތައް ކުޑަކުރުމަށް ރާއްޖެއަށް ކުރެވެން ހުރި މަސައްކަތްތައް ކުރަން ޖެހޭ ކަމަށެވެ. އެގޮތުން ކަނޑުތައް ތަޣައްޔަރުނުކޮށް، ގޮނޑުދޮށްތަކާއި ފަރުތައް ހަލާކު ކުރުން ހުއްޓާލަން ޖެހޭ ކަމަށް ވިދާޅުވިއެވެ.
"އަޅުގަނޑުމެން އިސްކަން ދޭންވީ ދެމެހެއްޓެނިވި ތަރައްގީއާއި ތިމާވެށި ހިމާޔަތްކޮށް ރައްކާތެރިކުރުމުގެ މަސައްކަތް ހަމަހަމަ ގޮތެއްގައި ކުރިއަށް ގެންދިއުމަށެވެ. އަޅުގަނޑުމެންގެ ދިރިއުޅުމުގެ ބޭނުންތަކަށްޓަކައި މާހައުލީ ނިޒާމަށް ގެއްލުން ނުދިނުމާއި ގަސްތައް ކަނޑައި ހުސްނުކުރުމެވެ..،" ރައީސް ވިދާޅުވިއެވެ.
ރައީސް އިތުރަށް ވިދާޅުވީ، އެކަމަށް އޮތް އެންމެ މުހިންމު ހައްލަކީ، އެއްފަހަރު ބޭނުންކޮށްފައި އުކައިލާ ޒާތުގެ ޕްލާސްޓިކް ބޭނުންކުރުން ހުއްޓައިލުމާއި އިއާދަކުރަނިވި ހަކަތައިގެ ދާއިރާ ފުޅާކޮށް، 2030 އާ ހަމައަށް އަންނަ އިރު ރާއްޖެ ނެޓް ޒީރޯ ގައުމަކަށްވުމަށް ކަނޑައަޅާފައިވާ ލަނޑުދަނޑި ހާސިލުކުރުމާއި ކުނީގެ ބާވަތްތައް ވަކިކޮށް ރައްކާތެރި ގޮތުގައި ނައްތައިލުމުގެ އިތުރުން ތިމާވެށި ރައްކާތެރިކުރުމުގެ ގޮތުން ހިމާޔަތްކުރާ ސަރަހައްދުތައް އިތުރުކުރުން ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު