ވާހަކަ

ފިނި މެންދަމަކުން 01

13

ކްރިމިނަލް ކޯޓުގެ ދޮރުމައްޗަށް ހުއްޓާލި ފުލުސްވެހިކަލުން ބޭލި ޅަޒުވާނާގެ މޫނު ދުށުމަށް އެއްވެފައި ތިބި މީހުން މަދެއް ނޫނެވެ. އެކަމަކު އޭގެ ތެރޭގައި އޭނާ ބޭނުންވާ އެއްވެސް މީހަކު ނެތެވެ. ވެދާނެއެވެ. މިޝަރީއަތް ޓީވީތަކުން ފެންނާނެއެވެ. އެންމެން ތިބީ ޓީވީ ބުޑުގައި ގޭގައިކަމަށްވެސް ވެދާނެއެވެ.....

"ދައުލަތުން ހުށަހަޅާފައިވާ ހެކިތަކުގެ އިތުރަށް، މައްސަލައާއި ގުޅިގެން ޝަރީއަތަށް ހަސަން ފަޒީލް ރަމްޒީ އެއްވެސް ދެކޮޅުވެރިކަމަކާއިއެކު، ހުށަހެޅި ދައުވާއަށް ބަހެއް ބުނެ ދެކޮޅު ހަދާފައި ނުވުމާއި، މައްސަލައަކީ ފެންނަން އޮތް ސާފު މައްސަލައެއްކަމަށްވުމާއި، ފުލުހުން މިމައްސަލައިގައި މިހިސާބަށް ކުރި ތަހުގީގުން ހުރިހާ ހެއްކެއް ލިބިފައި ވަނީ ފަޒީލާ ދެކޮޅަށް ކަމަށްވެފައި، މައްސަލައަކީ ދެފުށް ފެންނަ ސާފު މައްސަލައަކަށްވުމާއެކު ދައުވާ ސާފުވެފައިވާކަމަށް ފަޒީލް ބުނެފައިވުމާއި މިހާތަނަށް ޝަރީއަތަށް ފެންނަ ފެނުމުގައި ފަޒީލް މިމައްސަލައިގައި ކުށްވެރިވެއްޖެކަމަށް ކަނޑައަޅައި، ދައުލަތުން ހުށަހެޅި ވ. ފުލިދޫ، އަތަމާގޭ ހިންދާމު އަސްމާ އެއްފަހަރާ ގަދަފަދަ ޑޯޒްތަކެއްގެ ބޭސްތަކެއް ކެއީ އަމިއްލަ އިހުތިޔާރުގައި އަމިއްލައަށްކަން އެނގެން އޮތަސް، ހިންދާމުއަސްމާ އަށް ފަރުވާދޭން ސިއްހީމަރުކަޒަށް ގެންދިއުމުގައި އަދި އެހީތެރިކަމަށް އެދި މީހަކަށް ގޮވައި ގެނައުމުގައި ކަނޑައެޅިގެން ހަސަން ފަޒީލް ރަމްޒީ ދެކޮޅުވެރިވެ، އެއިން ގޮތަށް ހިންދާމު އަސްމާ މަރުވާންދެން ބަލަހައްޓާއިގެން އިނީ، ގަސްދުގައި ހިންދާމު އަސްމާ މަރުވާން ދޫކޮށްލައިގެން ކަމަށް ޝަރީއަތަށް އެކަށީގެންވާ މިންވަރަށް ސާބިތު ވާތީ، ގަސްދުގައި އިންސާނިއްޔަތާއި ހިލާފު މިފަދަ އަނިޔާވެރިކަމެއް ދައްކައި، ހިންދާމު އަސްމާ މަރުވަންދެން، ގާތުގައި ހަސަން ފަޒީލް ރަމްޒީ އިނީ ހިންދާމު އަސްމާ މަރުވާން އެދޭތީކަމަށް ނިންމައި، ގަސްދުގައި މީހަކު މަރުވާން ދޫކޮށްލި ދައުވާ ހަސަން ފަޒީލް ރަމްޒީ މައްޗަށް ސާބިތުވާކަމަށް ނިންމައިފީމެވެ. "

ކުށްވެރިންގެ މޭޒުދޮށުގައި، އެގޮނޑި ކައިރީ ކޮޅަށް ހުރި ވިހި އަހަރުގެ ފަޒީލްގެ ލޮލުން އެންމެ ކަރުނަތިއްކެއްވެސް ނިރައެއްނުލައެވެ. އޭނާގެ މޫނުމަތީގެ ކުލަ ފަނޑެއްވެސް ނުވެއެވެ. އޭނާގެ ތުންފަތް ތުރުތުރެއްވެސް ނާޅައެވެ. އަތާއި ފައި ފިންޏެއްވެސް ނުވެއެވެ. ފޮތްތަކުންނާއި ފިލްމުތަކުން އެނގިފެނިފައިވާ އެއްވެސް ގޮތެއް އޭނާއަކަށް ނުވެއެވެ. އިސްޖެހިފައިވާ މޫނު އުފުލައިލައި، ނުހަނު ރީތި މުށިކުލައިގެ ކަޅި، ފަނޑިޔާރުގެ މޫނަށް ސީދާކޮށްލުމާއެކު ދެއަތަކަށް ބޯހަލުވައިލައި، އަންހެންކުދިންގެ ހިތްތަޅުވާލާ ތަނަވަސް ހިތެއްގެ ޝޭޕަށް ހުރި މޫނުގެ ކުލަ އަލިކޮށްލި އަސަރުގަދަ ހިނިތުންވެލުމަކާއެކު، ނަލަނަލަ ނިތްކުރިއަށް ތިންހަތަރު ރޫ އަރުވައިލިއެވެ. އެވަގުތު ފަނޑިޔާރު އެންމެ ފަހުގެ ނިންމުން އަޑުއިއްވެވިއެވެ.

"ހަސަން ފަޒީލް ރަމްޒީއަށް ވިހި އަހަރުގެ ޖަލުހުކުމެއް އިއްވައި މިގަޒިއްޔާ ނިންމީއެވެ."

ފަޒީލަށް ހެވުނީ އޭނާގެ އުމުރުން މާދަމާ ފުރޭނެ ވިހި އަހަރު ހިތަށް އެރުމުންނެވެ.

ކޮންމެ އިންސާނަކީވެސް ކުށް ކުރެވޭނެ އިންސާނެކެވެ. ބައެއް މީހުންނަކީ އެމީހުން ކުރާ އެއްވެސް ކުށެއް، ފާފައެއް، ދުނިޔޭގެ އެއްވެސް ލޮލަކަށް ފާފައެއް ނުވަތަ ކުށެއްގެ ގޮތުގައި ނުފެނި، ނުހަނު މާތް މީހުންގެ ގޮތުގައި ދުނިޔޭގައި އުޅެމުން އަންނަ މީހުންނެވެ. އަނެއްބައިމީހުންނަކީ އެމީހުން ކުރާ ކުށްފާފަތައް ދުނިޔެއަށް ހާމަވެ، އެއަށް ގާނޫނާއި ގަވައިދުގައި ކަނޑައެޅިފައި އޮންނަ އަދަބު ލިބޭ މީހުންނެވެ.

ހުކުމްކޮށް ނިމުމުން ކޯޓްރޫމް ތެރެއިން ނުކުތުމަށް ގާތުގައި އިން ފުލުސްމީހާ ފަޒީލަށް އިޝަރާތަކޮށްލިއެވެ. ހަމަޖެހިލުމާއެކު ފަޒީލް ފުލުހުންގެ ދެމީހުންގެ މެދުގައި ހުރެގެން ބޭރަށް ނުކުމެއްޖެއެވެ. ގަޑިން މެންދުރުން އަނބުރާ ދެގަޑި ބައިވަނީއެވެ. ދެންވާނީ ކިހިނެއްކަން ނޭނގުނަސް، އެކަމާ ފަޒީލުގެ އެއްވެސް ހާސްވުމެއް ނުވަތަ ފިކުރެއްވެސް ނެތް ކަހަލައެވެ. ވާނީވެސް އެކަހަލަ ގޮތެއްތާއެވެ. އޭނާއަށް މިކުރި ހުކުމާމެދު ހިތާމަކުރާނެ ނުވަތަ މިކަމާ އަސަރެއްކުރާނެ މީހަކު އޭނާގެ އާއިލާއަކު ނެތެވެ.

ޖަލަށް ގެންދިއުމަށް ހަވާލުކުރަން ޖެހޭ ފަރާތާއި ހަމައަށް ދާކަށް ނުޖެހުނެވެ. ދެވަން ފުރައަކަށްދާ އަންހެނަކު ގޮވައިގެން ކޯޓު ޝަރީއަތަކަށް އައިސް ތިބި ކަރެކްޝަނުގެ ތިން އޮފިސަރަކަށް ފަޒީލާ ބެހޭ ގޮތުން ކޮންމެވެސް ވާހަކަތަކެއް ފުލުހުން ކިޔައިދިނެވެ. ދެން ދިއްކޮށްލީ އެމީހުންގެ އަތުގައި އޮތް ފޮތުގެ ތެރެއިން ނަގާފައި ދިއްކޮށްލި ބޮޑު ސިޓީއުރައެކެވެ. އޭގައި އޮތި ފަޒީލުގެ މިވަގުތުން ފެށިގެން ކުރިއަށް އޮތް ދިރިއުޅުމުގެ ކުރުކުރު ހުލާސާއެކެވެ. އެކަން ފަޒީލަށްވެސް އެނގެއެވެ. އޮފިސަރު އިޝާރާތްކޮށްލި ގޮޑީގައި އިށީނދެ ފަޒީލް ކޯޓު ތެރެއަށް ނަޒަރު ހިންގާލިއެވެ. ޖަލުން ގެނެސްފައި އިން އަންހެންމީހާ ކޮންމެވެސް ކަމެއް ކުރަން ވިސްނަނީ ކަހަލައެވެ. ތޫނު ނަޒަރަކުން އޮފިސަރުންގެ ހަރަކާތްތަކަށް ބަލަމުން، އޭނާ އިށީނދެއިން ގޮޑީގެ ލެނގޭބައިގައި ބުރަކަށި ޖައްސައި ހަށިގަނޑު ދަމާލިއެވެ. އަދި ފަޒީލުގެ ކަޅި ހުއްޓިފައި ހުރީ ތިމާއާ ދިމާއަށްކަން އެނގުމުން ހަށަން ބަނދެލައި، ދެބުމަ ގޮށް ޖަހާލައި، ފަޒީލަށް އެއްބުމަ ނިއްކުރި އަރުވާލިއެވެ. ފަޒީލު އަވަހަށް އަނެއް ފަރާތަށް މޫނު އަނބުރާލީ، އެއްވެސް އޮފިސަރަކަށް އޭނާއަށް ސަމާލުކަން ދޭންޖެހޭފަދަ އެއްވެސް ކަމެއް ވާން ބޭނުންނުވާތީއެވެ.

ގައިދީންނާއި ބަންދު މީހުން ގޮވައިގެން މާފުށްޓަށް ކައިރިކުރާ ދޯނި، މޯލްޑިވްސް ކަރެކްޝަނަލް ސާވިސަސްގެ ހާއްސަ ޖަލު ފެރީ، މާފުށީ ޖަލާ ދިމާލުން އޮންނަ ބަނދަރަށް ކައިރި ކުރަނީއެވެ. ޖަލުދޯންޏަށް މާފުށީ ނެރުން ވަދެވުނުއިރު، ރެއަށް އިރުއޮއްސި މޫނު އަނދިރިކަން ވެރިވެއްޖެއެވެ. އެހެންކަމުން ގައިދީން އެމީހުންގެ ވަރުބަލިކަން ފާޅުކުރަމުން، އަވަހަށް އެތެރެއަށް ވައްދައިދިނުމަށް އެދެމުން ދިޔައެވެ. ފަޒީލުވެސް ހުރީ އަވަހަށް ބުރަކަށި ދަމާލައި، ހަށިގަނޑުގެ ވަރުބަލިކަން ފިލުވައިލާން ބޭނުން ވެފައެވެ. ހެނދުނު އަށްގަޑި ބައިން ފެށިގެން އެފަކީރު އެހެން އެނބުރި އެނބުރި، ވާތާވެއްޖެއެވެ.

ފެރީގެ ދެފަރާތުން، މަޑުއަޅިކުލައާއި އަޅިހުދުކުލައެއްގެ ކުލައެއްލި ޔުނީފޯމްތަކުގައި ތިބި އޮފިސަރުން ނުކުމެ ވަށައިގެންވާ މާހައުލުގެ އަމަން ނާމާންކަން ބަލަން ފަށައިފިއެވެ. ފެރީ ކައިރިކުރަނީ ކަން އެނގުމުން، ކުޑަތަންކޮޅެއް ދުރުގައި ހުރި ޖަލު ގޭޓުގެ އޮފިސަރު އޭނާގެ މަގާމުގައި ހަމަޖެހިލައި، އަތަށް ޓޯކީ ހެޔޮވަރުކޮށް ބަޓަނަށް ފިތާލިއެވެ. އެކޮޅުން އަޑުތަކެއް އިވުމާއެކުހެން "އަލްފާ، އަލްފާ އޮސްކާ" ގޮވި އަޑު ލިބުނުކަން ޔަގީން ކޮށްދިނުމަށް އަޑު ލިބުނުފަރާތުން "ސެންޑްއޯވާ" ގޮވި އަޑު އިވުނެވެ. ފެރީ ޖައްސައި، މީހުން ފައިބަން ފެށި މަންޒަރު ލޮލުގައި ޖެހުމާއެކުހެން ގޭޓުގައި ހުރި ހުޝިޔާރު، ދޫފަރިތަ އޮފިސަރު ޓޯކީން ގޮވަން ފެށިއެވެ. "ފަސް އީއެސްޖީ އޮފިސަރުން، ކޯޕްރަލް އަހުމަދު..." ފެރީން މީހުން ފައިބާ ވަރަކަށް އޮފިސަރު އެމީހުންގެ ރޭންކާއި ނަމާއެކު ކިޔައިދެމުންދިޔައެވެ. "ޖުމްލަ ނުވައެއް، އަންހެން އެކެއް، ފިރިހެން އަށެއް، މެޑިކަލް ތިނެއް، ކޯޓު ތިން ފިރިހެން އެކެއް އަންހެން، މާލެ ޖަލުން ބަދަލު އެކެއް، ހުކުމަށް ގެނައި އެކެއް ފިރިހެން." އޮފިސަރު ޓޯކީ ޖީބަށް ޖެހުމަށްފަހު ތަޅުދަނޑިފަތި ނަގައިގެން ގޮސް ގޭޓް ހުޅުވާލިއެވެ. ކުރީއްސުރެ ޖަލުގައި ތިބޭތާ އެތައް ދުވަހެއް ވެފައި ތިބި މީހުން އޮފިސަރުންނާ މައްލަވަ ކުރާއިރު ހީވަނީ އަވަށްގަނޑުގައި އެކީގައި ބޮޑެތި ވެފައި ތިބި ބައެއްހެނެވެ.

ކޯޓުން ފެށިގެން ފަޒީލުގެ ބައިވެރިއަކަށްވެގެން މިހާހިސާބަށް އައިސް، ވަކިވުމުގެ ސަލާމަށް އަތްދިއްކޮށްލި ނާޒްނީންގެ ބޮލުން ފެށިގެން ފައިގެނިވާބޮނޑިއާ ހަމައަށް ފަޒީލް ބަލައިލިއެވެ. ނާޒުގެ މޫނުމަތިން އެއްވެސް ކަހަލަ ތަފާތުކަމެއް ފެންނަން ނެތީތީ ފަޒީލު ހައިރާންވެ، އެތަކެއް ސުވާލުތަކެއް ހިތަށް އަރައި ފައިބަމުން ދިޔައެވެ. އޭނާއާއެކުގައި އައިސްތިބި ހުރިހާ ގައިދީންހެން އަވަހަށް އެމީހުންގެ ގޮޅިއަށް ގެންގޮސްދިނުމަށާއި ބަނޑުހައިވާ ވާހަކައާއި މިކަހަލަ ފާޑުފާޑުގެ ވާހަކަ ދައްކަމުން ދިޔައެވެ. ޑިއުޓީ އޮފިސަރުން އެމީހުންގެ ގަވާއިދާއި ގާނޫނުގެ މަތިން، ގައިދީން ގޮވައިގެން ޖަލުގެ މައި އޮފީސް ހުންނަ ދިމާއަށް ހިނގައިގަތް އިރުވެސް ފަޒީލުގެ ސިކުނޑިއަކަށް އެކައްޗެއްވެސް ނުވިސްނޭ ކަހަލައެވެ.

"އަލަށް އައިމަ ލަސްވާނެ އިނގޭ. އޭހް އަބުޅޯ..." ތަންކޮޅެއް ހަރުފުރައިގެ ގައިދީއަކު، ފަޒީލަށް ބަލައިލައިފައި ބުނެލިއެވެ. މިއީ އެންމެންގެ ނަމުންނަމަ ތިނަދޫ ބޮޑުދޮންބެއެވެ. ރަސްމީ ފޮތު ނަމުންނަމަ އައްބާސް ކަރީމެވެ. ފަންސާހަކަށް އަހަރުގެ އައްބާސް ހުކުމް ތަންފީޒު ކުރުމަށް މާފުށި ޖަލުގައި އުޅޭތާ ހައަހަރު ވީއެވެ. އެއްތަނެއްގައި އެހާގިނަ ދުވަހު އުޅުމުގެ ސަބަބުން އައްބާސް ދަންނަ އޮފިސަރުންނާއި ގާތް މީހުން ގިނައެވެ. ޖަލުތެރޭގެ ބައެއްކަހަލަ ބޮޑެތި ނިންމުންތަކުގައި ޑިއުޓީ އޮފިސަރުންގެ ބަހަށްވުރެ އައްބާސްގެ ބަސް މާބޮޑަށްވެސް ގައިދީން އަހައެވެ.

"އަބުޅޯ... މިއީ އަލަށް ގެނައި ލައިފެއް، އޭބީ ފަޅިއަކަށްނު ގެންދާނީ..." އައްބާސް އަހާލީ ކޯޕްރަލް އޮފިސަރެއް ގާތުންނެވެ.

"ކޮންމެކަހަލަ ހުކުމަކަސް އަލަށް ގެނައިމަ އޭބީފަޅިއަށް ގެންދާނީ... ކިހިނެއްވީ؟ ދޮންބެ ގޯތި ސޮރެއްތަ...؟" އޮފިސަރު ހީނލިއެވެ.

އެމީހުން އެކިޔާ އެއްވެސް އެއްޗެއް ފަޒީލަކަށް ނުވިސްނެއެވެ. އޭރު އެމީހުން ތިބީ ޖަލުތަކުގެ މައިއޮފީހުގެ ތެރޭގައެވެ. ތަނުގައި ހަރަކާތްތެރިވަމުން ދިޔަ އޮފިސަރުންގެ ތެރޭގައި ތިބި އަންހެނުން، ނާޒުނީނުއަށް ގޮވާލައިފިއެވެ. ދިއުމުގެ ކުރިން ނާޒު ހުރިހާ ގައިދީންނާއި ހެވިފައި އަތުގެ އިޝާރާތުން ސަލާމްކޮށްލިއެވެ.

"އޭހް، ޒުވާނާ، ޖެހިބުދެއްހެން ހުއްޓަސް ކަންތައްތަކެއް ނުވާނެ، ބަލައިގެން އުޅޭތި." ނާޒުނީނު ދަމުންދަމުން ފަޒީލާ ދިމާއަށް ބުނެލިއެވެ. އޭރު ވާހަކަ ނުދެއްކުމަށް ބުނެ އޮފިސަރުން ނާޒުނީނުގެ އަތުގައި ހިފައި ދަމަމުން ގެންދިޔައެވެ.

ވިއްސަކަށް މިނިޓްވީއިރު ހުރިހާ އެންމެން ގެންގޮސް ނިމިއްޖެއެވެ. ފަސްވަރަކަށް މިނިޓް ކުރިން މައި އޮފީސް ތެރޭގައި ހަލަބޮލިވެ، އެތައް ގައިދީންތަކެއް ގޮވައިގެން އައި އޮފިސަރުންތަކެއް އެމީހުން ޗެކްކޮށް، ކޮންމެވެސް ތަނަކަށް ގެންދަން ނެރެފިއެވެ. އެވަގުތުކޮޅު ފަޒީލްވެސް އިހަށް ބައިންދާފައި އިނީ އެތެރޭ ގޮނޑިއެއްގައެވެ. އެންމެ ފަހުން އިންތިޒާރުގެ ގަޑި ނިމި، ފަޒީލު ބަލައި އަތުވެއްޖެއެވެ.

"މާނުބައި ގަޑިއެއްގަ ވިއްޔަ ތިއައީ، ހަވީރު ސައި ނެރުނު ގަޑީގަ އައީ... ހުރިހާ ކަމެއްކޮށް ނުނިމެނީސް ކާއެއްޗެހި ވައްދަން ޖެހުނީ. ގޮޅިއަށް ގޮސް ފެންވަރައިގެން ރަނގަޅަށް ކާލައިގެން ނިދާލާ. އެއްވެސް ކަމަކާ މިރޭ ވިސްނަން ނަހަދާތި."

ފަޒީލަށް ހަވާލު ކުރަން ޖެހޭ ސާމާނުގެ ލިސްޓާއި ސޮއި ކުރުވަން ޖެހޭ ލިޔުންތައް ހިފައިގެން އައިސް ހުރީ ފަންސަވީހަކަށް އަހަރުގެ ޒުވާން އޮފިސަރެކެވެ. ދިން އެއްވެސް ލިޔުމެއް ކިޔާކަށް ނުހަދައި ފަޒީލު އެހުރިހާ ލިޔުންތަކުގައި ސޮއިކޮށް އިނގިލީގެ ނިޝާން ޖަހާލިއެވެ. މިހާރު ހަގީގަތުގައިވެސް ވަރުބަލިވެގެން ގޮސް މިއިނދެވެނީ ކޮންތާކުކަން ހަނދާން ނެތޭވަރަށް އޭނަގެ ހަށިގަނޑު ވަނީ ލޮނޑިވެފައެވެ. ސޮއިކޮށްފަ ހަވާލުކުރި، ކުނަލާއި ބާލީސް ފިޔަވައި އެހެން ހުރިހާ އެއްޗެއް ބާލީހުއުރަ ތެރެއަށް އަޅައިގެން ދެއަތުން އެހުރިހާ އެއްޗެއް މެއާލައި ބޮނޑިކޮށްލައިގެން ދެއަތް ކައިރިކޮށް، ބިޑިއަޅުވަން އޮފިސަރަށް ފުރުސަތު ދިނެވެ. ބިޑި އެޅުވުމަށްފަހު އޮފިސަރު ފަޒީލް ގޮވައިގެން އޮފީހުން ނުކުމެ ޖަލުސަރަހައްދާދިމާއަށް ހިނގައިގެންފިއެވެ.

ލޮލަށް އިނގިލި ކޮއްޕާލިއަސް ނޭނގޭހާ އަނދިރި ހިސާބުގަނޑުތަކުންނާއި އަލިރޮނގުތައް ހުރަސްކުރަމުން ކުރިއަށްދާ އޮފިސަރާ އެއްހަމައެއްގައި ހުރެ ހިނގަމުން ދިޔަ ފަޒީލުގެ ދެލޯ ވަށައިގެން ފަސްދެމުންދާ މަންޒަރު ދެނެގަތުމުގެ ނާކާމިޔާބު މަސައްކަތް ކުރަމުން ގެންދެއެވެ. އޭނާއަށް މިތަންތަން އެނގޭނީ ކިހިނެއް ހެއްޔެވެ. މުޅިން އަލަށެވެ. ދުވަހަކުވެސް އޭނާ މިތަނަކަށް ނާދެއެވެ. މިތަނާ ބެހޭ ގޮތުން އަޑެއްވެސް ނާހައެވެ. ފިލްމުތަކާއި ވާހަކަތަކުން އޭނާއަށް ފެނިފައިވަނީ ރާއްޖެއިން ބޭރުގެ ޖަލުތަކެވެ. އެތަންތަނާއި މިތަން ހާދަހާ ވާ ތަފާތެވެ. ދުރުދުރަށް ލޮލުކޮޅަށްވެސް ހިލަމެއް ނެތެވެ. ފަޒީލަށް އޭނާއާއި އެކުގައި ހިނގާފައިދާ އޮފިސަރުގެ ހިތުގެ ހިނގުމުގެ އަޑުވެސް ސާފުކޮށް އިވެއެވެ. އެހާވެސް މައިދާނަށް ވެރިވެފައިވާ ހިމޭންކަން ބޮޑެވެ.

ކުއްލިއަކަށް ހިނގަމުންދިޔަ ފަޒީލުގެ ކަންފަތް ކައިރިން އަޅުވާފައި، ޒޫންލާފައި އުދުހިގެންދިޔަ ކޮންމެވެސް އެއްޗެއްގެ ފިޔައިގެ އަޑުވެސް ސާފުކޮށް އޭނާއަށް އިވުނެވެ. ފުންމައިގެން ފަހަތަށް ޖެހެވުނު ވަގުތު ފަޒީލު އަރިއަޅައިނުލީ ހަމަކިރިޔާއެވެ. ހަމަދާދި އެކުއެކީގައި ގޮސްގޮސް ހުރި އޮފިސަރަށްވެސް ހުއްޓުން އެރިއެވެ. އަތުގައި އޮތް ޓޯޗު ބައްތިން އަލި އަޅުވައިލައިފައި، ފަޒީލްގެ ކޮނޑުގައި ހިފަހައްޓާލިއެވެ. ބައްތީގެ އަލި އެޅިފައި ހުރި އޮފިސަރުގެ މޫނު ފެނުމުން ފަޒީލަށް ބާރަށް އަޑުލައިގަނެވުނެވެ. އެހެންނަމަވެސް ހަމަ ދެވަނަ ސިކުންތުގައި، އޮފިސަރުގެ އަނދާފައިހުރި މޫނުގެ އެއްފަޅި ކުރިއެކޭ އެއްގޮތަށް ރަނގަޅުވެއްޖެއެވެ. ފާޑުފާޑުގެ ވަސްވާސް ފިކުރުތަކުން ސިކުނޑި ފޮޅާލުމަށް ދެއަތަކަށް ބޯ ހޫރާލާފައި އަނެއްކާވެސް ފަޒީލު، އޮފިސަރާއެކު ހިނގައިގަތެވެ.

ޔުނިޓް ދޭއް، ޔޫޓޫއާ ގާތްވަމުން ދިޔަވަރަކަށް ޒޫން ވައިގެ އަޑު ދިޔައީ އިރެއް އިރަކަށް ބާރު ވަމުންނެވެ. މިހިސާބަކީ މުޅި ޖަލު ސަރަހައްދުގައިވެސް ވަކިން އޮންނަ، އާންމު ބޮޑެތި ޔުނިޓުތަކާ މާބޮޑަށްވެސް ދުރުގައި އޮންނަ ހިސާބެއްކަމުން އެކިތަންތަނަށް ގޮސްއައިސްވާ މީހުންގެ ހިލަމެއްވެސް މިތާނކުން ނުފެނެއެވެ. މަގުތައް ހަނި، ގަސްބޯ މައިދާނުގެ މެދުގައި މަތިހަށި ނަގައިގެން ހުރި މުސްކުޅި ޖައްލާދެއްގެ ސިފައިގައި ޔޫޓޫ، އޭގެ ދަގަނޑު ގޭޓުތަކާއި ތަޅުތަކާއި ހިލައިގެ ބޯ ފާރުން ޒީނަތްވެގެން ހުއްޓެވެ. ޔުނިޓް ދޭއްގެ މަތީ އާނގަތަކުން ނުކުންނަ ހަނި ރޮނގަކަށް ފެންނަ ތޫނު ގަދަ އަލި މާދުރަށްވެސް މަތިން ބަލައިލީމަ ފެންނާނެއެވެ. މިއީ މާފުށީ ޖަލުގެ އެންމެ ބޮޑު އެއް ހިއްސާއެވެ. ގައިދީންގެ އެންމެ ގާތް އެއް ބައިވެރިޔާ ޔުނިޓްދޭއް ނުވަތަ ޔޫޓޫއެވެ.

ޖަލަށް އަލަށް ގެންނަ ގައިދީންނާއި ޖަލުގެ އެންމެ ކިޔަމަންތެރިނުވާ ގައިދީން ގެނެސް ލާން ހުންނަ ޔުނިޓު2ގެ ބޭރުގައި ފޯރިމަރަން މިގަޑީގައި ތިބި ދެޑިއުޓީންވެސް ޕޯސްޓުގައި ގަޑި ބަލަބަލައި ތިއްބެވެ. މިގަޑިއަކީ އަލަށް އަންނަ ގައިދީން ވައްދާ ގަޑިކަމުން މިވަގުތު ކޮންމެހެންވެސް ޖަލު ހުޅުވަން ޖެހޭނެއެވެ. ހަމަ އިރުކޮޅެއްގެ ތެރޭގައި ކާންދޭ މީހުންވެސް އަންނާނެއެވެ. އެމީހުންނަށްވެސް ދޮރުހުޅުވައިދޭން ޖެހޭނެއެވެ. ހަތަރުފަޅީގެ ދޮރުތައްވެސް ހުޅުވައިދޭން ޖެހޭނެއެވެ. އެތެރެއަށް ވައްދަން ޖެހޭނެއެވެ. މިއީ ހަމަ ކޮންމެ ރެއެއްގެވެސް މިގަޑީގައި ތިބޭ ޑިއުޓީންގެ ވަޒީފާގައި ތިބޭ މީހުންގެ މަސައްކަތެވެ. ކޮންމެ ކާގަޑިއެއްގައި ހަމަ މިމަސައްކަތް ކުރަން ޖެހޭނެއެވެ.

އަބަދުވެސް މިތަނުގައި ދެމީހަކު ފޯރިމަރަން ތިބެން ޖެހެއެވެ. މިޔުނިޓުން އަބަދުވެސް ކޮންމެވެސް ގައިދީންތަކެއްގެ ބާރު ހަޅޭލެވުމުގެ އަޑު ދޭތެރެދޭތެރެއިން އިވޭނެއެވެ. ޑިއުޓީއަށް ގޮވާލައި އަޑު ވެސް އަންނާނީ އެންމެން އެއްފަހަރާ އަޑުގަދަކުރާއިން ގޮވާ ގޮތަކަށެވެ. އެހެންވެސް ވާނެއެވެ. ކުށާއި ނުބައިނުލަފާ ހުރިހާ ކަމެއް ކުރާ ބަޔަކަށްވިޔަސް އެއީވެސް ހަމަ އިންސާނުންތަކެކެވެ. އެމީހުންގެ ހިއްސުތައް ހުރީ ސަލާމަތުންނެވެ. އެހެންވިއްޔާ މިކަހަލަ ތަނަކަށް ލާ ބަންދުކޮށްފައި ތިބީމާ އެގޮތަށް ހަޅޭއްލެވުމަކީ މާބޮޑުކަމެއް ނޫނެވެ.

ފަޒީލްއަށް މަގުދައްކަން ހުރި އޮފިސަރު އޭނާގެ އަތުގައި އޮތް ޓޯކީ ނަގައި ގޮވާލައިފިއެވެ. އަލަށް ގެނައި ގައިދީ ގޮވައިގެން އާދެވިއްޖެ ކަމަށާއި ދޮރު ހުޅުވުމަށް ކޮންމެވެސް ކުރު ޖުމުލައަކުން ބުނެފިއެވެ. ޖެހެމުން އަންނަ ފިނިކަންގަދަ ވައިރޯޅި ޖެހިފައި ފަޒީލަށް އޭނާގެ ގައިގައި ތޫނު އެއްޗަކުން ތޮރުފާކަމުގެ ހީވެސް ކުރެވޭ ފަހަރު އާދެއެވެ. މިހިސާބަށް އާދެވުނުއިރު ފައިގައި އޮތީ ހުސް ހިރަފުހެވެ. ޖެހުނު ރޯޅިއާއެކު އުކި ވެލިން ލޮލަށް އެޅުނު ކުނިވެސް މަދެއް ނޫނެވެ. މުޅިމީހާ ހަރާބުކޮށްލައިފިއެވެ. އަމުދުން އަނެއްކާ ވައްދަން އެއުޅެނީ ކޮންފަދަ މުސީބާތެއް ކަހަލަ ތަނަކަށްކަމެއްވެސް ނޭނގެއެވެ. އިރުއިރުކޮޅާ ވަލުކުއްތާތަކެއް ހޭރިގަނެ ވައްވައް ޖަހައިގަންނަ ކަހަލަ ގޮތަކަށް އެއްފަހަރާ އެތައް ގައިދީންނެއް ދަގަނޑު ތޭރިތަކުގައި ތަޅައިގަންނައަޑާއި އެއް އަޑަކުން ޑިއުޓީއަށް ގޮވާ އަޑު ފަޒީލްގެ ހަތަރެސްފައި ކޮޅަށް ޖަހާލައެވެ.

ދުވަސްވެފައިވާ، ކިއްލާއެއްގެ މައިގޭޓު ކަހާލާ ފަދަ އަޑުފަށްގަނޑެއް އިވިއްޖެއެވެ. ދަގަނޑު ގޭޓު ކަހާލުމާއެކުހެން ފަޒީލް ގޮވައިގެން އޮފިސަރު އެތެރެއަށް ވަދެއްޖެއެވެ. އަދި އަނެއްކާވެސް ހަމައެއަޑުފަށްގަނޑާއެކު ގޭޓު ލައްޕާލެވިއްޖެއެވެ. އެހިސާބުން ފަޒީލާ ހަވާލުވީ އެވަގުތުގެ ޔުނިޓުދޭއް ގައި ތިބި ޑިއުޓީ އޮފިސަރުންނެވެ. ފަޒީލުގެ އަތުން ބިޑި ނައްޓުވައިލުމަށްފަހު ދެޑިއުޓީންނާ ހަވާލު ކުރުމަށްފަހު ފަޒީލު ގޮވައިގެން އައި އޮފިސަރު އެނބުރި އައިކޮޅަށް ދާން ނުކުމެއްޖެއެވެ.

ރޭގަނޑުގެ ކެއުމަށް ފާރަވެ ތިބި ގައިދީން ކާ އެއްޗެހި ތަށިތަށްޓަށް އަޅުވާ އަޑު އިވެމުން ދިޔައެވެ. ފަޒީލް ގޮވައިގެން ގޮސް އޭބީ ފަޅިއަށް ވަންނަ ގޭޓު ހުޅުވާލުމަށް ގޮވާލުމުން އެތަނުން ފަޒީލުގެ ސާމާނާއި ފަޒީލާ ހަވާލުވީ ތަންކޮޅެއް އުމުރުން ދުވަސްވީ ފިރިހެނެކެވެ. ބަލާބެލުމަށް ހިތްހެޔޮފާޑު ޖަހައެވެ. މިއީ ރަހީމްބޭބެ އެވެ. ޖަލުގެ ފެށުނީއްސުރެ އަދަށްދާންދެންވެސް ހުންނަ އޮފިސަރެކެވެ. ފަޒީލް ގޮވައިގެން ހިނގައިގަންނަމުން އެބޭބެ އޯގާތެރި އަޑަކުން ނަން އަހާލިއެވެ. ފަޒީލަށް ކުރެވުނީ އަމިއްލަ މީހަކު އޭނާއަށް ގޮވާލިކަހަލަ އިހުސާސެކެވެ. ޖަލު އޮފިސަރުންގެ ތެރޭގައިވެސް އިންސާނިއްޔަތުކަން ހުންނަ އޯގާތެރި މީހުން ތިބޭހެއްޔެވެ. "ދަރިފުޅާ. ކޮއިފުޅުގެ ނަމަކީ ކޮބާ؟ ތިވަރުގެ ކުޑަކުއްޖަކު މިހާބޮޑު ހުކުމަކަށް އަންނަން ޖެހުނީ ކީއްވެ؟ އުމުރަށްވުރެ ބަރު ހުކުމެއް..؟" ރަހީމްބޭބެ އޭރު ހުރީ ދިގަށް ދެމިގެން ގޮސް ކޮޅު ނުފެންނަވަރުގެ ދިގު ފުޅާ ކޮރިޑޯއެއްގެ ފެށޭ ހިސާބުގައި ހުރި ގޮޅިއެއްގެ ކުރިމަތީގައެވެ. ގޮޅީ ދޮރު ހުޅުވާލުމާއެކު ވާތަކާއި ކޮތަރުތަކެއް އުދުހިގަތްހެން ފަޒީލަށް ހީވިއެވެ. އެކަމަކު އެއްވެސް އެއްޗެއް ބޭރަކަށް ނުނިކުމެއެވެ. ހީކުރި ގޮތާ ހިލާފަށް ފަޒީލަށް ގޮޅި އެކުވެރިއަކު ނުލިބެއެވެ. އޮންނަން ޖެހުނީ އެކަންޏެވެ. އެއްގޮތަކުން އޭނާއަށް މާބޮޑަށްވެސް ރަނގަޅެވެ.

"ފަޒީލް، ހަސަން ފަޒީލް ކިޔަނީ... ހުކުމުގެ ވާހަކަ ބާއްވާ!، ކުޑަޔަސް ބޮޑަސް އެކި މީހުންގެ ދިރިއުޅުމުގަ ހިނގާނީ އެކިކަހަލަ ކަންތައް."

އެބޭބެގެ ލޯބޯ ކޮށިކަމުން ކަމެއް ނުވަތަ ފަސޭހައަކަށް ކަމެއް ނޭނގެއެވެ. ހަމަގައިމުވެސް މިނަންބަރު ގޮޅިއަށް ގެނެސް ލާނެ މީހާގެ ނަން ނޭނގިއެއް ނޯންނާނެއެވެ. ކޮންމެ ގޮތެއްވިޔަސް އެންމެ ރަނގަޅުތާއެވެ. އަރުން އެއްޗެއް ދިރުމުގެ ކުރިން، މިތަނުގެ ފެން އަރުން އެތެރެވުމުގެ ކުރިން، ކުޑަމިނުން ދަރިފުޅާއޭ ކިޔައި ގޮވާލާނެ މީހަކު ވެއްޖެތާއެވެ. އެވެސް ލައްކަ ބޮޑު ވަރެވެ.

"ކާންދޭ މިފަޅިއަށް! ކާންދީފަ ދިޔަފަހުން އެކޮއި ތިއައީ، މިރޭ ހުންނާނީ ތެލުލި މުށިމަހާއި ބަރަބޯ ރިހައާއި ރޮށި، ދެން ކަޅުސައި، ކާއެއްޗެހި މޭޒުމަތީ ޕާރުސަލުގައި ހުންނާނެ. ފެންވަރައި ނަމާދުކޮށްގެން ކައިގެން އަވަހަށް ނިދާލާ!. ވަރަށް ވިއްސާރަ ރެއެއް، ގޮވިޔަސް އަޑެއް ނުފޯރާނެ. ކަމެއް ބޭނުންނަމަ މިހާރު ބުނެލާ!." ރަހީމްބޭބެވެސް ހުރީ ފިންޏަށް ތުރުތުރުއަޅައިގެންފައެވެ.

ފަޒީލް ގޮޅިތެރެއަށް ބަލައިލިއެވެ. އެކަކު އުޅެން ތަނަވަހެވެ. ދުވަސްވެފައިވާ ފާރުތަކެއްކަމަކު ގަދަފަދައެވެ. ޒާތްޒާތުގެ ކުރެހުންތަކުން ފާރު އޮތީ ފުރިފައެވެ. ފާހާނާ ހުރީ ދިމާ ހާމައަށެވެ. ހަތަރުވަރަކަށް ފޫޓުގެ ފާރެއްގެ މަތިން އެތެރޭގައި ހުންނަ މީހާގެ މޭކަށިގަޑުން މަތި ސާފުކޮށް ފެންނާނެހެން، ފެންވަރާ މާގަނޑު ނައްޓާލާފައި ހުރި ޝަވަރެއް ހުއްޓެވެ. ދޮރާށްޓެއް ނެތެވެ. އަތްދޮންނަން ކަމެއް ކީއްކުރަން ކަމެއް ނޭނގެއެވެ. ފެންއިސްކުރަކާއި ސިންކެއް ފާޑު ތަންކޮޅެއް ގޮޅި ތެރޭގައި ހުއްޓެވެ. ގޮޅީގެ އެއްފަރާތުގައި ސިމެންތި އަށްޓެއް ހުރިއިރު ބިމުގައި ހަރުކޮށްފައި ހުރި ސިމެންތި ދެގޮނޑިއާއި މޭޒެއްގެ އިތުރަށް، މޭޒުގެ މަތީ، ދެފަޅިއަކަށް ފަޅިކުރެވިފައިވާ ސިމެންތި ކަބަޑެއްވެސް ހުއްޓެވެ. މުޅި ގޮޅިތެރެއިން ނޭފަތަށް އުދަނގޫވެ، ހެޔަށް ތުރާވާފަދަ ތޫނު ހުތް ވަހެއް ހުއްޓެވެ. ހީވަނީ ގިނަ ދުވަސްވަންދެން ނުހުޅުވާ ހުރުމަށްފަހު ހުޅުވުމުން ދުވާ ސިމެންތިފިނި ވަހެއް ހެނެވެ. އަށްޓާއިދިމާލުން ފާރުގައި އިސްކޮޅާ އެއްވަރުގެ ބާގަނޑެއް ތަޅައިތަޅައި ކަނޑާފައި ހުއްޓާ އަލުން ސިމެންތި ޖަހާފައި ހުރީ ވަރަށް ފަހަކުން ކަން އެނގޭހާ އެތަނުގައި ހުރި ސިމެންތި އަލެވެ.

ފަޒީލް އޭނާ ގެނައި ބޮކްސާބޮނޑި އަށިމަތީގައި ބެހެއްޓިއެވެ. އެވަގުތު އިހަށް، ދުވަމުން އައި ފިނިފެހި ވަހަށް ނޭފަތް ހޭނިފައި ހުއްޓާ، މޭފަޅައިގެންދާވަރުގެ ނުބައިވަހެއް އޭނާގެ ނޭފަތުގައި ޖެހިފައި ހިނގައްޖެއެވެ. އިހުތިޔާރުން ބޭރުގައި އަނގައަށް އައި ހޮޑު ހިފަހައްޓާލެވުނީ ހަމަކިރިޔާއެވެ. މިއީ މިފަޅިއަށް ވަދެގެން އައިއިރުވެސް ނޭފަތުގައި ދެފަހަރަކަށް ޖެހުނު ނުބައި ވަހެވެ. މިފަހަރު އެވަސް ދުވީ ހަމަ ދިމާ ގައިގެ ތެރެއިން ކަހަލައެވެ.

"ރަހީމްބޭބޭ....އެ...އެއީ ކޮން ވަހެއްތަ؟" ފާހާނާއަށް ވަދެފައި އަނގަ ދޮވެގެން ނުކުމެ ފަޒީލް އަހާލިއެވެ.

"އެވަހެއް ދުވާނެ އެހެން ދޭތެރެ ދޭތެރެއިން، ވެދާނެ އެއްޗެއް ކުނިވެފަ އޮތީ ކަމަށްވެސް. ހޮނިހިރު ދުވަހު ސާފު ކުރާއިރު ބަލައިލާނީ. ދެން އިތުރުކަމެއް ނެތިއްޔާ ރަހީމްބޭބެ ދަނީއޭ، އެންމެ ރަނގަޅުތަ؟"

ފަޒީލަށް ހީނގަނެވުނެވެ. އޭނަގެ ބުނުމަކަށް ނުވަތަ ނުބުނުމަކަށް މިތަނުގެ އޮފިސަރަކަށް މަޑުކުރުމުގެ ހުއްދައެއް އޮންނާނެހެއްޔެވެ. މިއީ މިރެއިން ފެށިގެން ކުރިއަށް އޮތް ވިހި އަހަރު ވަންދެން އޭނާގެ ދުނިޔެއެވެ. މިދުނިޔޭގައި އޭނާއާއެކުގައި ބައިވެރިވާން ޖެހޭ އެއްވެސް މީހަކު ނުހުންނާނެއެވެ. ގައިމުވެސް އޭނާވެސް ލިބޭނީ ކޮންމެވެސް މީހަކަށެވެ. ވިހާނީވެސް ކޮންމެވެސް މީހެކެވެ. ގަހުގަތްބުރަށް ހަމަ ދުނިޔެއަށް އައިސް ބޮޑެއް ނުވާނެތާއެވެ. އެކަމަކު މިއަދު މިތަނުގައި އޭނާ އެއިނީ ހަމަގައިމުވެސް އެއިން އެއްވެސް މީހަކު ފެނިވެސް ނުލައި އައިހެވެ.

"ބޭނުން ކަމެއް ނެތް. އާނ... ބޭބޭ... ވަރަށް މަދިރި އުޅޭނެތަ؟" ހަމަކުއްލިއަކަށް ހަނދާންވެގެން ފަޒީލް އަހާލިއެވެ.

ރަހީމްބޭބެ ހީނގެންފައި ޖަވާބުދިނެވެ. "މަދިރިއެއް ނޫޅޭނެ. މަކުނާއި ހިންޏާއި މީދާވެސް އުޅޭނެ،" ފަޒީލް ހީކުރީ ރަހީމްބޭބެ ރަނގަޅު ސަމާސާއެއް ކޮށްލީކަމަށެވެ.

"އޭ. ޑިއުޓީ، ޑަސްޓްބިން" ހަތަރު ފަސްވަރަކަށް ގޮޅި ދޫކޮށް ހުރި ގޮޅިތަކުން އެއްފަހަރާ އަށެއްކަ ވަރަކަށް މީހުންގެ އަޑު ގުގުމައިގެން ދިޔައެވެ.

"ޖެހިގެން މިހިރަ ގޮޅިތަކުގައި ބަޔަކު ނޫޅެނީތަ؟" ފަޒީލް ހައިރާންވެފައި އަހާލީ ކައިރި ގޮޅިއަކުން އެއްވެސް އަޑެއް ނީވޭތީއެވެ.

"މުޅި މިފަޅި މިހެން ފަޅަށް އޮންނަތާ އަށެއްކަ ވަރަކަށް މަސްދުވަސްވެއްޖެ. މިތަނަށް ވައްދާފައި ރޭގަނޑު ނުވަނީސް ހޭނެތިގެން ނެރެގެން މެޑިކަލްއަށް ނެރެން ޖެހޭނީ، ވަރަށް ހާލުދެރަވެފައި އެހާމެ ބިރުގެންފައި ތިބެނީ..... އެކޮއި ވެސް މިތަނަށް ލާން ބޭނުމެއް ނޫން، އެކަމަކު މިހައެއްކަ ގޮޅި ނޫނީ އޭބީ ފަޅިއަކު އިތުރު ހުސްގޮޅިއެއް ނެތް."

ޑަސްބިނަށް ގޮވާ އަޑު ގަދަވާން ފެށުމުން ފަޒީލްގެ ގޮޅިން ކުނި ހުރިތޯ އަހައި ނަގަން އަންނަ ކަމަށް ބުނެފައި ރަހީމްބޭބެ ގޮޅީގެ ދަގަނޑު ތޭރި ދޮރު ލައްޕައި ތަޅުލައިފިއެވެ. ރަހީމްބޭބެ ޑަސްބިން ނަގާ ކުއްޖާ ގޮވައިގެން އަންނަން ވާއިރަށް ފަޒީލް، އޭނާގެ ކާތަކެތީގެ ތެރެއިން ދެރޮށްޓާއި މުށިމަސް ބޭއްވުމަށްފަހު ބާކީ ހުރި އެއްޗިހި އެއްކޮށް ތައްޔާރުކޮށްލިއެވެ. ޑަސްބިނަށް ގޮވަމުން އައީވެސް ގައިދީއެކެވެ. އަލަށް އައި ބްރޯއަށް މަރުހަބާއާ ކިޔުމަށްފަހު ޑަސްބިން ނަގައިގެން އެކުއްޖާވެސް ހިނގައްޖެއެވެ. ރަހީމްބޭބެވެސް ރޭގަނޑުގެ ސަލާމަށްފަހު ހިނގައްޖެއެވެ. އަދި ދެން ޔުނިޓްދޭއްގެ ފާރުތަކުގައި ހުރި މަރުގެ ހިމޭން ހިޔަނިތައް އެކަތި އަނެކައްޗަށް ކޮއްޕަމުން އަންނަން އުޅޭ ގަދަފަދަ ތޫފާނުން ސަލާމަތްވުމަށް މަސައްކަތް ކުރަން ފެށި ކަހަލައެވެ. ބޭރުން ބާރުރޯޅިތަކާއެކު ގަސްތައް ހެލޭ އަޑާއި ޔޫޓޫގެ ފުރާޅުތަކުގައި ވައިޖެހިފައި އެނބުރޭ އަޑު މުޅި ހިސާބުގަނޑުގައި ވައިއަޑު ހިއްޕާލައިފިއެވެ.

(ނުނިމޭ)