ޚަބަރު

ދައުލަތުގެ ދަރަނި 100 ބިލިއަނަށް!

މުހައްމަދު ޖަމްޝަތް ވަހީދު

ދިވެހި ސަރުކާރުގެ ދަރަންޏާއި ސަރުކާރުން ޒިންމާ ނަގާ ގޮތަށް އެކި ފަރާތްތަކުން ނަގާފައިވާ ޖުމުލަ ދަރަނި 100 ބިލިއަން ރުފިޔާއާ ގާތްކޮށްފިއެވެ.

ފިނޭންސް މިނިސްޓްރީން އާންމުކޮށްފައިވާ މިއަހަރުގެ ފުރަތަމަ ތިން މަސްދުވަހާ ހަމައަށް ރާއްޖޭގެ ދަރަނީގެ ހާލަތު ހުރި ގޮތުގެ ރިޕޯޓުން ދައްކާ ގޮތުން ސަރުކާރުގެ ދަރަންޏާއި ސަރުކާރުން ޒިންމާ ނަގާ ގޮތަށް އެކި ފަރާތްތަކުން ނަގާފައިވާ ދަރަނީގެ އަދަދު ޖުމުލަ 98.9 ބިލިއަން ރުފިޔާއަށް އަރައެވެ. އެއީ މިދިޔަ އަހަރު ނިމުނު އިރު، ދަރަނި ހުރި އަދަދާ އަޅާބަލައި އިރު، 4.8 ބިލިއަން ރުފިޔާ އިތުރު އަދަދެކެވެ.

ފިނޭންސް މިނިސްޓްރީގެ ތަފާސް ހިސާބުތަކަށް ބަލައި އިރު ސަރުކާރަށް ބޭރުގެ ފަރާތްތަކުން ނަގާފައިވާ ދަރަނީގެ އަދަދު 46 ބިލިއަން ރުފިޔާއަށް އަރައެވެ. އަދި އެެތެރޭގެ ފަރާތްތަކުން ނަގާފައިވާ ދަރަނީގެ އަދަދު 53 ބިލިއަން ރުފިޔާއަށް އަރައެވެ. މީގެ ތެރެއިން ސީދާ ސަރުކާރުން ނަގާފައިވާ ދަރަނީގެ އަދަދަކީ 84.8 ބިލިއަން ރުފިޔާއެވެ. އަދި ސަރުކާރުން ޒިންމާވާ ގޮތަށް ނަގާފައިވާ ދަރަނީގެ އަދަދަކީ 14.1 ބިލިއަން ރުފިޔާއެވެ.

ސަރުކާރުގެ ދަރަނި މިއަހަރުގެ ފުރަތަމަ ތިން މަސް ދުވަހު އިތުރުވީ ބަޖެޓް ޑެފިސިޓް ފޫބެއްދުމަށާއި ތަރައްގީގެ މަޝްރޫއުތައް ހިންގުމަށް ނެގި ދަރަނި އިތުރުވުމާ ގުޅިގެންނެވެ.

.

އެގޮތުން ބަޖެޓް ސަޕޯޓަށް މިއަހަރުގެ އޭޕްރީލް މަސް ތެރޭގައި ކާގިލް ފައިނޭޝަލް ސާވިސް އިންޓަނޭޝަނަލް (ސީއެފްއެސްއައިޓީ) އިން ނަގާފައިވާ 100 މިލިއަން ޑޮލަރުގެ ލޯނާއި ކުނި މެނޭޖްކުރުމުގެ މަޝްރޫއަށް އިސްލާމިކް ޑިވަލޮޕްމެންޓް ބޭންކުން މި އަހަރުގެ ޖެނުއަރީ މަހު ނަގާފައިވާ 18 މިލިއަން ޑޮލަރުގެ ލޯނު ހިމެނެއެވެ.

ފިނޭންސްގެ ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި ފާއިތުވި ހަތަރު އަހަރުތެރޭގައި ޖުމުލަ 32 ލޯނެއް ސަރުކާރުން ވަނީ ނަގައިފައެވެ. އެއީ 2.4 ބިލިއަން ޑޮލަރު (32 ބިލިއަން ރުފިޔާ) އެވެ. ސަރުކާރުން އެންމެ ގިނަ ލޯނު ނަގާފައިވަނީ ކޮވިޑާ ގުޅިގެން 2020 ވަނަ އަހަރެވެ. ކޮވިޑު އިމަޖެންސީ ސަޕޯޓުގެ ގޮތުގައި ސަރުކާރުން ނަގާފައިވާ ލޯނުތަކުގެ އަދަދު 92 މިލިއަން ޑޮލަރަށް ވުރެ އިތުރެވެ.

މީގެ އިތުރުން އިންޑިއާގެ އެގްސިމް ބޭންކުން ނަގާފައިވާ ލޯނުތަކުގެ އަދަދުވެސް 1.2 ބިލިއަން ޑޮލަރަށް އަރައެވެ. މި ލޯނުތަކުގެ ތެރޭގައި ތިލަމާލެ ބްރިޖް މަޝްރޫއަށް ސަރުކާރުން ނެގި 400 މިލިއަން ޑޮލަރުގެ ލޯނު ހިމެނެއެވެ.

ގައުމީ އުފެއްދުންތެރިކަމުގެ ނިސްބަތް ނުވަތަ ޖީޑީޕީގެ ނިސްބަތުން ރާއްޖޭގެ ދަރަނި މިހާރު ވަނީ %113 އަށް އަރައިފައެވެ.