ހިޔާނާތްވި ކަމަށް ބުނާ މީހުންގެ މައުލޫމާތާއި އެކަމުގެ އެއްވެސް މައްސަލައެއް ފޮރުވަން މަސައްކަތް ނުކުރާ ކަމަށް ޕަބްލިކް ސާވިސް މީޑިއާ (ޕީއެސްއެމް)ގެ މެނޭޖިން ޑިރެކްޓަރު އަލީ ހާލިދު ވިދާޅުވެއްޖެއެވެ.
އަލީ ހާލިދު މިހެން ވިދާޅުވީ ޕީއެސްއެމްގެ އިންޓާނަލް އޮޑިޓިން ޑިޕާޓްމަންޓް އުވާލީ 100 މިލިއަން ރުފިޔާގެ ހިޔާނާތް ފޮރުވަން ކަމަށް ޕީއެސްއެމްގެ ކުރީގެ ޗީޕް އިންޓާނަލް އޮފިސަރު އަހުމަދު ފަޒީލް ވިދާޅުވުމުން "ވަން" އިން ކުރި ސުވާލަކަށް ޖަވާބުދެއްވަމުންނެވެ.
އަލީ ހާލިދު "ވަން" އަށް މިއަދު ވިދާޅުވީ ފާއިތުވި 14 މަސް ދުވަހުގެ ތެރޭގައި ޕީއެސްއެމްގެ އިންޓާނަލް އޮޑިޓެއް ހަދާފައިނުވާ ކަމަށެވެ. އަދި ފަޒީލް އެ ވިދާޅުވާ ރިޕޯޓުތަކަކީ ތަހުގީގުކުރުމަށް ހަވާލުކުރި މައްސަލަތަކެއްގެ ރިޕޯޓުތައް ކަމަށާއި އެއީ އިންޓާނަލް އޮޑިޓް ރިޕޯޓެއް ނޫން ކަމަށެވެ.
އިންޓާނަލް އޮޑިޓް ރިޕޯޓަކީ މުޅިން ތަފާތު އެއްޗެއް ކަމަށާއި އެ ޑިޕާޓްމަންޓު އުވާލީ އެކުންފުނީގެ އޮޑިޓިން މަސައްކަތް އެންމެ ފުރިހަމައަށް ނުކުރާތީ ކަމަށެވެ.
"ފަޒީލް އެ ވިދާޅުވަނީ 14 ރިޕޯޓެއްގެ ވާހަކަ. އަދި އެއީ އަޅުގަނޑު އޭނާއާ ހަވާލުކުރި މައްސަލަތަކެއް ކަމަށް. އެހެންވީމަ އެއީ އެ މައްސަލަ ބަލައި ހުރި ކަންކަން ފާހަގަކުރުމަށް ހެދި ރިޕޯޓެއް ނޫންތޯ. އެއަކީ އޮޑިޓު ރިޕޯޓެއް ނޫން،" އޭނާ ވިދާޅުވިއެވެ.
އަލީ ހާލިދު ވިދާޅުވީ ކޮންމެ އަހަރަކު ޕީއެސްއެމްގެ އޮޑިޓު ރިޕޯޓު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާންޖެހޭ އިރު، ފާއިތުވި 14 މަސްދުވަހު އެ ރިޕޯޓު މަޖިލީހަށްވެސް ހުށަހަޅާފައިނުވާ ކަމަށެވެ. އަދި އެއީ އެ ރިޕޯޓު ތައްޔާރު ނުކުރާތީ ކަމަށް އޭނާ ވިދާޅުވިއެވެ.
ޕީއެސްއެމުން އިއްޔެ ކުރި އިއުލާނެއްގައި ބުނީ، ފާއިތުވި 14 މަސް ދުވަހުގެ މަސައްކަތުގެ ފެންވަރާއި ލަނޑުދަނޑިތައް ކުންފުނިން އެދޭ ވަރަށް އޮޑިޓް ޑިޕާޓްމަންޓަށް ހާސިލުވެފައި ނުވާ ކަމަށެވެ. އަދި އެ ޑިޕާޓްމަންޓުން ކުންފުނީގެ މުވައްޒަފުންނަށް އަމާޒުކޮށް ތުހުމަތުތަކެއް ކުރަމުންދާ ކަމަށެވެ. އެހެންވެ ކުންފުނީގެ އޮޑިޓިން މަސައްކަތް އައުޓްސޯސް ކުރަން ނިންމާފައިވާ ކަމަށް ޕީއެސްއެމުން ބުންޏެވެ.
މިކަމާ ގުޅިގެން ފަޒީލް އިއްޔެ "ވަން" އަށް ވިދާޅުވީ ޕީއެސްއެމްގެ އިންޓާނަލް އޮޑިޓިން ކުރިން ކުރަނީ އައުޓްސޯސް ކޮށްގެން ކަމަށެވެ. އަދި ވިދާޅުވީ އިންޓާނަލް އޮޑިޓިން ޑިޕާޓްމަންޓުން 30 މައްސަލައެއް ބަލާފައިވާ ކަމަށެވެ. އަދި އޭގެ ތެރެއިން 14 މައްސަލައެއް ޕީއެސްއެމްގެ ބޯޑަށް ހުށަހެޅުމުން ފިޔަވަޅު އަޅަން މެނޭޖްމެންޓަށް އެންގި ކަމަށެވެ.
ފަޒީލް ވިދާޅުވީ އޮޑިޓް ޑިޕާޓްމަންޓުން އިސްކަން ދީގެން ބަލާފައިވަނީ މެނޭޖިން ޑިރެކްޓަރު އަލީ ހާލިދު ހުށަހެޅުއްވި މައްސަލަތައް ކަމަށާއި 14 ރިޕޯޓުގައިވެސް ކުންފުނީގެ ތެރޭގައި ބަޔަކު ހިންގަމުންދާ ހިޔާނާތުގެ ވަރަށް ބޮޑެތި މައްސަލަތަކުގެ ތަފްސީލު ހިމަނާފައިވާނެ ކަމަށެވެ. އަދި އެކަން ކުރާ މީހުންނާއި އެކަންކަން ރާވައި ހިންގާ ގޮތްތައްވެސް ބަޔާންކޮށްފައިވާނެ ކަމަށާއި އެ ހިޔާނާތްތަކުގެ ޖުމުލަ އަދަދު 100 މިލިއަން ރުފިޔާއަށް އަރާ ކަމަށް ފަޒީލް ވިދާޅުވިއެވެ.
މީގެ ތެރޭގައި ވަރަށް ގިނަ ޑިޕާޓްމަންޓުތަކުގެ 50 ވަރަކަށް މީހުން ޝާމިލުވާ ކަމަށާއި އެ 50 މީހުންގެ ތެރޭގައި އެތަނުގައި ވަރަށް ގިނަ ދުވަސްވީ މުވައްޒަފުންވެސް ހިމެނޭ ކަމަށް ފަޒީލް ވިދާޅުވިއެވެ. އަދި އެ ޑިޕާޓްމަންޓު އުވާލީ އެ މުވައްޒަފުންގެ ނުފޫޒުން ހިޔާނާތް ފޮރުވަން ކަމަށް ފަޒީލް ވަނީ ވިދާޅުވިއެވެ.
މި ތުހުމަތުތަކާ ގުޅިގެން އަލީ ހާލިދު ވިދާޅުވީ އެއްވެސް ކަމެއް އޭނާ ނުފޮރުވާ ކަމަށެވެ. އަދި ފޮރުވަން މަސައްކަތް ކުރާނަމަ ފާހަގަވެފައިވާ މައްސަލަތައް ބެލުމަށް އެންޓި ކޮރަޕްޝްން ކޮމިޝަން (އޭސީސީ) އަށާއި އިންޓާނަލް އޮޑިޓިން ޑިޕާޓްމަންޓަށްވެސް ހުށަނާޅާނެ ކަމަށެވެ.
"އަޅުގަނޑު ފޮރުވަން މަސައްކަތް ކުރާނަމަ އެ ވިދާޅުވާ 14 މައްސަލައެއްވެސް ބަލަން ހަވާލުކުރާނީ ކީއްވެގެންތޯ؟. އަދި އޭސީސީއަށް އެ މައްސަލަތައް ހުށަހަޅާންވީ ކީއްވެގެންތޯ؟. އަޅުގަނޑު އޮންނާނީ މި މައްސަލަތަކުގަ ހިމެނޭ މުވައްޒަފުންގެ ތެރެއިން ބައެއް މުވައްޒަފުންނަށްވެސް އެޅެން އޮތް ފިޔަވަޅެއް އަޅާފައި. އަދި އަނެއް ބައި މުވައްޒަފުންނަށް އަޅާނެ ފިޔަވަޅާ މެދު މިދަނީ މަޝްވަރާ ކުރަމުން،" އޭނާ ވިދާޅުވިއެވެ.
ހާލިދު އިތުރަށް ވިދާޅުވީ ފަޒީލް ކޮންމެ މުއައްސަސާއަކަށް މި މައްސަލަ ހުށަހެޅި ނަމަވެސް އެކަމުގައި އެއްބާރުލުން ދޭނެ ކަމަށެވެ. އަދި އޭސީސީއަށް ހުށަހަޅާފައިވާ މައްސަލަ ބެލުން ލަސްވާތީ އެކަމުގެ ކަންބޮޑުވުން ވެސް އޭނާ ފާޅުކުރެއްވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު