ކޮވެކްސް ފެސިލިޓީ މެދުވެރިކޮށް އެމެރިކާއިން ރާއްޖެއަށް 100،620 ޑޯޒް ފައިޒާ ވެކްސިން ހަދިޔާކޮށްފިއެވެ.

ރާއްޖޭގައި ހުންނަ އެމެރިކާގެ މިޝަނުން މިއަދު ނެރެފައިވާ ބަޔާނެއްގައި ބުނެފައި ވަނީ އެމެރިކާއިން ރާއްޖެއަށް އެހީތެރިވުމުގައި ސާބިތުވެހުރުމުގެ ގޮތުން 100،620 ޑޯޒް ވެކްސިން ހަދިޔާކޮށްފައިވާ ކަމަށެވެ.

އެމެރިކާއިން މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގައިވެސް ރާއްޖެއަށް ފައިޒާ ވެކްސިންގެ 100،620 ޑޯޒް ވަނީ ހަދިޔާކޮށްފައެވެ. އަދި މިދިޔަ ޖެނުއަރީ މަހުގެ ތެރޭގައިވެސް އެގައުމުން ވަނީ އިތުރު 439،920 ޑޯޒްގެ ފައިޒާ ވެކްސިން ހަދިޔާކޮށްފައެވެ.

ރާއްޖެއަށް އެމެރިކާ އިން ކަނޑައަޅާފައިވާ މިޝަންގެ ޝާޖޭ ޑި އެފެއާޒް އެންޑްރިއާ އެޕެލް ވިދާޅުވީ ވެކްސިން ހަދިޔާކުރުން ހިމެނޭ ގޮތަށް، ކޮވިޑް-19 އާ ގުޅިގެން އެމެރިކާ އިން ދިން އިޖާބައަކީ އެމެރިކާ ރައްޔިތުންގެ ހަގީގީ ދީލަތިކަން ސިފކޮށްދޭ ކަމެއް ކަމަށެވެ. އަދި އެމެރިކާ ސައިންޓިސްޓުންނާއި އުފެއްދުންތެރިކަމުގެ ހުށިޔާރުކަމާއި ލޮޖިސްޓިކްސް އަދި ބައިނަލްއަގުވާމީ ފެންވަރުގައި އޮޕަރޭޝަންތައް ހިންގުމުގެ ތަޖުރިބާ ބޭނުންކޮށްގެން، މުޅި ދުނިޔެއަށް ވެކްސިން ފޯރުކޮށްދިނުމުގައި އެމެރިކާއިން އެހީވަމުން އަންނަ ކަމަށް އޭނާ ވިދާޅުވިއެވެ.

އެމެރިކާ އިން ރާއްޖެއަށް ކަނޑައަޅާފައި ހުންނަ މިޝަނުން ބުނި ގޮތުގައި، ވެކްސިން ހަދިޔާކުރުމުގެ އިތުުރުން، އެމެރިކާ ސަރުކާރުގެ އެހީ ދޭ އިދާރާ ކަމަށްވާ ޔޫއެސްއެއިޑް މެދުވެރިކޮށް އެމެރިކާ އިން ރާއްޖެއަށް އެކި ގޮތްގޮތުން އެހީ ދެމުން އަންނަ ކަމަށެވެ. އޭގެ ތެރޭގައި އަތޮޅުތެރެއަށް ވެކްސިން ފޯރުކޮށްދިނުމާއި، ސިއްހީ ދާއިރާގެ މުވައްޒަފުންނަށް ތަމްރީނު ދިނުމުގެ އިތުރުން ރައްކާތެރިކަމާއެކު ވެކްސިން ޖެހުމަށް އާންމުންނަށް ގޮވާލުމަށް އެހީވަމުން އަންނަ ކަމަށް އެ މިޝަނުން ބުންޏެވެ.

ކޮވިޑު-19 ފެށުނީއްސުރެ އެމެރިކާއިން ވަނީ ރާއްޖެއަށް ހަތް މިލިއަން ޑޮލަރުގެ ހިލޭ އެހީ ފޯރުކޮށްދީފައެވެ. އޭގެ ތެރޭގައި 60 ވެންޓިލޭޓަރުވެސް ހިމެނެއެވެ.

އޭގެ އިތުރުން އެމެރިކާއިން ވަނީ 1.2 ބިލިއަން ޑޯޒް ވެކްސިން ދުނިޔޭގެ އެކި ކަންކޮޅުތަކަށް ހަދިޔާކުރުމަށް ނިންމައިފައެވެ. އެގޮތުން މިދިޔަ އޭޕްރީލް މަހުގެ ނިޔަލަށް އެމެރިކާއިން ވަނީ 533 މިލިއަނަށްވުރެ ގިނަ ޑޯޒްގެ ވެކްސިން 115 ގައުމަކަށް ހަދިޔާކޮށްފައެވެ.