އެފްއޭއެމްގެ 16 އަހަރުން ދަށުގެ ޔޫތު ޗެމްޕިއަންޝިޕްގައި ކްލަބު ވެލެންސިއާއިން ކުޅުނު ފުރަތަމަ މެޗުގައި ބޮޑު ތަފާތަކުން ދަ ގްރާންޑޭ ސްޕޯޓްސް ކްލަބު ބަލިކޮށްފިއެވެ.

ގައުމީ ދަނޑުގައި އިއްޔެ ހަވީރު ކުޅުނު މެޗުން ވެލެންސިއާ މޮޅުވީ 10-1 ގެ ނަތީޖާއަކުންނެވެ. އިއްޔެގެ ނަތީޖާއާއެކު ވެލެންސިއާއަށް ވަނީ ސެމީގެ ފުރުސަތު ވަރަށް ބޮޑުވެފައެވެ. އެއީ ވެލެންސިއާ ހިމެނޭ ގްރޫޕް ބީގައި މިވަގުތު އޮތީ ވެލެންސިއާ އާއި ދަ ގްރާންޑޭ އަދި ކްލަބު އީގަލްސް ހިމެނޭހެން ތިން ޓީމު ކަމަށްވާތީއެވެ.

އިއްޔެގެ މެޗުގައި ވެލެންސިއާގެ ކެޕްޓަން މުހައްމަދު ޖޫދު އަޝްފާގާއި އަގުސަން އަހުމަދު ނަސީމް ވަނީ ކޮންމެ ކުޅުންތެރިއަކު ހެޓްރިކެއް ހަދައިފައެވެ. އަނެއް ހަތަރު ގޯލު ޖެހީ މުހައްމަދު ނާމީ ނަޒީފް، މުހައްމަދު އައިހަމް އިބްރާހިމް، މުހައްމަދު ނައިސަމް ނަދީމް އަދި އަބްދުލް އައްވަލް މައުރޫފެވެ.

ވެލެންސިއާ އިން ފުރަތަމަ ހާފު ދެ ގޯލުގެ ލީޑެއްގައި އޮވެ ނިންމާލި އިރު، ދެވަނަ ހާފުގައި އިތުރު އަށް ގޯލު ޖެހިއެވެ. މެޗުގައި ދަ ގްރާންޑޭން ޖެހި ހަމައެކަނި ގޯލު މެޗުގެ ދެވަނަ ހާފުގައި ކާމިޔާބުކޮށްދިނީ ނަހުވާން އަހުމަދެވެ.

ޔޫތު ޗެމްޕިއަންޝިޕްގެ މެޗުތައް ދެން އޮތީ، މާދަމާއެވެ. މާދަމާ ހަވީރު މާޒިޔާ ކުޅޭނީ ޔުނައިޓެޑް ވިކްޓަރީ (ޔޫވީ)އާ ދެކޮޅަށެވެ. އަދި މާދަމާ ރޭ ކުޅޭ މެޗުގައި ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސް) ކުޅޭނީ ޓީސީ ސްޕޯޓްސް ކްލަބާ ދެކޮޅަށެވެ.

ޔޫތު ޗެމްޕިއަންޝިޕް ސްކޫލު ދުވަސްވަރު ކުރިއަށްދާތީ އެކަމުގެ ޝަކުވާތައް ބައެއް ފަރާތްތަކުން ކުރިމަތި ކުރުވާފައިވެއެވެ. އެގޮތުން އަތޮޅު ތެރޭގައި ތިބި ހުނަރުވެރި ކުޅުންތެރިންނަށް މުބާރާތުގައި ބައިވެރިވެ، ކުޅުމަށް ހުރަސްތަކާ ކުރިމަތިވެފައިވުމަކީ އަތޮޅު ތެރޭގައި ފުޓުބޯޅަ އެކަޑެމީތައް ހިންގާ ގިނަ ފަރާތްތަކުގެވެސް ކަންބޮޑުވުމެކެވެ. ހާއްސަކޮށް މި ދުވަސްވަރަކީ އިމްތިހާނުގެ ދުވަސްވަރު ކަމަށްވުމުން މުބާރާތް ކުއްލިއަކަށް ބޭއްވުމާއެކު ގިނަ ބަޔަކު ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.

ބެލެވޭ ގޮތުގައި އެފްއޭއެމްއިން މުބާރާތް އަވަސްކުރީ އަންނަ އޮކްޓޯބަރު މަހު ބާއްވާ 17 އަހަރުން ދަށުގެ އޭޝިއަން ކަޕް ކޮލިފައިންއަށް މި މުބާރާތުން ސްކޮޑެއް އެކުލަވާލަން ތައްޔާރުވާތީއެވެ. 17 އަހަރުން ދަށުގެ އޭޝިއަން ކަޕް ކޮލިފައިން ސައުދީ އަރަބިއްޔާގައި ކުރިއަށްދާ އިރު، އެ ޓީމާއި ރާއްޖޭގެ އިތުރުން ދެން އެއް ގްރޫޕެއްގައި އޮތީ އިންޑިއާ، މިޔަންމާ އަދި ކުވޭތެވެ.