ޕަބްލިކް ސާވިސް މީޑިއާ (ޕީއެސްއެމް)ގެ އިންޓާނަލް އޮޑިޓިން ޑިޕާޓްމެންޓް އުވާލީ 100 މިލިއަން ރުފިޔާގެ ހިޔާނާތް ފޮރުވަން ކަމަށް ޕީއެސްއެމްގެ ޗީޕް އިންޓާނަލް އޮފިސަރު އަހުމަދު ފަޒީލް ވިދާޅުވެއްޖެއެވެ.
ޕީއެސްއެމުން މިއަދުކުރި އިއުލާނެއްގައި ބުނީ، ފާއިތުވި 14 މަސް ދުވަހުގެ މަސައްކަތުގެ ފެންވަރާއި ލަނޑުދަނޑިތައް ކުންފުނިން އެދޭ ވަރަށް އޮޑިޓް ޑިޕާޓްމަންޓަށް ހާސިލްވެފައި ނުވާ ކަމަށެވެ. އަދި އެ ޑިޕާޓްމެންޓުން ދަނީ ކުންފުނީގެ މުވައްޒަފުން އަމާޒުކޮށް ތުހުމަތުތަކެއް ކުރަމުން ކަމަށެވެ. އެހެންވެ ކުންފުނީގެ އޮޑިޓިން މަސައްކަތް އައުޓްސޯސް ކުރަން ނިންމާފައިވާ ކަމަށް ޕީއެސްއެމުން ބުންޏެވެ.
ޕީއެސްއެމްގެ އެ އިއުލާނާ ގުޅިގެން ފަޒީލް މިއަދު "ވަން" އަށް ވިދާޅުވީ، ޕީއެސްއެމްގެ އިންޓާނަލް އޮޑިޓިން ކުރިން ކުރަނީ އައުޓްސޯސް ކޮށްގެން ކަމަށެވެ. އަދި ވިދާޅުވީ އިންޓާނަލް އޮޑިޓިން ޑިޕާޓްމެންޓުން 30 މައްސަލައެއް ބަލާފައިވާ ކަމަށެވެ. އަދި އޭގެ ތެރެއިން 14 މައްސަލައެއް ޕީއެސްއެމްގެ ބޯޑަށް ހުށަހެޅުމުން ފިޔަވަޅު އަޅަން މެނޭޖްމެންޓަށް އެންގި ކަމަށެވެ.
ފަޒީލް ވިދާޅުވީ އޮޑިޓް ޑިޕާޓްމަންޓުން އިސްކަން ދީގެން ބަލާފައިވަނީ މެނޭޖިން ޑިރެކްޓަރު އަލީ ހާލިދު ހުށައެޅުއްވި މައްސަލަތައް ކަމަށާއި 14 ރިޕޯޓްގައިވެސް ކުންފުނީތެރޭގައި ބަޔަކު ހިންގަމުންދާ ހިޔާނާތުގެ ވަރަށް ބޮޑެތި މައްސަލަތަކުގެ ތަފްސީލު ހިމަނާފައިވާނެ ކަމަށެވެ. އަދި އެކަން ކުރާ މީހުންނާއި އެކަންކަން ރާވައި ހިންގާ ގޮތްތައްވެސް ބަޔާންކޮށްފައިވާނެ ކަމަށާއި އެ ހިޔާނާތްތަކުގެ ޖުމްލަ އަދަދު 100 މިލިއަން ރުފިޔާއަށް އަރާ ކަމަށް ފަޒީލް ވިދާޅުވިއެވެ.
"ބޯޑުން ނިންމީ އަޣުލަބިއްޔަތަކުން ނޫން، ހަމަ ސީދާ އިއްތިފާގުން ނިންމީ އެ މީހުންނަށް ފިޔަވަޅު އަޅަން. މީގައި ވަރަށް ގިނަ ޑިޕާޓުމެންޓުތަކުގެ 50 ވަރަކަށް މީހުން އެބަ ޝާމިލުވޭ. ފައިނޭންސް ޑިޕާޓްމެންޓާ، ބިޑް ކޮމިޓީ، ޕްރޮކިއުމެންޓް ޑިޕާޓްމެންޓް،" ފަޒީލް ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ އެ 50 މީހުންގެ ތެރޭގައި ވަރަށް ދުވަސްވީ މުވައްޒަފުން ވެސް ހިމެނޭ ކަމަށާއި ބޯޑުން ފާސްކުރި ގޮތަށް ފިޔަވަޅު އަޅަމުން ނުދާތީ އެކަން މެނޭޖުމެންޓުގެ ސަމާލުކަމަށް ގެނެސްފައިވާނެ ކަމަށެވެ. އަދި ބޯޑު މެމްބަރުންގެ ސަމާލުކަމަށް ވެސް އެކަން ގެނެސްފައިވާނެ ކަމަށާއި މެނޭޖުމެންޓުގެ ސަމާލުކަމަށް ގެނައުމުން އެކަންތައް ހިނގާނުހިނގާ ގޮތް ބަލާނެ ކަމަށް އަލީ ހާލިދު ވިދާޅުވެފައިވާ ކަމަށްވެސް ފަޒީލް ވިދާޅުވިއެވެ.
ޕީއެސްއެމްގެ އެމްޑީ އަލީ ހާލިދަށް އެފަދަ މައްސަލަތަކުގައި އަމަލުކުރައްވާ ގޮތުގެ ޕްރޮސެސް ނޭނގޭ ކަމަށެވެ. އަދި އޮޑިޓް ޑިޕާޓްމެންޓުން ތަހުގީގުކޮށްފައިވާ މައްސަލަތަކެއްގެ ރިޕޯޓުތައް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އަށް ފޮނުވާފައިވުމަކީ ދެކޮޅު ޖެހޭ ކަމެއް ނޫން ކަމަށްވެސް ވެސް ފަޒީލު ވިދާޅުވިއެވެ.
މިދިއަ އަހަރުން ފެށިގެން އޮޑިޓްގެ މަސައްކަތަށް ޕީއެސްއެމްގެ މެނޭޖްމަންޓާއި ބޯޑުގެ އެއްވެސް ސަޕޯޓެއް ނުލިބޭ ކަމަށާއި އެއްބާރުލުން ނުލިބެނީ ހިޔާނާތާ ގުޅުންހުރި ތަންތަނުގައި ތިބި ދުވަސްވީ މުވައްޒިފުންގެ ނުފޫޒުގެ ސަބަބުން ކަމަށް ފަޒީލު ވިދާޅުވިއެވެ.
"މިހުރިހާ މީހުންގެ ޕްރެޝަރަށް އެމްޑީއަށް ކެތްނުކުރެވުނީމަ އެއްބާރުލުން ނުލިބެން ފެށީ. އެއީ އެމީހުން ބޭނުންނުވާނެ މިކަންތަކާ ގުޅިގެން އެމީހުންނަށް ފިޔަވަޅު އަޅާކަށް. އަދި އެމީހުން ކުރާ ކަންތައްތައް އެހެން ފަރާތްތަކަށް އެނގޭކަށް،" ފަޒީލު ވިދާޅުވިއެވެ.
ފަޒީލު ވިދާޅުވީ ކުއްލި ގޮތަކަށް އޮޑިޓް ޑިޕާޓްމަންޓް އުވާލާފައި ވަނީ ފިނޭންސް މިނިސްޓްރީގެ ސްޓޭޓް އިންޓާނަލް އޮޑިޓް ކޮމެޓީގެ ސަމާލުކަމަށް ހިޔާނާތުގެ މައްސަލަތައް ގެނެސްފައި ވަނިކޮށް ކަމަށެވެ. އަދި ޕީސީބީގެ ރައީސާ ބައްދަލުކޮށް އެކަމުގެ ތަފްސީލު ހިއްސާ ކޮށްފައި ވަނިކޮށް ކަމަށެވެ.
ކުއްލި ގޮތަކަށް އޮޑިޓް ޑިޕާޓްމަންޓް އުވާލައި އޮޑިޓްގެ ކަންކަން އައުޓްސޯސް ކުރުމަކީ ހިޔާނާތް ނުބަލައި އަަދި ހިޔާނާތް ފަޅާ އަރުވާލި ރިޕޯޓްތައް ފޮރުވަން ކުރި ކަމެއްގެ ގޮތުގައި ފަޒީލް ސިފަ ކުރެއްވިއެވެ. ފަޒީލް ވިދާޅުވީ 14 އޮޑިޓް ރިޕޯޓް އާންމުކުރަން އެ ކުންފުންޏަށް ނުކެރޭނެ ކަމަށާއި އެ ރިޕޯޓްތަކުގައި ކުންފުނީގައި ހުރި މައްސަލަތަކާއި ހިޔާނާތް ވަރަށް ސާފުކޮށް ލިޔެފައިވާނެ ކަމަށެވެ.
"100 މިލިއަންގެ ހިޔާނަތް ފޮރުވަން ކުރިކަމެއް އެއީ، އަޅުގަނޑަކީ އެތާ އެތެރޭގައި މަސައްކަތްކުރާ މީހެއް. ކަންތައްކުރާ ގޮތް އެނގޭތީ މި ދަންނަވަނީ ހަމަ އެކަން ފޮރުވަންކުރި ކަމެއް،" ފަޒީލު ވިދާޅުވިއެވެ.
ފަޒީލް އިތުރަށް ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގެ ސަމާލުކަމަށް ވެސް އެކަންތައްތައް ގެންނަން ނިންމާފައިވާ ކަމަށެވެ.
މިކަމާ ގުޅޭ ގޮތުން ޕީއެސްއެމް އެމްޑީގެ ބަހެއް ހޯދުމަށް ފޯނަށް ގުޅުމުން ޖަވާބުދެއްވައިފައެއް ނުވެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު